ދައުވާ ކުރުމާ މެދު ގޮތެއް ނިންމަންދެން މަހުލޫފު މަސައްކަތުން އެކަހެރިކޮށްފި

ނޮވެމްބަރ 9، 2020: ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގެ މައްސަލައިގައި ދައުވާ ކުރަން ފޮނުވާފައިވާ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު މަސައްކަތުން އެކަހެރިކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމައިފި އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން 33،000 ޑޮލަރު މަހުލޫފުގެ އެކައުންޓަށް ވަން މައްސަލައިގެ ތަހުގީގު ނިންމައި އޭނާގެ މައްޗަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މިއަދު ވަނީ ޕީޖީ އޮފީހަށް ފޮނުވާފަ އެވެ.

އެކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް މިއަދު ވިދާޅުވީ، މަހުލޫފަށް ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވާފައިވާތީ، އޭނާއަށް ދައުވާ ކުރުމާ މެދު ޕީޖީ އޮފީހުން ގޮތެއް ނިންމަންދެން އޭނާ މަސައްކަތުން އެކަހެރިކުރަން ނިންމާފައިވާ ކަަމަށެވެ.

އޭސީސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މަހުލޫފުގެ އެކައުންޓަށް އެ ފައިސާ ޖަމާ ކުރީ، އޭނާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އިރު، މަޖިލީހުގެ ތަޅުމުގައި އޭރު ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓުދިނުމާއި ޕީޕީއެމްގައި ދެމި ހުރުމުގެ މުގާބިލުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކަމަށެވެ.

ވޯޓަށްފަހު އަދީބާއި މަހުލޫފުއާ ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކާއި އެސްއޯއެފް ގެ ޗެކް މަހުލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ ތާރީހުތަކާއި ގުޅުވުމުން، މަހުލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ 33،000 ޑޮލަރަކީ އަދީބު ދިން ރިޝްވަތުގެ ފައިސާކަން އެނގޭ ކަމަށް އޭސީސީއިން ބުންޏެވެ.

މަހުލޫފު މީގެ ކުރިން ބުނެފައި ވަނީ އެ ފައިސާގެ މުއާމަލާތަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށެވެ. ނަމަވެސް، އޭސީސީއިން ބުނެފައި ވަނީ އެ ފައިސާ އަކީ ޑޮލަރު ގަތުމަށް ދީފައިވާ ފައިސާއެއް ނޫންކަން ހެކިންގެ ހެކިބަހުންނާއި ހެކި ގަރީނާއިން އެނގޭ ކަމަށެވެ.

އެހެންކަމުން، އޭސީސީއިން ވަނީ ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ތުހުމަތުވެސް އޭނާއަށްކޮށް އެ މައްސަލައިގައިވެސް ދައުވާ ކުރަން އެދިފަ އެވެ.

comment ކޮމެންޓް