ހިޔާނާތު ލިސްޓުން ސަލާމަތްވާނެ ބައެއް ތިބިތޯ ބަލާފައި އާންމުކުރަން އަލީ ނިޔާޒު އެދެފި

ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު --- ފޮޓޯ/ މަޖިލިސް

އެމްއެމްޕީއާރުސީ ހިޔާނާތުގެ ލިސްޓުގައި އޮތް 280 ނަމުގެ ތެރެއިން އެއްވެސް ފަރާތެއް އެ ތުހުމަތު ތަކުން ސަލާމަތްވާނެތޯ އެސެޓް ރިކަވަރީ ކޮމިޝަނުގައި އަހާފައި އާންމު ކުރާނަމަ ކުރަން ރަނގަޅު ކަމަށް ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ ލިސްޓު މަޖިލީހަށް ލިބުނީ ނިމިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ ލިސްޓު ދިރާސާ ކުރުމަށް މަޖިލީހު 241 ކޮމިޓީ އަދި ޖުޑިޝަރީ ކޮމިޓީއިން މަސައްކަތް ކުރާއިރު، އެ މަސައްކަތަށް ސަބް ކޮމިޓީއެއް ވަނީ އެކުލަވާލާފަ އެވެ. އެ ސަބް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އަލީ ނިޔާޒު މިރޭ ބައްދަލުވުމުގައި ވިދާޅުވީ އެ ލިސްޓު އާންމު ވާނެ ކަމަށެވެ. މަޖިލީހުގެ ކޮމިޓީއިން ރިޕޯޓު ތައްޔާރުވެގެން ދާއިރު ނަންތައް އާންމު ކުރެވޭ ހިސާބަށް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ މިހާރު އޮތް ލިސްޓުގައި އެއްވެސް ހިސާބެއްގައި ތުހުމަތަކުން ސަލާމަތްވެވޭނެ މީހެއްގެ ނަމެއް އޮތްތޯ ބެލުމަށް އެސެޓް ރިކަވަރީ ކޮމިޝަނުގައި އެދުން މުހިންމު ކަމަށް އަލީ ނިޔާޒު ވިދާޅުވި އެވެ.

"މި އޮތް ލިސްޓުގައި އެއްވެސް ހިސާބެއްގައި އެބޭފުޅުންގެ އެއްވެސް އިންވެސްޓިގޭޝަނެއްގައި. މީގެން ނަމެއް. މިބުނީ ތުހުމަތަކުން ސަލާމަތްވެވޭނެ ކަހަލަ މީހެއް އޮތްތޯ ކޮމިޝަނުގައި އަހާލުން ކިހިނެތްތޯ ވާނީ. މިސާލަކަށް އަޅުގަނޑުމެން އާންމު ކުރަމުން ދާއިރުގައި. މިސާލަކަށް އަޅުގަނޑުމެން އާންމު ކުރާއިރުގައި ހަމަ ކަނޑައެޅިގެން އަދި މީގަ އޮތަސް އެމީހުންގެ ނަމަކީ މީގައި މިހާރުން މިހާރަށްވެސް ކްލިއާ ވެފައި އޮންނާނެ ނަމަކަށް. އެބޭފުޅުން [އެސެޓް ރިކަވަރީ ކޮމިޝަނުން] އެބުނަނީ އަދި ކްލިއާ ތިމަންނަމެން މިކުރީ ކުންފުނިތަކޭ. ދެން އަދި އިންޑިވިޖުއަލުން މީގެ ތެރޭގައި ކްލިއާ އަދި ނުކުރަމޭ. އެކަހަލަ ގޮތަކަށް އެބޭފުޅުންގައި އެދިފައި ދެން އަޅުގަނޑުމެން ރިޕޯޓު އެކުލަވާލުން ކިހިނެތްތޯ ވާނީ. އަޅުގަނޑަށް ހަމަ ފެންނަ ކަމަށް ވާތީ." އަލީ ނިޔާޒު ވިދާޅުވި އެވެ.

އަލީ ނިޔާޒު ވިދާޅުވި ވާހަކަފުޅާ ގުޅިގެން ކޮމިޓީގެ މުގައްރިރު މާފަންނު އިތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ އެސެޓް ރިކަވަރީ ކޮމިޝަނުން ފޮނުއްވާފައި ވަނީ މިވަގުތު ތަހުގީގު ހިނގަމުންދާ ފަރާތްތަކުގެ ލިސްޓު ކަމަށެވެ.

"ދެން ކޮންމެ މީހަކީވެސް އިނޮސެންޓް އަންޓިލް ޕްރޫވަން ގިލްޓީ. އެއީ އަޅުގަނޑުމެން އެންމެން ދަންނަ މަފްހޫމެއް. އެކަމަކު މި ތަހުގީގު ހިނގަމުން ދާ ކަމަށް އެ ބޭފުޅުން އަޅުގަނޑުމެންނަށް ދިން ލިސްޓަކީ މިއީ." އިންތި ވިދާޅުވި އެވެ.

އަލީ ނިޔުާޒުގެ ވާހަކަފުޅާ ގުޅިގެން މަޖިލީހުގެ ނައިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ "ވަރަށް ރީޒަނަބަލް ގްރައުންޑްސް" ދީފައި ލިސްޓަށް ލީ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން އެ ކޮމިޓީގައި ބުނެފައިވާ ކަމަށެވެ.

"ކޮމިޝަނުން ފޮނުވި ސިޓީގައިވެސް އެބައިން. މިވެނި މިވެނި މިވެނި މަރުހަލާތަކެއް ނުވަތަ މިވެނި މިވެނި ޗެކްލިސްޓުގެ ކަންކަމެއް ފުރިހަމަ ވީމައޭ ދެން ތިމަންނަމެން މި ތަހުގީގަށް ލާންޖެހޭ ވަރުގެ ރީޒަނަބަލް ގްރައުންޑްސް އޮތް މީހެއް ކަމަށް ބަލައި ތިމަންނަމެން ލިސްޓަށް ލާފައި އެ އޮތީ. އެހެންވީމަ މުގައްރިރު ތިވިދާޅުވިހެން އިނޮސެންޓްތޯ ނޫންތޯ ދެން އެންމެ ފަހު މަރުހަލާގައި ކޯޓުން ޕްރޫވް ވާނީ. އެކަމަކު ރީޒަނަބަލް ގްރައުންޑްސް އޮވެގެނޭ ލިސްޓަށް ލާފައި އެ އޮތީ." އީވާ ވިދާޅުވި އެވެ.

މިރޭގެ ކޮމިޓީ ބައްދަލުވުމުގައި އިންތި ވިދާޅުވީ ސަބް ކޮމިޓީގެ ރިޕޯޓު މާދަމާ ފައިނަލް ކުރެވޭނެ ކަމަށެވެ. އެމްއެމްޕީއާރުސީގެ 3.4 ބިލިއަން ރުފިޔާގެ ފައިސާއަށް ހިޔާނާތްތެރިވީ ކަމުގެ ތުހުމަތު 280 މީހެއްގެ މައްޗަށް ކުރެވި ބޮޑު ލިސްޓެއް ވަނީ ތައްޔާރު ކޮށްފަ އެވެ. އެ ލިސްޓުގައި މިހާރުގެ މަޖިލިސް މެމްބަރުންނާއި ކުރީގެ މަޖިލިސް މެމްބަރުންނާއި، ސަލާމަތީ ބާރުތަކުގެ ބޭފުޅުންނާއި ފަނޑިޔާރުންނާއި ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން ހިމެނޭ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފަ އެވެ.

comment ކޮމެންޓް