ކައްދޫ އެއާޕޯޓު ތަރައްގީކޮށް، ގާދޫ ހިމާޔަތް ކުރަން ހަވާލުކޮށްފި

ލ. ކައްދޫ އެއާޕޯޓު

ލ. ކައްދޫގެ އެއާޕޯޓު އިތުރަށް ތަރައްގީކޮށް އެ އަތޮޅު ގާދޫ ހިމާޔަތް ކުރުމަށް ޗައިނާގެ ކުންފުންޏަކާއެކު މިރޭ ސޮއިކޮށްފިއެވެ.

ރައީސް ލ. ފޮނަދޫ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް މިރޭ އެ ރަށުގައި ބޭއްވި ޖަލްސާއެއްގައި ދިވެހި ސަރުކާރުގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި މި މަޝްރޫއުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ހަވާލުކުރި ޗައިނާގެ ސީއޭއެމްސީ އިންޖިއަރިން ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ސޮއި ކުރީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ލީ ވޭ ވޭއެވެ.

ފޮނަދޫގައި އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ކައްދޫ އިންޓަނޭޝަނަލް އެއާޕޯޓު މިހާރު ރީޖަނަލް އެއާޕޯޓްސްގެ ދަށަށް ބަދަލު ކުރެވިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުވަނީ ވިދާޅުވެފައެވެ. އަދި އެ ރަށުގެ އެއްބައި ފަތުރުވެރިކަމަށް ޚާއްޞަ ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމުގައި ވެސް އެ މަނިކުފާނު ހާމަ ކުރެއްވިއެވެ.

ކައްދޫގައި އޮންނަނީ ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އެއް ޑޮމެސްޓިކް އެއާޕޯޓެވެ.

ކުރީ ސަރުކާރުން ކައްދޫ އެއާޕޯޓު އިންޓަނޭޝަނަލް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ އޮގަސްޓް 10ގައެވެ.

އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކުރީ 398.7 މިލިއަން ރުފިޔާއަށެވެ. އެ އެއްބަސްވުމުގެ ދަށުން އެއާޕޯޓަށް ބޭނުންވާ 56.83 ހެކްޓަރު ހިއްކުމާއި، ހިއްކާ ސަރަހައްދު ގޮނޑުދޮށް ހިމާޔަތް ކުރުމަށް 4433 މީޓަރު ބޮޑު ހިލަ ރިވެޓެމެންޓް ޖެހުމަށް ހަވާލުކުރިއެވެ. އަދި މިމަސައްކަތުގެ ބިން ހިއްކުން 300 ދުވަހުގެ ތެރޭ ނިންމަން ހަވާލު ކުރިއިރު، ރިވެޓްމެންޓް މަސައްކަތް 600 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.

މީގެ އިތުރުން މިރޭ އެމްޕީއެލްއާއި ސީއޭއެމްސީއީއާ ދެމެދުވަނީ، ލ. ގާދޫގައި މެރިޓައިމް ހަބެއް ގާއިމް ކުރުމުގެ އެއްބަސްވުމުގެ ދަށުން ގާދޫ ހިމާޔަތް ކުރުމަށް ވެސް އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

ގާދޫއަކީ މިހާރު ވެސް ހިމާޔަތްކޮށްފައި އޮންނަ ރަށެކެވެ. އެ ރަށުގައި ބަނދަރު އެޅުމަށް ސަރުކާރުން ނިންމުމުން، ތިމާވެށި ރައްކާތެރި ކުރުމަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން އެ ކަމާވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިކަމާ ގުޅިގެން ސަރުކާރުން ބުނެފައިވަނީ މި މަޝްރޫއު ކުރިޔަށްގެންދާއިރު، ގާދޫގެ 80 އިންސައްތައިގައި އަތްނުލާނެ ކަމަށާއި، އެ ރަށް ހިމާޔަތް ކުރާނެ ކަމަށެވެ.

comment ކޮމެންޓް