ނަޝީދުގެ ރައްދު މަހުލޫފަށް: ޔާމީނަށް އެކަނި ދައުވާކޮށްފިނަމަ "ދަައުލަތް އޮރިޔާން" ވާނެ

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ތެރެއިން ރައީސް ނަޝީދު---

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގަައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އެކަނި ދައުވާ ކުރުމަށްވުރެ ބޮޑަށް "ދައުލަތް އޮރިޔާން" ވާނެ ކަމެއް ނެތް ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ، އޭނާގެ މައްޗަށް ތުހުމަތުކުރާ އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގެ ދައުވާ ސާބިތުކުރެވޭ ވަރަށް ހެކި ނުހުންނާނެ ކަަމަށާއި، އެ މައްސަލަ ކޯޓަށް ފޮނުވައިފިނަމަ "ދައުލަތް އޮރިޔާން" ވާނެ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވުމާ ގުޅިގެންނެވެ.

އެމްޑީޕީގެ ވަޓްސްއެޕް ގުރޫޕަކަށް ރައީސް ނަޝީދު ކުރެއްވި މެސެޖެއްގައި ވަނީ އެމްއެމްޕީއާރުސީ މައްސަލައިގައި ދައުވާތައް ނުކުރެވެންވީ ސަބަބެއް ނެތް ކަަމަށެވެ.

އަދި އެ މައްސަލައިގައި ރައީސް ޔާމީނަށް އެކަނި ދައުވާ ކުރުމަކީ ވަރަށް ހުތުރު ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އެއަށްވުރެ ބޮޑަށް ދައުލަތް އޮރިޔާން ވާނެ ކަމެއް ނެތް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

މިނިސްޓަރު މަހުލޫފުގެ މައްޗައް ދައުވާކުރުމަށް "ބަޔަކު" އަޑީގައި ތިބެގެން ނުފޫޒު ފޯރުވާ ކަމަށާއި މައްސަލައިގެ ހެކި ހޯދުމުގައި މައްސަލަތަކެއް ހުރި ކަމަށް މަހްލޫފު ވަނީ ވިދާޅުވެފައެވެ.

މަހްލޫފު ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް މަރިޔަމް ޝިއުނާ އާއި އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހްމަދު އައްސަދު އެ މައްސަލަ ވަކި ގޮތަކަށް ނިންމުމަށް މަސައްކަތް ކުރާ ކަަމަށެވެ. އަދި އެމީހުން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށްވެސް ޕްރެޝަރު ކޮށްފައިވާ ކަމަށް މަހްލޫފު ވިދާޅުވިއެވެ.

މަހްލޫފު ވިދާޅުވީ ކޯޓަށް އޭނާގެ މައްސަލަ ފޮނުވައިފިނަމަ، "ދައުލަތް އޮރިޔާން" ވާނެ ކަމަށާއި، އެމްއެމްޕީއާރުސީ މައްސަލައިގަ އެކަކަށްވެސް ދައުވާ ނުކުރެވޭ ފަދަ މައްސަލައަކަށް ވެގެންދާނެ ކަމަށެވެ.

https://sun.mv/155450

އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލި އެމްއެމްޕީއާރުސީ ހިޔާނާތުގެ ތުހުމަތު ކުރެވޭ މީހުންގެ ލިސްޓުގައި ގިނަ އަދަދެއްގެ ނަންތައް ހިމަނާފައިވީ ނަމަވެސް، އެ މައްސަލައިގައި މިހާތަނަށް ދައުވާކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އެކަންޏެވެ.

އަދި އެ މައްސަލައިގެ ތުހުމަތުގައި މަހްލޫފުގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވުމާއެކު އޭނާ ވަނީ މަގާމުގެ މަސްއޫލިއްޔަތު ތަކުން ސަސްޕެންޑުކޮށްފައެވެ.

comment ކޮމެންޓް