ހަމަލާގެ ތަހުގީގުގައި އެމްއެމްއޭގެ ވެރިންނާ ކޮމިޓީއިން ސުވާލުކޮށްފި

241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއައިރީގައި އެމްއެމްއޭގެ ގަވަރުނަރު ޢަލީ ހާޝިމްއާއި ޑެޕިއުޓީ ގަވަރުނަރު އަދި ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓްގެ ހެޑްއާ ސުވާލުކުރުން -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދައަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ރައްޔިތުން މަޖިލީހުގެ 241އިން ކުރިއަށް ގެންދާ އިންކުއަރީއަށް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ހާޒިރުކޮށް ސުވާލުކޮށްފި އެވެ.

އިންކުއަރީ އަށް ގަވަރުނަރުގެ އިތުރުން ޑެޕިއުޓީ ގަވަރުނަރު އަދި ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓްގެ ހެޑް ވެސް މިއަދު ވަނީ ހާޒިރުކޮށްފަ އެވެ.

އެމްއެމްއޭގެ އިސްވެރިން ހާޒިރުކުރި އިރު، ރައީސް ނަޝީދަށް އިންސާފު ހޯދައިދިނުމަށް އެ ހަމަލާއަށް ފަންޑު ކުރި މީހުން ހޯދަންޖެހޭ ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ. އަދި ފައިނޭންސް އިންޓެލިޖެންސް މައުލުމާތު އެއްކުރާ ގޮތާއި މައުލޫމާތު ލިބުމުން އަމަލުކުރާ ގޮތް ދެނަގަތުމަކީ ވެސް އިންކުއަރީގެ ބޭނުމެކެވެ.

މިދިޔަ މަހުގެ ހަ ވަނަ ދުވަހުގެރޭ ނީލޯފަރު ހިނގުމާއި މަޖީދީމަގު ގުޅޭ ސަރަހައްދުގައި ހުރި ސައިކަލެއްގައި ހަރުކޮށްގެން ބޮމެއް ގޮއްވާލައި ރައީސް ނަޝީދަށް ވަނީ ބޮޑެތި ޒަހަމްތައް ލިބިވަޑައިގެންފަ އެވެ. އެ ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް އެ މަނިކުފާނު ހުންނެވީ މިހާރު ޖަރުމަނުގަ އެވެ.

އެ ހަމަލާގެ އިންކުއަރީ އަށް ވަކިވަކި ސިފައިންނާއި، ކަމާ ގުޅުންހުރި އިދާރާތަކުގެ ވެރިން އަންނަނީ ހާޒިރުކުރަމުންނެވެ.

އިންކުއަރީގައި ފަސް ކަމަކަށް ބަލާނެ ކަމަށް 241 ކޮމެޓީ އިން ވަނީ ބުނެފަ އެވެ. އެއީ:

1. ހަމަލާ ދިނުމުގެ ކުރިން، ހަމަލާއާ ގުޅޭ އެއްވެސް މައުލޫމާތެއް ސަލާމަތީ ހިދުމަތްތަކާއި ދައުލަތުގެ އެއްވެސް އިދާރާއަކަށް ލިބިފައިވޭތޯ ދެނަގަތުން.

2. ސަލާމަތީ ބާރުތަކުން ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭ ފަރާތްތަކަށް އެ ހިދުމަތް ފޯރުކޮށްދިނުމުގައި ކަނޑައެޅިފައިވާ މިންގަނޑުތަކަކީ ކޮބާތޯ ދެނެގަތުން

3. ނަޝީދަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައި އަމަލު ކުރަމުންދިޔަ ގޮތް ދެނަގަތުން.

4. ފައިނޭންސް އިންޓެލިޖެންސް މައުލުމާތު އެއްކުރާ ގޮތާއި މައުލޫމާތު ލިބުމުން އަމަލުކުރާ ގޮތް ދެނަގަތުން

5. ގާނޫނީ އޮނިޑަނޑާ އެއްގޮތަށް އަމަލު ކުރަމުންދާ މިންވަރު ދެނަގަތުން.

comment ކޮމެންޓް