ލ. ކޮވިޑް ފެސިލީޓީގައި ފަރުވާ ހޯދަމުން ދިޔަ މީހަކު މަރުވެއްޖެ

ލ. ގަން ރީޖަނަލް ހޮސްޕިޓަލްގައި ގާއިމްކޮށްފައިވާ ކޮވިޑް ފެސިލިޓީ-- ފޮޓޯ: ލ. ގަން ރީޖަނަލް ހޮސްޕިޓަލް

ލ. އަތޮޅު ކޮވިޑް މެނޭޖްމަންޓު ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ މީހަކު މަރުވެއްޖެ އެވެ. މިއީ އެ ފެސިލީޓީން މަރުވި ފުރަތަމަ މީހާއެވެ.

އެ މީހާއެކު މިހާތަނަށް ކޮވިޑް ޖެހިގެން 203 މީހަކު ރާއްޖެއިން ވަނީ މަރުވެފައެވެ.

އެޗްޕީއޭއިން މިރޭ ކުރި ޓްވީޓެއްގައި ބުނީ, ލ. ކޮވިޑް ފެސިލީޓީން މަރުވެފައިވަނީ, އުމުރުން 82 އަހަރުގެ މީހެއް ކަމަށެވެ. އޭނާ މަރުވެފައިވަނީ, މިރޭ 7:06ގައި އެވެ.

ކޮވިޑުގެ ބަލިމަޑު ކަމުގެ ސަބަބުން މިވަގުތު 63 ރަށް ބަންދުކޮށްފައިވާއިރު, އޭގެ ތެރެއިން ލ. އަތޮޅުގެ ހަތް ރަށެއް އޮތީ އަރާ ފޭބުން މަނާކޮށްފައެވެ. ލ. އަތޮޅުގައި މީހުން ދިރިއުޅޭ 11 ރަށް އޮވެ އެވެ.

މަރުވެފައިވަނީ, ކޮން ރަށަކުން ޕޮޒިޓިވްވި މީހެއް ކަމެއް އަދި ޔަގީނެއް ނޫނެވެ.

ލ. އަތޮޅުން މޮނީޓަރިންގައި އޮތް ރަށްތައް ތާރީހާއެކު:

ގަން - އެޕްރީލް 24 އިން ފެށިގެން
ފޮނަދޫ - އެޕްރީލް 24އިން ފެށިގެން
އިސްދޫ - މެއި 5 އިން ފެށިގެން
މާވަށް - މެއި 6 އިން ފެށިގެން
ކަލައިދޫ - މެއި 15 އިން ފެށިގެން
މާމެންދޫ - މެއި 17 އިން ފެށިގެން
ހިތަދޫ - މެއި 23 އިން ފެށިގެން

ލ. އަތޮޅުން މަރުވި މީހާއެކު މިއަދު މިހާތަނަށް ދެ މީހަކު ވަނީ މަރުވެފައެވެ. އަދި ކޮވިޑުގައި ރާއްޖެއިން އިއްޔެ މަރުވީ އެންމެ މީހެކެވެ.

މިއަދު 142 މީހަކު ކޮވިޑް ޖެހުނު އިރު, އޭގެ ތެރެއިން 88 މީހަކު ޕޮޒިޓިވްވެފައިވަނީ އަތޮޅު ތެރޭ ރަށްތަކުންނެވެ.

މިއަދުގެ އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖެއިން ޖުމްލަ 71,400 އަށްވުރެ ގިނަ މީހުނަށް ކޮވިޑް ބަލި ޖެހިފައިވެއެވެ. އޭގެ ތެރެއިން 65,000 އަށްވުރެ ގިނަ މީހުން ވަނީ ބަލިން ފަސާހަވެފައެވެ. އަދިވެސް 6,106 މީހުން ބަލި ޖެހިފައި ރަނގަޅު ނުވެ އެބަތިބި އެވެ.

comment ކޮމެންޓް