މެކްސިކޯގެ ފައިޓަރެއްގެ އިންޒާރު މެސީއަށް: އަހަންނާ ދިމާ ނުވޭތޯ ދުޢާ ކުރޭ

މެސީ (ކ) އާއި ކެނެލޯ އަލްވަރޭޒް --

މެކްސިކޯގެ ދިދައަށް އިހްތިރާމް ކުޑަކުރި ކަމަށް ބުނެ، މެކްސިކޯ އަށް ނިސްބަތާ ބޮކްސިންގް ޗެމްޕިއަން ކަނޭލޯ އަލްވަރޭޒް، އާޖެންޓީނާގެ ފުޓުބޯޅަ ޓީމުގެ ކެޕްޓަން އަދި ދުނިޔޭގެ އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ލިއޮނެލް މެސީ އަށް ވަރުގަދަ އިންޒާރެއް ދީފިއެވެ.

މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯ އަކުން ފެންނަ ގޮތުގައި، އާޖެންޓީނާއިން މެކްސިކޯ އާއި ބައްދަލުކުރި މެޗުގައި ހޯދި ކާމިޔާބީ އަށްފަހު، ޗޭންޖިންގް ރޫމުގައި އެ ޓީމުގެ ކުޅުންތެރިން އުފާ ފާޅު ކުރަމުން ދިޔައިރު، މެކްސިކޯ ކުޅުންތެރިއެއްގެ ޖާޒީ ބިންމަތީގައި އޮތެވެ.

އެ މެޗުގައި އާޖެންޓީނާ އިން ލީޑު ނެގީވެސް މެސީ ޖަހައިދިން ހިތްގައިމު ލަނޑަކުންނެވެ.

މި ވީޑިއޯގެ ސްކްރީންޝޮޓް ތަކެއް ވަކިން ނަގައިގެން މީސްމީޑިއާގައި ދައުރު ކޮށްފައިވާއިރު، އެ ފޮޓޯތަކުގެ ކެޕްޝަންގައި ބުނެފައި ވަނީ، އުފާ ފާޅުކުރުމުގެ ތެރެއިން މެސީ މެކްސިކޯގެ ޖާޒީ އަކަށް ފައިން އެރި ކަމަށާއި، އޭގައި ކޮޅުފައިން ޖެހި ކަމަށެވެ. އަދި ނަގާފައިވާ ސްކްރީންޝޮޓުތަކުން އެ މަންޒަރު ސިފަވެއެވެ.

ދައުރުވަމުންދާ ފޮޓޯތައް --

އެހެންނަމަވެސް މުޅި ވީޑިއޯ ބަލާލުމުން، އެ ޖާޒީ މައްޗަށް މެސީ ކޮޅުފައިން ނާރާކަން އެނގެއެވެ. އަދި އެއް ފައިގައި އިން ބޫޓު ނައްޓާލުމަށް ފައި ހިއްލާލާ ވަގުތު، ޖާޒީގައި ޖެހޭތަން ފެނެއެވެ. ވީޑިއޯ އިން ފެންނަ މަންޒަރަށް ބަލާއިރު މިއީ އޭނާ ގަސްތަކާ ލައިގެން ކުރި ކަމެއްގެ ގޮތުގައި ނުބެލެވެއެވެ.

ވީޑިއޯ އިން ނަގާފައިވާ ސްކްރީންޝޮޓުތައް ދައުރުވާން ފެށުމުން ކަނޭލޯ އަލްވަރޭޒް ވަނީ އޭނާގެ ގައުމުގެ ގައުމީ ޓީމުގެ ޖާޒީ އަށާއި، އެ ޖާޒީގައި އިން ގައުމީ ދިދަ އަށް މެސީ އިހާނާތްތެރިކޮށް ހިތި ކަމަށް ބުނެ އެކަމުގެ ނުރުހުން އަމާޒު ކޮށްފައެވެ.

ކަނޭލޯ އަލްވަރޭޒް ބުނީ، އޭނާ އާޖެންޓީނާ އަށާއި އެގައުމުގެ ރައްޔިތުންނަށް އިހްތިރާމް ކުރާ ފަދައިން މެސީ ވެސް މެކްސިކޯ އަށާއި މެކްސިކޯ ރައްޔިތުންނަށް އިހްތިރާމް ކުރަން ޖެހޭނެ ކަމަށެވެ.

މެސީ އަށް އިންޒާރު ދެމުން ކަނޭލޯ އަލްވަރޭޒް ބުނީ، މެސީ އަށް އެންމެ ރަނގަޅު ގޮތަކީ އޭނާއާ ދިމާ ނުވޭތޯ ދުޢާ ކުރުން ކަމަށެވެ.

މި އިންޒާރާ ގުޅިގެން އަދި މުޅި މި ހުރިހާ ކަމަކާއި ގުޅޭގޮތުން އެކި ފަރާތްތަކުން ދަނީ އެކި ގޮތަށް ވާހަކަ ދައްކަމުންނެވެ.

މިޒާޖުގައި މަޑުމައިތިރި ގޮތެއް ހުންނަ މެސީ އަކީ އާންމު ގޮތެއްގައި ވަރަށް ޑިސިޕްލިންޑް ކުޅުންތެރިއެކެވެ. އެހެންނަމަވެސް ބައެއ ފަހަރު މެސީގެ ފަރާތުންވެސް ރުޅިވެރި ކަމާއި، އަހުލާގީ ގޮތުން ދަށް ފެންވަރުގެ ކަންކަން ފެނެއެވެ.

comment ކޮމެންޓް