ހިރިމަރަދޫ ފެނާއި ނަރުދަމާގެ މަސައްކަތް ބާރަށް ކުރިއަށް

ހިރިމަރަދޫގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރަނީ --- ފޮޓޯ/އެމްޑަބްލިއުއެސްސީ

ހދ. ހިރިމަރަދޫގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމުގެ އަމަލީ މަސައްކަތްތައް ކުރިއަށްދާ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެފިއެވެ.

އެމްޑަބްލިއުއެސްސީން ބުނީ އެރަށުގައި މިހާރު ކުރިއަދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތްކުރުމުގެ މަސައްކަތް ކަމަށެވެ. އަދި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު ހިރިމަރަދޫއަށް ގެންގޮސްފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ހިރިމަރަދޫ ފެނާއި ނަރުދަމާގެ މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ހިރިމަރަދޫގައި 8.06 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމް ކުރުމާއި އާރޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި ދެ އާރޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި ތިން ތާންގީ ބެހެއްޓުން ހިމެނެއެވެ.

އެގޮތުން ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، އެ ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދޭނެއެވެ.

އަދި ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ހިރިމަރަދޫގައި 5.02 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ގާއިމްކުރުމާއި، 1.12 ކިލޯ މީޓަރުގެ ޕަންޕިން ލައިން އެޅުމާއި، ނަރުދަމާގެ އިދާރީ ބިލްޑިން އިމާރާތް ކުރުމާއި، ތިން ޕަންޕިން ސްޓޭޝަނާއި އަދި އެއް ސީ އައުޓް ފޯލް ގާއިމްކުރުން ހިމެނެއެވެ. އޭގެ އިތުރުން ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ އެ ގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދޭނެއެވެ.

އެ މަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ހިރިމަރަދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއަކީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޑަބވްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ އަގަކީ ޖުމްލަ 69,140,251.04 މިލިއަން ދިވެހި ރުފިޔާއެވެ. މި މަޝްރޫއުގެ މުއްދަތަކީ 540 ދުވަހެވެ. މިމަޝްރޫއުގެ މަސައްކަތް ނިމުމުން ހިރިމަރަދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބޭނެއެވެ.

comment ކޮމެންޓް