ހައެއް މޭގެ ހަމަލާ: އަށް މީހުންނަށް ތަހުގީގު ހިންގަނީ، ހަތަރު މީހަކަށް ދައުވާ ކުރަން ފޮނުވަނީ

ޓެރަރިޒަމް އޮޕަރޭޝަނެއްގެ ތެރެެއިން: ހައެއް މެއި ހަމަލާއާ ގުޅިގެން އަށް ފަރާތަކަށް ދަނީ ތަހުގީގު ހިންގަމުން --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އަށް ފަރާތަކަށް ތަހުގީގު ހިންގަމުންދާ ކަމަށާއި އޭގެ ތެރެއިން ހަތަރު މީހަކަށް ދައުވާ ކުރަން ވަރަށް އަވަހަށް ފޮނުވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިއަދު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ, އެ ހަމަލާގެ ތަހުގީގު ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި އެ ހަމަލާއާ ގުޅިގެން ބަލަން ޖެހޭ ކަންކަންވެސް ބެލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ, ހައެއް މެއި ހަމަލާގެ ތަހުގީގު ހިނގަމުންދާ ގޮތް ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި މީގެ ދެ ދުވަސް ކުރިން ފުލުހުންގެ ފަރާތުން އެ މައުލޫމާތު ސާފު ކުރި ކަމަށެވެ.

"ފުލުހުން އަޅުގަނޑަށް ދެއްވި އަޕްޑޭޓްގައިވާ ގޮތުން މިކަމާ ސީދާ ގުޅުން ހުރި އަށް ފަރާތެއްގެ މައްޗަށް ތަހުގީގު ބާރަށް ކުރިއަށް އެބަދޭ. އޭގެ ތެރެއިން ހަތަރު ފަރާތެއްގެ ތަހުގީގު ނިންމައި ވަރަށް އަވަހަށް ދައުވާ ކުރަން ފޮނުވޭނެކަމަށް އެ ބޭފުޅުން [ފުލުހުން] ވިދާޅުވެފައިވޭ ," ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ, އެ އަށް މީހުންގެ އިތުރުވެސް އެ ހަމަލާއާ ވަށައިގެން ހުރި އެހެން ކަންކަންވެސް, "ދުރުމިން ގޮސްފައިވާ ހިސާބު" ހުއްޓުމެއްނެތި ބަލާނެ ކަމަށެވެ.

ހަމަލާއާ ގުޅިގެން އިންޓެލިޖެންސްގެ އޮޑިޓެއް ހެދުމަށް ރައީސް ވަނީ ކޮމިޓީއެއް އެކުލަވާލަފައެވެ. ރައީސް ވިދާޅުވީ, ވަރަށް އަވަހަށް އެ އޮޑިޓްގެ މަސައްކަތް ނިމޭނެ ކަމަށެވެ.

"އެ މަސައްކަތް މިހާރު ވަނީ ގާތްގަނޑަކަށް ނިންމާފައި. އޭގެ ބްރީފިންއެއް ވަނީ ލިބިފައި. ފައިނަލް ރިޕޯޓާއެކު އިންޓެލިޖެންސް އިދާރާތަކުގައި އިސްލާހުކުރުމަށް ކުރަން ޖެހޭ ކަންކަން ކުރާނަން," ރައީސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީންވެސް ދަނީ އެ ހަމަލާއާ ގުޅިގެން އިންކުއަރީއެއް ހަދަމުންނެވެ. މިހާރު އެ ކޮމިޓީގެ ރިޕޯޓު ފައިނަލް ކުރުމުގެ މަރުހަލާގައި އޮތް އިރު, އެ ކޮމިޓީން ނިންމާ ނިންމުންތަކުގެ މައްޗަށްވެސް ރިއާޔަތް ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އަށް މީހެއްގެ މައްޗަށް ތަހުގީގު ހިންގަމުންދާއިރު, މީގެ ކުރިން ފުލުހުން ބުނެފައި ވަނީ އެ ހަމަލާއާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ބެލެވޭ ގޮތުގައި ރައީސް އިޝާރާތް އެ ކުރެއްވި ހަތަރު މީހުންނަކީ, ފުލުހުން ހަމަލައާ ގުޅިގެން ފުރަތަމަ ހައްޔަރު ކުރި ހަތަރު މީހުންނެވެ.

އެއީ މއ. ފޭރުގެ، މުޖާޒު އަހުމަދު، 21، ގއ. ކޮނޑޭ/ފޮޅޭމާ ތަހުމީން އަހުމަދު 32 އާއި ވ. ތިނަދޫ/ހިޔާ, އަދުހަމް އަހުމަދު ރަޝީދު، 26 އަދި ލ. ގަން، ދުންފިނިއުފާ، އަހްމަދު ފާތިހު، 23 އެވެ.

އޭގެ ތެރެއިން ހަމަލާ ދިނުމަށް ރިމޯޓަށް ފިއްތައި ބޮން ގޮއްވާލީ އަދުހަމް އަހްމަދު ރަޝީދެވެ. ބޮން ގޮއްވާލުމަށް ބޭނުން ކުރި ސައިކަލް ވެރިފަރާތަކީ, މުޖާޒު އެވެ.

comment ކޮމެންޓް