ދީނުން ފިލާވަޅެއް: މޫސާގެފާނާއި ބަނީ އިސްރާއިލަށް ޖެހުނު ތަދުމަޑުކަން

މޫސާގެފާނުގެ ޒަމާނުގައި ބަނީ އިސްރާއީލްބާގައިގެ މީހުންނަށް ވަރަށްބޮޑު ތަދުމަޑުކަމަކާއި ކުރިމަތިލާންޖެހުނެވެ. ނީލަކޯރުގެ ފެންގަނޑު ހިނދި ވާރޭ ނުވެހި ދިގު މުއްދަތެއް ވޭތުވެގެން ދިޔައެވެ. ގެރިބަކަރިތައް މަރުވެ އެމީހުންގެ ހުރިހާ ދަނޑުބިންތައް ހަލާކުވެގެން ދިޔައެވެ.

ބަނީ އިސްރާއީލްބާގައިގެ މީހުން މިޚަބަރު މޫސާގެފާނަށް ގެންދެވުމުން އެކަލޭގެފާނު އެމީހާއަށް ދެންނެވީ މާދަމާ ފަތިސްނަމާދުގެ ފަހުން މައިދާނަށް އެއްވާށެވެ.

މޫސާގެފާނާއި ޤައުމުގެ މީހުން މައިދާނަށް އެއްވެ ދުޢާކުރަމުން ގެންދާތާ އެތައް ވަގުތެއް ފާއިތުވެގެންދިޔައިރުވެސް ވާރޭ ވެއްސެވުމުގެ އެއްވެސް ނިޝާނެއް ނުފެނެއެވެ. އެހިނދު މާތްالله މޫސާގެފާނަށް ބަނީ އިސްރާއީލްބާގައިގެ ތެރޭގައި މުޅި އުމުރު ވިޔާނުދާ ޢަމަލުތައްކޮށް ފާފަކުރުމުގައި ދެމިހުރި ފަރާތެއް، އެމީހުންގެ ތެރޭގައި ހުރުމުން އެންމެންގެ ތެރެއިން އޭނާ އެކަހެރިވާން ދަންނަވަން ވަޙީކުރެއްވެވިއެވެ.

މޫސާގެފާނު މާތްاللهއަށް އެއްވެފައިވާ މީސްތަކުންނަށް މުޚާތަބުކުރެއްވިޔަސް އަޑު އެންމެންނަށް ނުފޯރާނެކަމަށް އަރަހުށި މާތްاللهއަށް ދެންނެވުމުން ވަޙީކުރެއްވިއެވެ.

“އޭ މޫސާއެވެ. ކަލޭގެފާނަށް އޮތީ ދޫފުޅުން ވިދާޅުވުމެވެ. އެއަޑު އެމީހުންނާ ހަަމައަށް ފޯރުކޮށްދެއްވެވުމީ ތިމަން ކަލާނގެ ޙަޟްރަތަށް އޮތްކަމެކެވެ.“

މޫސާގެފާނު މިގޮތަށް އަމަލުފުޅުކުރެއްވުމުން އެއްވެފައިވާ މީހުންގެ ތެރޭގައި ހުރި ފާފަތައްކުރެވިފައިވާ ފަރާތަށް މޫސާގެފާނު އެދަންނަވަނީ އޭނާގެ ވާހަކަކަށް ވަގުތުން އެނގިއްޖެއެވެ. އެހެންނަމަވެސް އޭނާ އެމީހުންގެ ތެރެއިން އެހާލަތުގައި ވަކިން ދުރަށް ގޮސްފިނަމަ ބަނީ އިސްރާޢީލް ބާގައިގެ މީހުންނަށް އެމީހުން ވާރޭ ވެއްސެވުމުގެ ނިޢުމަތުން މަޙްރޫމްވެފައިވަނީ އޭނާގެ ސަބަބުންކަން އެނގި އޭނާ އެޤައުމުން ބޭރުކޮށްފާނެތީ ޖެހިލުންވިއެވެ. އެހިނދު އޭނާ ގޮތްހުސްވެ، ޖެހިގެން ހުރި މީހާއަށްވެސް ނޭނގޭހާ ސިއްރިއްޔާތުގައި ފާފަފުއްސަވައިދެއްވުމަށް އެދި މާތްاللهގެ ޙަޟްރަތުގައި ދެންނެވިއެވެ. މާތްالله އޭނާގެ ދުޢާ އިޖާބަކުރައްވާ ބަނީ އިސްރާޢީލް ބާގައިގެ މީހުން ކުރި ދުޢާ އިޖާބަކުރެއްވެވިއެވެ.

އެހިނދު އެއްވެސް މީހަކު ދުޢާ ކުރަން ހުރި ސަފުތަކުން ވަކިވެފައިނުވާތީ އެކަމާ ޢަޖައިބުވެގެން މޫސާގެފާނު މާތްالله އަށް ދެންނެވުމުން ވަޙީކުރެއްވެވީ ސިއްރިޔާތުގައި ފާފަފުއްސެވުމަށް އެދި އެމީހާ ދުޢާކުރެއްވުމުން އޭނާގެ ދުޢާ އިޖާބަކުރައްވާ، އެއްވެފައިވާ މީހުންގެ ތެރޭގައި ފާފަވެރިއަކު ނެތުމުން މާތްاللهގެ ރަޙްމަތްފުޅުން އެއްވެފައިވާ މީހުންގެ ދުޢާ އިޖާބަކުރެއްވެވީކަމަށެވެ.

މާތްالله ފާފަފުއްސަވައިދެއްވީ ކޮން ފަރާތެއްގެތޯ ދައްކަވައިދެއްވުމަށް މޫސާގެފާނު މާތްالله އަށް ދެންނެވުމުން އެކަލާނގެ ވަޙީކުރެއްވެވިއެވެ.

“އޭ މޫސާއެވެ. އެމީހާ އޭނާގެ މުޅި އުމުރު ފާފަތައް ކުރަމުން ގެންދިޔައިރުގައިވެސް އެއީ ކާކުކަން ތިމަަން الله ބޭޒާރެއް ނުކުރައްވަމެވެ. އޭނާ ފަޟީޙަތެއް ނުކުރައްވަމެވެ. އެމީހަކީ ކާކުކަން ތިމަން الله އެހެންމީހުންނަކަށް ނާންގަަވަމެވެ. އެމީހާ ތަޢުބާވެ އޭނަގެ ތަޢުބާ ތިމަން الله ޤަބޫލުކުރައްވަވާ، އޭނާއަކީ އެއްވެސް ފާފައެއް ނުކުރާ މީހަކަށްވުމަށްފަހުގައި ދެން އަމުދުން އެއީ ކާކުކަން ބަޔާންކޮށްދެއްވަވާ އަންްގަވައިދެއްވުމަށް އިރާދަފުޅު ނުކުރައްވަމެވެ.“

މިވާހަކައިން ލިބޭ އެންމެ ބޮޑު ޢިބްރަތަކީ ފާފައެއްކުރެވިއްޖެނަމަ އަވަހަށް މާތް اللهގެ ހަޟްރަތަށް އިސްތިގުފާރްކޮށް އަވަހަށް ތަޢުބާވާންޖެހޭނެއެވެ. އަދި އެކަލާނގެ ޙަޟްރަތުގައި އިޚްލާސްތެރިކަމާއެކު ތަޢުބާވެއްޖެނަމަ މާތްالله ތަޢުބާ ޤަބޫލުކުރައްވާނެކަމާއި އަދި ހަަމައެހެންމެ ކުރެވިފައިވާ ފާފަތައް ގިނަވުމުގެ ސަބަބުން މާތްالله އިރާދަކުރައްވައިފިނަމަ އެމީހަކު މާތްالله ގެ ރަޙްމަތާއި ނިޢުމަތުން ބޭރުވެގެން ހިނގައިދާނެކަންވެސް އެނގިގެންދެއެވެ. އަދި މީހަކު ކިތަންމެ ކުށެއް ކޮށްފިނަމަވެސް ތަޢުބާވެއްޖެނަމަ މާތްالله ތަޢުބާ ޤަބޫލުކުރައްވާނެކަމަށާއި އަދި މިޙާލަތުގައި އޭނާއަކީ ފާފަތައް ފުހެވިފައިވާ ފަރާތެއްކަމުން އޭނާގެ މާޒީގެ މަތިން އެމީހަކަށް ހަނދާންކޮށްދިނުމަކީ އަހަރެމެންނަށް އޮތްކަމެއްނޫންކަން އެއީ މިޙާދިސާއިން ލިބޭ ވަރަށް ބޮޑު ފިލާވަޅެކެވެ.

comment ކޮމެންޓް