މާރަންދޫ ފެނާއި ނަރުދަމާގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

މާރަންދޫ ފެނާއި ނަރުދަމާގެ މަސައްކަތް އަންނަނީ ހަލުވި ސްޕީޑުގައި ކުރެވެމުން

ހއ. މާރަންދޫ ގައި ކުރިއަށްދާ ފެނާއި ނަރުދަމާ ތަރައްގީކުރުމުގެ މަޝްރޫއު ހަލުވިކަމާއެކު ކުރިއަށްދާކަމަށް މޯލްޑިވްސް ވޯޓާ އެންޑް ސިވެރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ބުނެފިއެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ މިހާރު ކުރިއަށްދަނީ ފެން ޕްލާންޓް ބަހައްޓަން އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގް އިމާރާތްކުރުމުގެ މަސައްކަތްކަމަށެވެ. އަދި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު މާރަންދޫއަށް ގެންދެވިފައިވާކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

މީގެ އިތުރުން ވެސް އެ ކުންފުނިން ބުނީ މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން މާރަންދޫގައި 8.21 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކެއް އެޅުމަށް ނިންމައިފައިވާކަމަށެވެ.

އެއާއެކު އާރު.އޯ ފެސިލިޓީ ބިލްޑިންގް އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި ދެ އާރު.އޯ ޕްލާންޓް ބެހެއްޓުމުގެ މަސައްކަތްކުރުމަށް ވެސް ނިންމައިފައިވާކަމަށް އެ ކުންފުނިން ބުންޏެވެ. އެގޮތުން ފެން ރައްކާކުރުމަށްޓަކައި ތިން ތާނގި ބަހައްޓާނެކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

މަޝްރޫއު ނިމިގެންދާއިރު އެރަށު ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެކަމަށް އެމްޑަބްލިއުއެސްސީ އިން ބުންޏެވެ.

މި މަޝްރޫގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން މާރަންދޫގައި 6.03 ކިލޯމީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ގާއިމްކުރުމުގެ މަސައްކަތްކުރިއަށް ގެންދާނެއެވެ. އަދި 800 މީޓަރުގެ ޕަންޕިން ލައިން އެޅުމާއި، ނަރުދަމާގެ އިދާރީ ބިލްޑިންގް އިމާރާތް ކުރުމުގެ އިތުރުން ތިން ޕަންޕިންގް ސްޓޭޝަނާއި އަދި އެއް ސީއައުޓް ފޯލް ގާއިމްކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެއެވެ.

މީގެއިތުރުން، ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެވޭނެކަމަށް އެމްޑަބްލިއުއެސްސީއިން ބުންޏެވެ.

ހަމައެއާއެކު މިމަޝްރޫގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނުވެސް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

މާރަންދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މިމަޝްރޫގެ އަގަކީ 72.8 މިލިއަން ރުފިޔާއެވެ. އަދި މި މި މަޝްރޫއު އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވަނީ 540 ދުވަހުން މަސައްކަތް ނިންމާ ގޮތަށެވެ.

comment ކޮމެންޓް