ޖަލުގައި ނަޝީދަށް އަނިޔާކުރަން ނާންގަން: މައުމޫން

2019 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ކުރީގެ ދެ ރައީސުން މައުމޫން އަދި ނަޝީދު އެކުގައި --- ސަން ފޮޓޯ

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ޖަލުގައި ހުންނެވި އިރު އެއްވެސް އަނިޔާއެއް ދިނުމަށް އަންގާފައި ނުވާނެ ކަމަށް އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ. މައުމޫން ވިދާޅުވީ އެމަނިކުފާނަށް "އެނގިގެން އެކަހަލަ ކަމެއް ނުހިނގާނެ" ކަމަށެވެ.

ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި މިއަދު ހެނދުނު ވާހަކަދައްކަވަމުން ރައީސް މައުމޫން ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ރައީސް މުހައްމަދު ނަޝީދަށް ޖަލުގައި އަނިޔާކުރި ވާހަކަތައް ދޮގުކުރައްވާފައެވެ. އަދި ރައީސް ނަޝީދަށް ޖަލުގައި ފުޅިތޮށި ކާންދިނުމާއި ޖަނަރޭޓަރެއްގައި ބަނދެފައި ބެހެއްޓި ވާހަކަތައްވެސް ރައީށް މައުމޫން ދޮގުކުރެއްވިއެވެ.

"ރައީސް ނަޝީދަކީ ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ އަޅުގަނޑުމެންގެ ގަދަރާއި އިހްތިރާމް ލިބިވަޑައިގެންފައިވާ ބޭފުޅެއް. މިކަހަލަ މަގާމެއްގައި ހުންނެވި ބޭފުޅަކު އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ދައްކަވާފާނެކަމަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ. ކަމުގެ ހަގީގަތަކީ އެކަހަލަ ކަމެއް ހިނގާފައެއް ނޯންނާނެ. އެއްވެސް މީހަކަށް ފުޅިތޮށި އަޅައިގެން ކާންދީފައެއް ނޯންނާނެ."

މައުމޫން ވިދާޅުވީ ވެރިކަމުގައި ހުންނެވި އިރު ޖަލުގައި އަނިޔާކުރާ ކަމުގެ މައުލޫމާތު ލިބިވަޑައިގަންނަވާ ކަމަށާއި އެކަހަލަ ކަމެއްގެ މައުލޫމާތު ލިބިއްޖެނަމަ އެކަންކަން ބެލުމަށް ކޮމިޓީ އެކުލަވާލައިގެން މައްސަލަ ބަލައި ތަހުގީގުކޮށް, ކުށް ސާބިތުވާ ނަމަ ޝަރީއަތަށް ވެސް ފޮނުވާފައި ހުންނާނެ ކަމަށެވެ.

ރައީސް މައުމޫން ވިދާޅުވީ ޖަލުގައި އަނިޔާ ދިނުމަކީ ސަރުކާރަށް ނޭނގި ހިނގާފައި ހުންނަ ކަންކަން ކަމަށާޢި އެމަނިކުފާނުގެ ވެރިކަމުގައާއި އޭގެ ކުރިން ވެސް ހިނގި, އަދި މިހާރު ވެސް ހިނގަމުންދާނެ ކަންކަން ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެއީ ހިނގައިގެން ވާނެ ކަމެއް ނޫންކަމަށް މައުމޫން ވިދާޅުވިއެވެ.

"އެއްވެސް އިރެއްގައި ޖަލުގައި މީހަކަށް, ބަޔަކަށް އަނިޔާ ކުރުމަކީ އަޅުގަނޑު ބަލައިގަންނާނެ ކަމެއް ނޫން. ރުހޭ ކަމެއް ނޫން. އެއްވެސް އިރެއްގައި ނީންނާނެ ހުއްދައެއް ދީފައެއް. އެކަހަލަ ކަންކަން ކޮށްގެން ނުވާނެ," ކުރީގެ ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް