މެކްސިކޯގެ ކުރީގެ ރައީސުން ތަހުގީގު ކުރުމާ ބެހޭގޮތުން ހިޔާލު ހޯދަނީ

މެކްސިކޯގައި ރައީސުން ތަހުގީގު ކުރުމާ ބެހޭ ގޮތުން ހިޔާލު ހޯދުމަށް ބާއްވާ ވޯޓުގެ އިޝްތިހާރެއް -- ފޮޓޯ: އޭޕީ

މެކްސިކޯ ސިޓީ (އޮގަސްޓު 2): މެކްސިކޯގެ ކުރީގެ ރައީސުންގެ މައްޗަށްކޮށްފައިވާ ކޮރަޕްޝަނުގެ ތުހުމަތުތައް ތަހުގީގު ކުރުމާ ބެހޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް މިއަދު ނަގަން ފަށައިފިއެވެ.

މެކްސިކޯގެ ކުރީގެ ރައީސުން ތަހުގީގު ކުރުމާ ބެހޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައީސް ލޯޕޭޒް އޮބްރަޑޯ އެންގެވީ އެގައުމުގައި މީގެ ކުރިން އޮތް ސަރުކާރުތަކުން ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެއްވުމަށް ފަހުގައެވެ. އެގޮތުން 1988 އިން 2018 އަށް އެގައުމުގައި އޮތް ސަރުކާރުތަކުން ގައުމުގެ ހާލަތު އިތުރަށް ގޯސްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައްޔިތުން ބޭނުން ވަނީ އެމީހުންނަށް ބައިވެރިވެވޭ ޑިމޮކްރަސީއެއް ހަމައެކަނި އެމީހުން ތަމްސީލުކޮށްދޭ ޑިމޮކްރަސީއެއް ނޫން. [ސަރުކާރުން] ރައްޔިތުން ދެކެ ބިރު ނުގަނެ، އެމީހުންނާއި އެމީހުންގެ އަމިއްލަ އިހުތިޔާރަށް އިތުބާރު ކުރަން ޖެހޭ،" މިދިޔަ ހަފްތާގައި އޮބްރަޑޯ ވިދާޅުވިއެވެ.

މެކްސިކޯ ގަޑިން ހެނދުނު 8:00 އިން 18:00 އަށް ކުރިއަށް ގެންދާ އެ ވޯޓުގެ ނަތީޖާ ބަލައިގަނެވޭނީ އެގައުމުގެ 127 މިލިއަން މީހުންގެ އާބާދީގެ ތެރެއިން 40 ޕަސެންޓު މީހުން ވޯޓުގައި ބައިވެރިވުމުންނެވެ. އެ ވޯޓުގައި ރައީސުން ތަހުުގީގު ކުރަން އަގުލަބިއްޔަތު ލިބިއްޖެ ދެން އަމަލު ކުރާނެ ގޮތެއް އޮބްރަޑޯގެ ސަރުކާރުން ހާމަކޮށްފައި ނުވެއެވެ.

ނަމަވެސް އެ ވޯޓަށް ފާޑު ކިޔާ ފަރާތްތަކުން ވަނީ އެ ނަތީޖާ ބަލައިގަނެވޭ ވަރަށް މީހުން ރެފަރެންޑަމްގައި ބައިވެރި ނުވަނެ ކަމަށް ލަފާކޮށްފައެވެ. އަދި ކުރީގެ ރައީސުންގެ މައްސަލަތައް އެހެން މައްސަލަތަކެކޭ އެއްގޮތަށް ތަހުގީގު ކުރަން ގާނޫނުން ޖާގަ ދީފައި އޮންނަ އިރު އެ ވޯޓު ބޭއްވުމަކީ ބޭކާރު ކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ.

އޮބްރަޑޯއަށް ފާޑު ކިޔާ ފަރާތްތަކުން ބުނާ ގޮތުގައި އެ ވޯޓުގެ މަގުސަދަކީ އޭނާއަށް މެކްސިކޯގައި ތާއިދު އޮތްކަން ދެއްކުމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް