އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދު ގާއިމުކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުން (އައިއެމްއެފްޓީއޭ) ގެ މަޝްވަރާތައް ކާމިޔާބުކަމާއެކު ކުރިއަށްދާ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ހާމަކޮށްފިއެވެ.
އިންޑިއާ ހައިކޮމިޝަނުން މިއަދު ބުނި ގޮތުގައި، ދެ ގައުމުގެ ޓީމުތަކުން ގުޅިގެން މަސައްކަތްކުރަމުންދަނީ ބާޒާރުގެ ފުރުސަތުތައް ފުޅާކޮށް، އިގުތިސާދީ ގުޅުން އިތުރަށް ބަދަހިކުރުމަށެވެ. މިއީ ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ދާއިރާއިން އާ ފުރުސަތުތަކެއް ހޯދުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް އެ ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.
މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ދެ ގައުމުގެ ދެމެދުގައި ވިޔަފާރިކުރުމުގައި ހުރި ހުރަސްތައް ނައްތާލައި، އިންވެސްޓްމަންޓްތަކަށް މަގުފަހިކުރުން ކަމަށް އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ. މި މަޝްވަރާތައް ކުރިއަށްދާތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.
މި އަހަރުގެ ޖޫން 29 އިން ޖުލައި ހަތަކަށް ކުރިއަށްދިޔަ ފުރަތަމަ ބުރުގެ މަޝްވަރާތަކުގައި އަށް ދާއިރާއަކުން އަށް ޓެކްނިކަލް ސެޝަނެއް ކުރިއަށްގެންގޮސްފައިވެއެވެ. އިންޑިއާގެ ފަރާތުން މި މަޝްވަރާތަކުގައި އިސްކޮށް ހަރަކާތްތެރިވީ ޑިޕާޓްމަންޓް އޮފް ކޮމާސްގެ ޖޮއިންޓް ސެކްރެޓަރީ އުއްޖްވަލް ކުމާރު ގޯޝްއެވެ. ރާއްޖޭގެ ފަރާތުން އިސްކޮށް ހުންނެވީ ޗީފް ނެގޯޝިއޭޓަރު ޔޫސުފް ރިޒާއެވެ.

މި މަޝްވަރާތަކަށްފަހު، ޖުލައި އަށް ވަނަ ދުވަހު އިންޑިއާގެ ކޮމާސް މިނިސްޓަރު ޕިޔޫޝް ގޯޔަލްއާއި ރާއްޖޭގެ އިގުތިސާދީ ވަޒީރު މުހައްމަދު ސައީދު ވަނީ ބައްދަލުކުރައްވައި، މަޝްވަރާތަކުގެ ކުރިއެރުންތަކާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ.
އިންޑިއާއަކީ ރާއްޖެއާއެކު ދެވަނައަށް އެންމެ ގިނައިން ވިޔަފާރިކުރާ ގައުމެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2025-2026 ވަނަ އަހަރު ދެ ގައުމުގެ ދެމެދުގައި ކުރެވުނު ވިޔަފާރީގެ އަގު ވަނީ 771.76 މިލިއަން ޑޮލަރަށް އަރާފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅައި ބަލާއިރު 13.54 ޕަސެންޓުގެ ކުރިއެރުމެކެވެ. މީގެ ތެރެއިން އިންޑިއާއިން ރާއްޖެއަށް 458.71 މިލިއަން ޑޮލަރުގެ މުދާ އެތެރެކޮށްފައިވާއިރު، ރާއްޖެއިން އިންޑިއާއަށް 313 މިލިއަން ޑޮލަރުގެ މުދާ ވަނީ އެކްސްޕޯޓުކޮށްފައެވެ.
އިގުތިސާދީ ވަޒީރު މުހައްމަދު ސައީދު ކުރިން ވިދާޅުވި ގޮތުގައި، ސަރުކާރުގެ އަމާޒަކީ މި އަހަރުގެ ނިޔަލަށް މި އެއްބަސްވުމުގެ މަސައްކަތް ނިންމާލުމެވެ. މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި ޔޫޕީއައި މެދުވެރިކޮށް ފައިސާ ދެއްކޭނެ ނިޒާމު ގާއިމުކުރުމާއި، ބައިލެޓަރަލް އިންވެސްޓްމަންޓް ޓްރީޓީއެއް އެކުލަވާލުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
ރާއްޖެއާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމުގެ މަސައްކަތް ފެށުމަށް ނިންމީ 2024 ވަނަ އަހަރު ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ. އޭގެ ފަހުން މިއަހަރުގެ މާޗު މަހު ވަނީ މި އެއްބަސްވުމުގެ ޓާމްސް އޮފް ރެފަރެންސް (ޓީއޯއާރު) ގައި ސޮއިކޮށްފައެވެ.
އިންޑިއާއާއެކު ވެވޭ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށް، ޚާއްސަކޮށް ޑިޖިޓަލް އުފެއްދުންތަކާއި ސޮފްޓްވެއާ އުފައްދާ ފަރާތްތަކަށް އިންޑިއާގެ ބޮޑު ބާޒާރުން ފުރުސަތު ލިބިގެންދާނެ ކަމަށް އިގުތިސާދީ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން މަސްވެރިކަމުގެ އުފެއްދުންތަކަށާއި، ކްރިއޭޓިވް އިކޮނޮމީގެ ދާއިރާއަށްވެސް މީގެ ފައިދާ ކުރާނެ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.
ސަރުކާރުން މިހާރުވެސް އަންނަނީ އޮތެންޓިކް މޯލްޑިވްސް މެދުވެރިކޮށް ރާއްޖޭގެ 400 އަށް ވުރެ ގިނަ ވިޔަފާރި އަލީބާބާ ފަދަ ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކުގައި ލިސްޓުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި އެއްބަސްވުން ފުރިހަމަވުމުން، ރާއްޖޭގެ އިގުތިސާދު ސިންދަފާތުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.