ސީޕީއަށް ޖަވާބު ނުދެވުނު ސުވާލު: "މިއީ ފުލުހުންގެ ފެއިލްވުމެއްތަ؟"

ސީޕީ ހަމީދު މިއަދުގެ ޕްރެސްގައި ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"މި ހަމަލާއާ ގުޅިގެން އިންޓެލިޖެންސް ލިބިފައެއް ނެތް. ފުލުހުންގެ ހިދުމަތަކަށް،"

މިއީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ރޭ ދިން ހަމަލާއާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ އިންޓެލިޖެންސަށް ދުރާލާ މައުލޫމާތު ނުލިބެނީތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ދެއްވި ޖަވާބެކެވެ.

ނޫސްވެރިޔާ ކުރީ ގިނަ ބައެއްގެ ހިތްތަކުގައި އުފެދިފައި އޮތް ސުވާލަކެވެ. ޓެރަރިސްޓު ހަމަލާއެއްދީ ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއް ބާރުގެ ވެރިޔާ ޒަހަމްކޮށްލި އިރު، ފުލުހުންގެ އިންޓެލިޖެންސް ކޮބައި ހެއްޔެވެ؟ މިއީ ފުލުހުންގެ ފެއިލްވުމެއް ނޫންތޯ އާންމު ތިބީ ސުވާލުކޮށްކޮށެވެ.

ފުލުހުންގެ އިންޓެލިޖެންސުން މިއަށް ވުރެ ބޮޑެތި ހަމަލާތައް މީގެ ކުރިން ހުއްޓުވާފައިވެސްވެ އެވެ. އެގޮތަށް، މި ފަހުން ހުއްޓުވި އެންމެ ބޮޑު ރޭވުމަކީ ތިމަރަފުށީ ސްކޫލަށް އެ ރަށުގައި ހަރަކާތްތެރިވި ހައްދުފަހަނައެޅި ޖަމާއަތަކުން ދޭން އުޅުނު ހަމަލާ އެެވެ. ތިމަރަފުށީ ސުކޫލުގެ ލެބޯޓްރީ ގޮއްވާލައި އުޅުނު އުޅުން ހުއްޓުވައި އެ މީހުން ހައްޔަރުކޮށް، މިހާރު ތިބީ ޝަރީއަތުގެ މަރުހަލާގަ އެވެ.

އެކަމަކު، ރައީސް ނަޝީދަށް ދިން ހަމަލާ އިންޓެލްގެ އަތް ދަށުން ދޫވެގެން ހިނގައްޖެ އެވެ. ރާޑަރަށް ނޭރި އެވެ. މިއީ މިހާރު އެތައް ބަޔަކު އުފައްދާ ސުވާލެވެ. މިއަދު ހުރިހާ ނޫސްވެރިންގެ ސުވާލު ވެސް ސީޕީއާ އަމާޒުވީ އިންޓެލިޖެންސު މައުލޫމާތު ނުލިބުމުން އެކަމާ ގުޅޭ ގޮތުންނެވެ.

"އިންޓެލް ފެއިލްވިތޯ ޖެހޭނީ ބަލަން"

ރޭ ބޭއްވި ސެކިއުރިޓީ ކައުންސިލުގެ ބައްދަލުވުމުގައި އެފަދަ އެއްވެސް އިންޓެލިޖެންސެއް ލިބިފައިވޭތޯ ބެލުނު ކަމަށް ސީޕީ ވިދާޅުވި އެވެ. އަދި ވިދާޅުވީ، "ހަމަ ގައިމުވެސް، ފުލުހުންނަށް" އެފަދަ އިންޓެލިޖެންސެއް ލިބިފައި ނުވާ ކަމަށެވެ.

މިކަމާ ހެދި ސީޕީއަށް ފާޑުކިޔުން އަމާޒުވެފައިވާއިރު، ސީދާ އޭނާ އެކަމުގައި ޒިންމާ ނަގަން ޖެހޭނެ ކަމަށް ގަބޫލުކުރައްވާތޯވެސް ނޫސްވެރިއަކު ސުވާލު ކުރި އެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާއަށް ޖަވާބުދޭން އެންމެ އުނދަގޫވި ސުވާލުތަކަކީވެސް އެއީ އެވެ.

ސީޕީ ވިދާޅުވީ އޭނާއަށް މަސްއޫލިއްޔަތު އަދާ ނުކުރެވޭތޯ ބަލަން ޖެހޭނީ އިންކުއަރީއެއް ނުތަވަ ތަހުގީގަކުން ކަމަށެވެ. އަމިއްލަފުޅަށް ގަބޫލު ކުރައްވާ ގޮތެއް ވިދާޅެއް ނުވެ އެވެ.

"އިންޓެލިޖެންސް ނުލިބުނީ ކީއްވެގެންތޯއާއި، ނުހޯދުނީ ކީއްވެގެންތޯއާއި، މިކަންކަން ރަނގަޅު ނުހިނގަނީ ކީއްވެގެންތޯއާ އެ ޕޯސްޓްމޯޓަމް ހައްދަން ޖެހޭ ފަރާތްތަކުން ހައްދަވާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" ސީޕީ ވިދާޅުވި އެވެ.

ފުލުހުން ފެއިލްވިކަން އެނގޭނީ ތަހުގީގަކުން ކަމަށް ވިދާޅުވެ ރެކިވަޑައިގަންނަވަމުން ސީޕީ ވިދާޅުވީ މިވަގުތު ފުލުހުންގެ ފޯކަސް ހުރީ މައްސަލަ ބަލައި، ހިފައި ހައްޔަރު ކުރަން ޖެހޭ މީހުން ހައްޔަރު ކުރަން ކަމަށެވެ.

"އަނެއްކާވެސް، ފުލުހުންގެ އިންޓެލިޖެންސް ނެޓްވޯކަށް އެފަދަ ކަމެއް ނޭނގުނީ ކީއްވެތޯ އަޅުގަނޑުމެން ޖެހޭނީ ބަލަން. ބަލާފައި ދެން އަޅުގަނޑުމެން އެ ހިސާބުން އެނގިގެންދާނީ [އިންޓެލިޖެންސް] ފެއިލްވެފައިވާ ކަމަށް،" ސީޕީ ތަކުރާރުކޮށް ވިދާޅުވި އެވެ.

ރަނގަޅު ކުރަން ޖެހޭ ކަންކަން އެބަ ހުރި

މިފަދަ ހަމަލާތައް ހުއްޓުވުމަށް މުޅި ދިވެހި ދައުލަތުން ރަނގަޅު ކުރަން ޖެހޭ ކަންކަން ގިނަކަން، މިއަދު ސީޕީ އެއްބަސްވެވަޑައިގެންނެވި އެވެ. ދުރާލައި ފިޔަވަޅު އެޅުމަށާއި، ކަމެއް ހިނގުމުން ފިޔަވަޅު އެޅުމަށް ހުރި އިޖުރާއަތުތައް ހަރުދަނާ ކުރަން ޖެހޭކަން ފާހަގަކޮށްލެއްވި އެވެ.

"ކުރިންވެސް ފާހަގަކުރި ފަދައިން މިފަދަ ކަންތައްތަކުގައި އަދިވެސް ދިވެހި ދައުލަތުގެ ތެރޭގައި އަދިވެސް މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ޓަކައި ވަރަށް ބޮޑު ޖާގަ އެބަ އޮތް. އިތުރަށް ރަނގަޅު ކުރުމަށް ޓަކައި. ރަނގަޅަށް ފިޔަވަޅު އެޅުމަށް ޓަކައި. ދުރާލައި ފިޔަވަޅު އެޅުމަށް ޓަކައި ފިޔަވަޅު އެޅުމަށްވެސް އެބަ ހުރި ޖާގަ،" ސީޕީ ވިދާޅުވި އެވެ.

ދިވެހި ދައުލަތުގެ އިސްވެރިއަކަށް އެފަދަ ބޮޑު ހަމަލާއެއް ދީފައިވާތީ އެކަން ވަރަށް އިސްކަން ދީގެން ސަލާމަތީ ބާރުތަކުން ބަލާނެ ކަމަށް ސީޕީ ވިދާޅުވި އެވެ. އަދި އެކަމުގައި ޖަވާބުދާރީވެސް ވާނެ ކަމަށް ވިދާޅުވި އެވެ.

ފުލުހުން މައްސަލަ މިހާރު ތަހުގީގު ކުރަމުންދާއިިރު، ތަހުގީގަށް ބޭރުގެ އެހީއަށް މިހާރު ވަނީ އެދިފަ އެވެ. އެގޮތުން، މާދަމާ އޮސްޓްރޭލިއާގެ ފެޑެރަލް ފުލުހުން ރާއްޖެ އަންނަ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި އިނގިރޭސިވިލާތް، އެމެރިކާ އަދި އިންޑިއާޔާ އެކުވެސް އެހީ ދެވޭނެ ކަންކަމާ ގުޅޭގޮތުން ވާހަކަ ދެކެވެމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ފުލުުހުން މިއަދު ބުނެފައި ވަނީ ހަމަލާއާ ގުޅިގެން ޝައްކު ކުރެވޭ ހަތަރު މީހަކު ފާހަގަ ކުރެވިފައިވާ ކަމަށެވެ. ނަމަވެސް، އެ މީހުންނަށް ޝައްކު އުފެދިފައި ވަނީ ކީއްވެ ކަމެއް އަދި ހާމަ ނުކުރާނެ ކަމަށް ބުންޏެވެ.

ފުލުހުންގެ އަތުގައި އެ ހަމަލާގެ އެއްވެސް އިންޓެލިޖެންސެއް ނެތް ކަމަށް ސީޕީ ވިދާޅުވެފައިވާއިރު، ސިފައިންނަށް އަދި އެފަދަ މައުލޫމާތެއް ލިބިފައި އޮތް ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނޫނެވެ.

މީގެ ކުރިން، ފިނިފެންމާ ލޯންޗުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ދިން ހަމަލާގައި ބައެއް ސިފައިންގެ ބައިވެރިވުމެއްވާ ކަމަށް ތުހުމަތުކޮށް ދައުވާވެސް ކުރި އެވެ. މި މައްސަލައިގައިވެސް އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ސިފައިންގެ ބަޔަކު ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދިނުމުުގެ މޯޓިވެއް އޮތްތޯ ވަނީ ސުވާލު އުފެދިފަ އެވެ.

ސިފައިންގެ ބައިވެރިވުމެއް އޮތް ކަމަށް ބެލެވޭތޯ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފުލުހުން މިއަދު ބުނެފައި ވަނީ ގޮއްވާލީ މިލިޓަރީ ގްރޭޑު ތަކެއްޗެއް ނޫން ކަމަށެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ހަށިގަނޑަށް ވަން އެތިކޮޅުކޮޅު ނަގަން އޮޕަރޭޝަންކޮށް މިހާރު ވަނީ ނިންމާލައިފަ އެވެ. އެމަނިކުފާނަށް ފަރުވާ ދެމުން ދަނީ އައިސީޔޫގަ އެވެ.

comment ކޮމެންޓް