ކޯޓުގައި ވެސް ދިނީ ނަޝީދަށް މަރުގެ އިންޒާރު، އަދަބަކަށް އެއް މަހުގެ ޖަލު ހުކުމެއް

ރައީސް ނަޝީދަށް ހަމަލާ ދޭނެ ކަމަށް ބުނި މީހާ --

ރައީސް ނަޝީދު އެނބުރި މާލެ އަތުވެއްޖެނަމަ "އަބޫ ޖަހުލަށް ހެދި ގޮތް ހަދާނޭ" ކަމަށް ބުނި މީހާ ޝަރީއަތުގެ މަޖިލީހުގައި ވެސް އެމަނިކުފާނަށް މަރުގެ އިންޒާރު ދިނުމުން ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބަލައި އެއް މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން މިދިޔަ މަހުގެ 23 ވަނަ ދުވަހު ރ. މީދޫއިން ހައްޔަރުކޮށްފައިވަނީ އުމުރުން 40 އަހަރުގެ އިސްމާއިލް ޔާސިފް ނަމަކަށް ކިޔާ މީހެކެވެ. މީގެ ކުރިން ވެސް ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ކުށުގައި އޭނާއަށް ވަނީ 15 ދުވަހުގެ ޖަލު ހުކުމެއް ކޮށްފައެވެ. އެ ހުކުމްކުރީ މުއްދަތު އިތުރުކުރުމަށް ރ. އުނގޫފާރު ކޯޓަށް އޭނާ ހާޒިރު ކުރުމަށް ފަހުއެވެ.

ޔާސިފްގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، ޝަރީއަތުގެ މަޖިލީހުގައި ވެސް ޔާސިފް ވަނީ ރައީސް ނަޝީދަށް މަރުގެ އިންޒާރު ދީފަ އެވެ. އެއާ އެކު ރިޔާސަތުގައި އިންނެވި ގާޒީ އަލީ އާދަމް ނިންމެވީ، ކޯޓުގެ ހުރުމަތް ކެނޑިކަމަށް ނިންމައި އެއް މަސް ދުވަހަށް އޭނާ ޖަލަށް ލުމަށެވެ.

ގާޒީ އަލީ އާދަމް އެގޮތަށް ހުކުމް އިއްވެވުމުން ވެސް ޔާސިފް ވަނީ ކޯޓް ރޫމްގައި ރައީސް ނަޝީދަށް މަރުގެ އިންޒާރުދީ އޭނާ ދެއްކި ވާހަކަތައް ތަކުރާރުކޮށްފަ އެވެ.

ރައީސް ނަޝީދު މިވަގުތު ހުންނެވީ މޭ ހަވަނަ ދުވަހު އެމަނިކުފާނަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ލިބުނު ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް އިނގިރޭސިވިލާތުގައެވެ. އެމަނިކުފާނު ވަނީ މިފަހުން މަޖިލީހަށް އެޑްރެސްކޮށް ފޮނުއްވި ސިޓީއެއްގައި އެނބުރި ރާއްޖެއަށް ވަޑައިގަތުމަށް ފަސްޖެހޭކަމަށްވެސް ވިދާޅުވެފައެވެ. އޭގެ ސަބަބެއް ކަމަށް ފާހަގަ ކުރެއްވީ އެމަނިކުފާނަށް އަމާޒުކޮށް ދިން ހަމަލާއަށް ފަންޑު ކުރި މީހުން ދޫވެފައި ހުރުމެވެ.

comment ކޮމެންޓް