މޭ ހައެއް ހަމަލާ: ޝަރީއަތް ނިމެންދެން ހައިޝަމް ބަންދަށް

މޭ ހަވަނަ ދުވަހު ރައީސް ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ތުހުމަތުކުރެވޭ އަލީ ހައިޝަމް -- ފޮޓޯ/ ޕޮލިސް

މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވާ ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކުރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

"ސަން" އަށް އެނގިފައިވާގޮތުގައި ހައިޝަމް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު، މި މައްސަލައިގައި ދެން ދައުވާ އުފުލާފައިވާ، ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދާއި، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހްމަދު ރަޝީދާއި މއ. ފޭރުގެ، މުޖާޒު އަހުމަދު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކުރިން ނިންމި ނިންމުމަށް ބަދަލެއް ގެނައުމަށް ކޯޓުން ނިންމާފައެއް ނުވެއެވެ.

އަލީ ހައިޝަމަކީ ރައީސް ނަޝީދު އަވަހާރަކޮށްލުމުގެ ގޮތުން މޭ ހަ ވަނަ ދުވަހު ދިން ހަމަލާ ރޭވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެކަކުގެ ގޮތުގައި ފުލުހުން ތުހުމަތުކުރާ މީހެކެވެ.

ހައިޝަމަށް ޖުމްލަ ތިން ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ ގޮވާ ތަކެތި އެހެންތަނަކަށް ގެންދިޔުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާއާއި، ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާގެ އިތުރުން ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާއެވެ.

ހަމަލާއާއި ގުޅިގެން ހައިޝަމް ހިމެނޭ ގޮތަށް ހަތަރު މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ.

އަދި ދައުވާކުރުމަށް ފަސް މީހެއްގެ ނަން، ފުލުހުން ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި ނަމަވެސް އޭގެ ތެރެއިން ލ. ގަން، ދުންފިނިއުފާ، އަހުމަދު ފާތިހުއަށް ދައުވާ ކުރެވޭ ވަރަށް ހެކި ނެތް ކަމަށް ޕީޖީ ޝަމީމް ވަނީ ވިދާޅުވެފައެވެ.

އަދި އެއާއެކު ފާތިހު ވަނީ ފުލުހުންގެ ބަންދުންވެސް ދޫކޮށްލާފައެވެ.

ހަމަލާގައި ބައިވެރިވަކުމުގެ ތުހުމަތުގައި ބަންދުގައި އިތުރު މީހުން:

  • ކ. މާލެ، ކުދެހިގެ، އިސްހާގު
  • ގއ. ވިލިނގިލި، ހުދުރުވާގެ، ފަހުމީ އަލީ
  • އއ. މާޅޮސް، އަސަރީގެ، މުހައްމަދު ނާޒިމް
  • ހއ. މުޅަދޫ، ބަހާރުގެ، އަބްދުﷲ އަލި މަނިކު
  • ހއ. ހޯރަފުށި، އަލަނާސިގެ، މުހައްމަދު ތަސްލީމް

މޭ ހަވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަކީ އެމަނިކުފާނުގެ ގެކޮޅު ހުންނަ ނީލޯފަރު ހިނގުމުގައި ޕާކްކޮށްފައި ހުރި ސައިކަލެއްގައި އައިޑީއެއް ހަރުކޮށް ގޮއްވާލައިގެން ދިން ހަމަލާއެކެވެ.

comment ކޮމެންޓް