ލަކްޝަދީބުގެ އެކްޓިވިސްޓަކަށް ފިތުނަ އުފެއްދުމުގެ ދައުވާކޮށްފި

ލަކްޝަދީބުގެ އެކްޓިވިސްޓެއް އަދި ފިލްމު ޑިރެކްޓަރެއް ކަމަށްވާ އައިޝާ ސުލްތާނާގެ މައްޗަށް ވަނީ ފިތުނަ އުފެއްދުމުގެ ދައުވާކޮށްފަ - ފޮޓޯ: އިންޑިއަން އެކްސްޕްރެސް

ކަވަރައްތި (ޖޫން 11): ލަކްޝަދީބުގެ އެކްޓިވިސްޓެއް އަދި ފިލްމު ޑިރެކްޓަރެއް ކަމަށްވާ އައިޝާ ސުލްތާނާގެ މައްޗަށް ފިތުނަ އުފެއްދުމުގެ ދައުވާކޮށްފި އެވެ.

ލަކްޝަދީބުގެ ވެރިރަށް ކަވަރައްތިގައި ސުލްތާނާގެ މައްޗަށް ދައުވާ ކުރަން ހުށަހެޅީ އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)ގެ މެމްބަރެކެވެ. އެއީ މައި ސަރުކާރުން އެ ސަރަހައްދަށް އައްޔަން ކޮށްފައިވާ އެޑްމިނިސްޓްރޭޓަރު ޕްރަފުލް ޕަޓޭލް އަކީ ލަކްޝަދީބުގެ ރައްޔިތުންނާ ދެކޮޅަށް ސަރުކާރުން ބޭނުން ކުރާ "ބަޔޯ ވެޕަން"އެއް ނުވަތަ ހަތިޔާރެއް ކަމަށް ބުނުމުންނެވެ. ސުލްތާނާ އެފަދައިން ބުނީ، ޕަޓޭލް ލަކްޝަދީބަށް ގެންނަން މަސައްކަތް ކުރައްވާ ސިޔާސަތުތަކާ ދެކޮޅަށް ވާހަކަ ދައްކަމުންނެވެ.

"އަހަންނަށް ފެންނަ ގޮތުގައި ޕަޓޭލް އާއި އޭނާގެ ސިޔާސަތުތައް މަސައްކަތް ކޮށްފައި ވަނީ ބަޔޯ ވެޕަންއެއްގެ ގޮތުގައި. ލަކްޝަދީބުގައި ކޮވިޑް-19 ފެތުރުނީ ޕަޓޭލް އާއި އޭނާއާ އެއްކޮށް ތިބި މީހުންގެ ސަބަބުން،" ސުލްތާނާ ބުންޏެވެ.

އިންޑިއާގައި ކޮވިޑް ފެތުރެން ފެށުމުން ލަކްޝަދީބުން ގައިދުރު ކުރުމާއި ކަރަންޓީނު ވުމުގެ ހަރުކަށި ގަވާއިދުތައް ކަނޑަ އެޅި އެވެ. އަދި އެ ސަރަހައްދުން މިދިޔަ އަހަރު ތެރޭ ކޮވިޑްގެ އެންމެ ކޭސްއެއް ވެސް ނުފެނެ އެވެ. ނަމަވެސް މިދިޔަ ޑިސެމްބަރު މަހު ޕަޓޭލް އެޑްމިނިސްޓްރޭޓަރު ކަމަށް އައްޔަން ކުރި ފަހުން އޭނާ އެ ގަވާއިދުތައް ލުއި ކުރި އެވެ. އަދި ކޮވިޑް ނެތް ކަމަށް ދައްކާ، 48 ގަޑި އިރު ނުވާ ޓެސްޓެއް އޮތް ނަމަ ކޮންމެ މީހަކަށްވެސް އެ ރަށްތަކަށް އެރޭ ގޮތަށް ހެދި އެވެ.

އެ ބަދަލު ގެނައިތާ އެއް ހަފްތާ ފަހުން ލަކްޝަދީބުން ފުރަތަމަ ފަހަރަށް މީހަކު ކޮވިޑަށް ޕޮޒިޓިވްވި އެވެ. އަދި މިހާތަނަށް އެ ރަށްތަކުންް 9،000އަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހި އޭގެ ސަބަބުން 40އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެެވެ.

އިންޑިއާގެ ބޮޑުވަޒީރު މޯދީގެ އަރިސް ބޭފުޅެއް ކަމަށްވާ ޕަޓޭލް ލަކްޝަދީބަށް ގެންނަވާ ބަދަލުތަކުގެ ތެރޭގައި ގެރިމަސް ކެއުން މަނާ ކުރުމާއި ރާ ބުއިމާއި އެ ވިއްކުން ހުއްދަ ކުރުން ހިމެނެ އެވެ. ރާ ބޭނުން ކުރުމަކީ 97 ޕަސެންޓު މުސްލިމް އާބާދީއެއް އޮންނަ އެ ސަރަހައްދުގައި މަނާ ކަމެކެވެ.

މީގެ އިތުރުން ރަށުގެ ތަރައްގީއަށް ކަމަށް ބުނެ މީހުންގެ ބިން އަތުލުމަށް ސަރުކާރަށް ފަސޭހަ ވެގެންދާނެ ގަވާއިދަކާއި ޝަރީއަތަކާ ނުލައި ދިގު މުއްދަތަކަށް މީހުން ހައްޔަރު ކުރުމަށް ހުއްދަ ދޭ ގާނޫނެއް ތަންފީޒުކުރަން ޕަޓޭލް ހުށަހަޅުއްވާފައިވެ އެވެ. އަދި އަވަށު ކައުންސިލް އިންތިހާބުތަކުގައި ދެ ކުދިންނަށް ވުރެ ގިނަ ދަރިން ތިބޭ މީހުންނަށް ވާދަ ނުކުރެވޭ ގޮތަށް ގަވާއިދުތައް ބަދަލު ކުރަންވެސް އޭނާ ހުށަހެޅުއްވި އެވެ.

އެ ގަވާއިދުތަކަށް ފާޑު ކިޔާ ފަރާތްތަކުން ވަނީ އެއީ ލަކްޝަދީބުގެ ރައްޔިތުންގެ ސަގާފަތާއި އާދަކާދަ ނައްތާލަން މަސައްކަތް ކުރުމުގެ ގޮތުގައި ސިފަކޮށްފަ އެވެ. އަދި ޕަޓޭލް މަގާމުން ވަކި ކުރުމަށް އަންގާ، ކެރަލާގެ ގާނޫނު ހަދާ މަޖިލީހުން ވަނީ ގަރާރެއް ވެސް ފާސްކޮށްފަ އެވެ.

comment ކޮމެންޓް