ސައުދީ އަތުން މޮޅުވި ނަމަވެސް މެކްސިކޯއަށް ވޯލްޑް ކަޕް ނިމިއްޖެ

ފޮޓޯ/ގެޓީ އިމޭޖަސް

ފީފާ ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގައި ގްރޫޕް ސީގެ ޓީމުތަކުގެ ފަހު މެޗުތައް މިރޭ ކުޅުނުއިރު، މެކްސިކޯ އިން ސައުދީ އަރަބިއްޔާގެ މައްޗަށް ކުރިހޯދައިފިއެވެ.

މި މެޗުން މެކްސިކޯ މޮޅުވެ، ޕޮއިންޓުގެ ގޮތުން ތާވަލުގެ ދެވަނައިގައި އޮތް ޕޮލެންޑާ އެއްވަރުވި ނަމަވެސް، ލަނޑުގެ ތަފާތުން ކުރި ނުލިބި މެކްސިކޯ ވަނީ މުބާރާތުން ކަޓާފައެވެ.

މި ގުރޫޕުގެ ޕޮއިންޓް ތާވަލަށް ބަލާލާއިރު، އެއްވަނައިގައި އާޖެންޓީނާ އޮތީ ތިން މެޗުން ހަ ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް ޕޮލެންޑަށް ހަތަރު ޕޮއިންޓު ލިބިފައިވާއިރު، ތިންވަނައިގައި މެކްސިކޯ އޮތީވެސް ހަތަރު ޕޮއިންޓާއެކުއެވެ. ފުލުގައި އޮތީ ތިން ޕޮއިންޓާއެކު އޮތް ސައުދީ އަރަބިއްޔާ އެވެ. ތާވަލުގައި ކުރި ލިބި، ރައުންޑް އޮފް 16 ގެ ޖާގައެއް ޕޮލެންޑަށް ކަށަވަރުވީ، ފައިދާ ގޯލުގެ ތަފާތުން އެޓީމަށް ކުރި ލިބޭތީ އެވެ.

މި މެޗުތަކާ ކުރިމަތިލި އިރު، ހުރިހާ ޓީމަކަށް ވެސް ދެވަނަ ބުރަށް ދަތުރު ކުރުމުގެ ފުރުސަތު އޮތްއިރު، ގަތަރުގެ ލުސެއިލް ސްޓޭޑިއަމުގައި މެކްސިކޯ އާއި ސައުދީ އަރަބިއްޔާ ބައްދަލު ކުރި މެޗުން މެކްސިކޯ މޮޅުވީ 1-2 ގެ ނަތީޖާ އަކުންނެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް މެކްސިކޯ އިންނެވެ. އެއީ ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ހެންރީ މާޓިން އެވެ.

މެކްސިކޯ އިން ލީޑު ފުޅާކުރީ މެޗުގެ 52 ވަނަ މިނެޓުގައި ހިލޭ ޖެހުމަކުން ލުއިސް ޗާވޭސް ޖެހި ލަނޑާއެކުއެވެ.

މި ނަތީޖާއާ އެކު، އާޖެންޓީނާ އާއި ޕޮލެންޑު ބައްދަލުކުރި މެޗު ނިމުނު ގޮތުން، ޕޮއިންޓުގެ ގޮތުން، ފައިދާ ގޯލުގެ ތަފާތު އަދި ޖެހި ލަނޑާއި ބައިކޮޅަށް ވަން ލަނޑުގެ ތަފާތުވެސް އެއްވަރުވެ، މި ދެ ޓީމު ކުޅުނު މެޗުގެ ނަތީޖާ ވެސް އެއްވަރުވެފައި އޮތުމުން، ފެއާ ޕްލޭ އުސޫލަށް ބަލައިގެން ވެސް ތާވަލުގެ ދެވަނަ ލިބެނީ ޕޮލެންޑަށެވެ.

އެހެންކަމުން މެކްސިކޯ އިން އިތުރު ލަނޑެއް ޖެހި ނަމަ ލަނޑުގެ ތަފާތުން މެކްސިކޯ އަށް ކުރި ލިބުނީހެވެ. އެހެންނަމަވެސް މޮޅަށް ކުޅެމުންދިޔަ މެކްސިކޯ މާޔޫސް ކޮށްލާ، އެޓީމު މުބާރާތުން ކެޓީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައި ސައުދީން ލަނޑެއް ޖަހައި ފަރަގު ކުޑަކުރުމުންނެވެ. މި ލަނޑު ސައުދީ އަށް ކާމިޔާބު ކޮށްދިނީ ހައްތާން ބަހޭބްރީ އެވެ.

މިއާއެކު ފައިދާ ގޯލުގައި އެއް ލަނޑުގެ ތަފާތުން ކުރި ލިބި ޕޮލެންޑް ދެވަނަ ބުރަށް ދަތުރު ކުރީއެވެ.

ފޮޓޯ/ގެޓީ އިމޭޖަސް --

ގްރޫޕް ސްޓޭޖާއި ހަމައިން މެކްސިކޯ އަށް މި ފަހަރުގެ ވޯލްޑް ކަޕް ނިމުނުއިރު، މިއީ 1978 ވަނަ އަހަރަށް ފަހު މެކްސިކޯ އިން ކުޅުނު ނުވަ ވޯލްޑް ކަޕުގެ ތެރެއިން، އެޓީމަށް ރައުންޑް އޮފް 16 ގެ ޖާގައެއް ނުލިބުނު ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް