ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.3 ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަވިސް އިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ހާމަކޮށްފައިވާ ގޮތުގައި މި ތަކެތި އަތުލައިގެންފައިވަނީ މިދިޔަ އަންގާރަ ދުވަހެވެ.
އެ އިދާރާއިން ބުނި ގޮތުގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބާވަތަކީ ކެނެބިސް ކަމަށާއި، އޭގެ ޖުމްލަ ބަރުދަނުގައި 3345 ގްރާމް ހުއްޓެވެ.
https://x.com/CustomsMv/status/2103139669995381111
މިތަކެތި އަތުލައިގަނެފައިވަނީ އަންގާރަ ދުވަހު އިންޑިއާ އިން ރާއްޖެއައި އިންޑިއާގެ ދެ ފަސިންޖަރުންގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާކަމަށް ޝައްކުކުރެވިގެން، އެމީހުންގެ ލަގަޖް ބަލައިފާސްކުރުމުގެ ތެރޭގައިކަމަށް ކަސްޓަމްސްއިން ބުންޏެވެ.
ސޯޝަލް މީޑިއާގައި ކަސްޓަމްސްއިން އާންމުކުރި ޕޯސްޓް....ފާހަގަކުރޭގޮތުގައި މިމަހުގެ ހަވަނަ ދުވަހު އިންޑިގޯގެ ފްލައިޓަކުން ރާއްޖެއައި އިންޑިއާގެ ރައްޔިތެއް ކަމަށްވާ އުމުރުން 29 އަހަރުގެ މޮހައްމަދު ޓަފެޖުލް ވަނީ 440 ގްރާމްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައެވެ. އޭނާގެ ލަގެޖު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 80 ރަބަރު ޕެކެޓު ވަނީ ފެނިފައެވެ.
މީގެ އިތުރުން، އަންގާރަ ދުވަހު ހުޅުމާލެ ފޭސް ދޭއްގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، 156 ވޭޕް ކާޓްރިޖާއި ނެނޯ ސްޓިކްގެ އިތުރުން ކުށްކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 6،000 އަށް ވުރެ ގިނަ ރުފިޔާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މަސްތުވާތަކެތި ރާއްޖެ އެތެރެކުރުން ހުއްޓުވުމަށާއި އެފަދަ ކަންކަމުގައި ބައިވެރިވާ ބޭރު މީހުންނަށް ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކުން ޚާއްޞަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.
މިގޮތުން އެއާޕޯޓްތަކާއި ކަނޑުގެ ސަރަހައްދުތަކުގެ ސެކިއުރިޓީ ކަސްޓަމްސް އަދި ފުލުހުން ގުޅިގެން ވަރުގަދަކޮށްފައިވާއިރު، ކުށްކުރާ ބޭރު މީހުން ހައްޔަރުކޮށް، ގާނޫނީ ފިޔަވަޅު އަޅައި ޑީޕޯޓްކުރުމާއި ޖަލު ހުކުމް ތަންފީޒުކުރުން ކުރިއަށްދެއެވެ.
މީގެއިތުރުން، މަސްތުވާތަކެތީގެ ނެޓްވޯކްތައް ހުއްޓުވުމަށް ސަރަހައްދީ ގައުމުތަކުގެ އިންޓެލިޖެންސް އިދާރާތަކާ ގުޅިގެން މައުލޫމާތު ބަދަލުކުރުމުގެ މަސައްކަތްވެސް ކުރެވެމުންދެއެވެ.