ބޮން ގޮއްވި މީހުންނަކީ އައިއެސްއާ ގުޅުން އޮތް ބައެއް: ނަޝީދު

އޭޕްރީލް 11، 2021: ލޯކަލް ކައުންސިލް އިންތިހާބު ނަތީޖާއާއި ގުޅިގެން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ނޫސްވެރިނަނަށް މައުލޫމާތު ދިނުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޭ ހަވަނަ ދުވަހު ރައީސް ނަޝީދަށް ހަމަލާދިން މީހުންނަކީ އިސްލާމިކް ސްޓޭޓް ޓެރަރިސްޓު ޖަމާއަތާއި ގުޅުން އޮންނަ ބައެއްކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އިނގިރޭސިވިލާތުގައި ހުންނަވައިގެން އިންޑިއާގެ ޑީއެންއޭއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ އެމަނިކުފާނަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާގައި ހިމެނޭ ހަތަރު މީހުންނަކީވެސް ހަރުކަށި ފިކުރަށް ނިސްބަތްވާ ބައެއްކަމަށެވެ. އަދި އެމީހުންނަކީ ވަކިން ހާއްސަކޮށް އިސްލާމިކް ސްޓޭޓްއާއި ގުޅުން ހުރި ބައެއްކަމަށް ނަޝީދު ތުހުމަތުކުރެއްވިއެވެ.

"ހައްޔަރުކޮށްފައި ހުރި މީހާ އަދި އޭނާއާ ގުޅުން ހުރި ހަތަރު މީހުންނަކީވެސް ހަރުކަށި ދީނީ ފިކުރަށް ނިސްބަތްވާ ބައެއް، ހާއްސަކޮށް އިސްލާމިކް ސްޓޭޓްގެ ފިކުރަށް. އެ ފިކުރަށް ނިސްބަތްވާ މީހުން ވަނީ މީގެ ކުރިންވެސް ރާއްޖޭގައި ހަމަލާތަކެއް ދީފަ،"

"އެކަމަކު އަޅުގަނޑަށް އަމާޒުކޮށް ރިމޯޓް ކޮންޓްރޯލްޑް ބޮން ގޮއްވުމެއް ކަހަލަ ގޮތަކަށް ނޫން، އެކަމަކު މީގެ ކުރިންވެސް ތިން މަރު އެބަ ހުރި އެއްގޮތަކަށް، ވަރަށް ސީރިއަސް އަދި ހިތާމަހުރި ކަމެއް އެއީ،" އިންޓަވިއު ކުރި ފަރާތުން ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާ ދިނީ ކޮން ބައެއްތޯ އެހުމުން އެމަނިކުފާނު ވިދާޅުވިއެވެ.

މޭ 6، 2021: ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވާ ގޭކައިރީ އެމަނިކުފާނަށް އަމާޒުކޮށް ދިން ޓެރަރިޒަމްގެ ހަމަލާ ދިން ސަރަހައްދު -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

މޭ ހަވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަކީ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅުން ނިކުމެގެން ހިންގަވާފައި ކާރުކޮޅަށް އަރުއްވަން ވަޑައިގަންނަވަނިކޮށް ދިން ހަމަލާއެކެވެ. ހަމަލާދޭން ބޭނުންކުރި އައިޑީ ހަރުކޮށްފައިހުރީ ރައީސް ނަޝީދުގެ ގެކޮޅު ހުންނަ ނީލޯފަރު ހިނގުމުގައި ޕާްކޮށްފައި ހުރި ސައިކަލެއްގައެވެ.

އެ ހަމަލާއާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ބޮން ގޮއްވާލަން ރިމޯޓަށް ފިއްތި އަދުހަމް އަހުމަދު ރަޝީދު (26) ހިޔާ، ވ. ތިނަދޫ ހިމެނެއެވެ. އޭގެ އިތުރުންވެސް އެ ހަމަލާއާ ގުޅިގެން ދެން ހައްޔަރުކުރި މީހުންނަކީ މުޖާޒު އަހުމަދު (21) މއ. ފޭރުގެ، ތަހުމީން އަހުމަދު (32) ގއ. ކޮނޑޭ، ފޮޅޭމާ، އަހްމަދު ފާތިހު (23) ލ. ގަން، ދުންފިނިއުފާއެވެ. ހަމަލާއާ ގުޅިގެން އިތުރު މީހެއް ހައްޔަރުކުރިކަމެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ރައީސް ނަޝީދު ވިދާޅުވީ ހަމަލާގައި އަމަލީ ގޮތުން ބައިވެރިވި ބަޔަކު ހައްޔަރު ކުރި ނަމަވެސް އެކަން ރޭވި މީހުންނާއި އެކަމަށް ފަންޑުކުރި މީހުން އަދިވެސް ހޯދިފައިނުވާ ކަމަށެވެ.

އަދި ސަރުކާރުން ހަމަލާ ތަހުގީގުކުރިނަމަވެސް އަދިވެސް އެ ހަމަލާގެ އެންމެ ފުނަށް ތަހުގީގުން ނުދެވޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވަނީ މި އިންޓަވިއުގައި ރާއްޖޭގެ އިތުރު ކަންކަމާ ގުޅެ ގޮތުންވެސް ވާހަކަދައްކަވާފައެވެ. އޭގެ ތެރޭގައި މިހާރު ސިޔާސީ މަސްރަހާއި ރާއްޖޭގައި ހަރުކަށި ފިކުރު އޮންނަ މިންވަރާއި ގުޅޭ ގޮތުންވެސް ވަނީ ވާހަކަދައްކަވައިފައެވެ.

comment ކޮމެންޓް