ޓިކްޓޮކަށް ދިވެހި ފޮޓޯގްރަފީ ހުނަރު ލަންބާލި އައިޝޮޓް

"ހީވީ ހުވަފެނެއްހެން. ވަރަށް އުފާވި އަސްލު، މީހުން އަޅުގަނޑުކުރާ މަސައްކަތަށް އެހާ ލޯބިކުރާތީވެ، ގަޔާވާތީވެ. ދެން އެ މަސައްކަތުން އެހެން މީހުން ހިތްވަރު ހޯދައި އިންސްޕަޔާ ވާތީވެ ޓިކްޓޮކްގައި،" މިއީ ފޮޓޯގްރާފަރު އަކްޝަމް އަބްދުލްގާދިރު ނުވަތަ އެންމެން ދަންނަ ނަމުންނަމަ "އައިޝޮޓް މޯލްޑިވްސް" ޓިކްޓޮކްގައި ވެރިފައި ވުމާއެކު ކުރެވުނު އިހުސާސްތައް ކިޔައިދެމުން ބުނި ވާހަކަ އެވެ.

އަކްޝަމްއަކީ ބިލިއަނެއްހާ މީހުން ބޭނުންކުރާ ޓިކްޓޮކް ޕްލެޓްފޯމުގައި އެންމެ ފުރަތަމަ ވެރިފައިވި ދިވެހި ފޮޓޯގްރާފަރެވެ. އޭނާ ބުނި ގޮތުގައި އޭނާ ޓިކްޓޮކް ކޮންޓެންޓް އުފައްދަނީ ވަރަށް ގަޔާވާ ހޮބީއެއްގެ ގޮތުގަ އެވެ. އަދި ޓިކްޓޮކްގައި ވެރިފިކޭޝަން ލިބުމުން އިތުރަށް އެ މަސައްކަތަށް ގަޔާވެ، ރަނގަޅު ކޮންޓެންޓް އޭނާގެ ސަޕޯޓަރުންނަށްޓަކައި އުފައްދަންވެސް ހިތްވަރު ލިބިގެން ދިޔަ އެވެ.

އެކަމަކު އެންމެ ފުރަތަމަ އަކްޝަމް ޓިކްޓޮކް ބޭނުންކުރަން ފެށީ މިއަދު އޭނާ އެ ބެނުންކުރާ ގޮތަކަށް ނޫނެވެ. އަކްޝަމްއަށް އޭނާ ކުރަން ބޭނުންވާ އަދި ގަޔާވާ ގޮތަށް ޓިކްޓޮކް ހަދަން ފެށުނީ ފޮޓޯގްރަފީގެެ ހުނަރުވެރިކަން ޓިކްޓޮކްގެ ތެރެއަށް ވަދެ ގުޅުވާލުމާ އެކުގަ އެވެ. އާންމުކޮށް ޓިކްޓޮކްއަކީ ފޮޓޯގްރަފީއަށް ބޭނުންކުރާ ޕްލެޓްފޯމަކަށް ނުވިނަމަވެސް އަކްޝަމް އެ ޕްލެޓްފޯމް އޭނާގެ ހުނަރުތަކަށް ލަންބާލި އެވެ. މިއަދު އޭނާގެ ޕޯސްޓުކުރާ ކޮންމެ ވީޑިއޯއެއް، އެއީ އާދަޔާޙިލާފް ރީތި ޑްރޯން ފުޓޭޖްއަކަށްވިޔަސް ނުވަތަ ފޮޓޯގްރަފީ ވީޑިއޯއަކަށްވިޔަސް، އެއީ ޓިކްޓޮކްގައި ވަރަށް ބޮޑު މަގުބޫލުކަމެއް ލިބޭ ކޮންޓެންޓަކަށް ވެއެވެ.

"އެންމެ ފުރަތަމަ (ޓިކްޓޮކް) އެ އެޕް ބޭނުންކުރަން ފެށިއިރު ޕޯސްޓުކުރީ ޓްރާންސިޝަން ޓިކްޓޮކް ކޮޅަކާއި އެސްތެޓިކް އެއްޗެހި، ދެން ސްލޯމޯތަކާއި ލިޕްސިންކް ކަހަލަ ކޮންޓެންޓް. މިހާރު ހަމަ ބޮޑަށް ޕޯސްޓު ކުރަނީ [އަހަރެން] ވަރަށް އުފައްދާ ހިތްވާކަހަލަ ކޮންޓެންޓް، މިސާލަކަށް ޑްރޯން ފުޓޭޖް، ފޮޓޯގްރަފީ ދެން އަދިވެސް ބައެއް ފަހަރު ކޮމެޑީ އެއްޗިހި އަދި ލިޕްސިންކް ކޮންޓެންޓްވެސް ލަން،" އަކްޝަމްގެ ޓިކްޓޮކް ތަޖުރިބާއަށް އައި ބަދަލު ކިޔައިދިނެވެ.

ޓިކްޓޮކް އަކީ ކޮންމެ ގޮތަކަށްވިޔަސް ގިނަ ބައެއްގެ ފާޑުކިޔުންތައްވެސް އަމާޒުވާ ޕްލެޓްފޯމެއްކަން އަކްޝަމްވެސް ގަބޫލު ކުރެ އެވެ. އެކަމަކު އަކްޝަމް ގަބޫލުކުރާ ގޮތުގައި އެ ޕްލެޓްފޯމް ބޭނުންކުރާ ގޮތުން އެ ޕްލެޓްފޯމް ރަނގަޅަށްވެސް ބޭނުންކޮށް އޭގެން ބޮޑެތި ފުރުސަތުތަކެއް ފަހިކޮށް ހޯދައި، އެ ޕްލެޓްފޯމުން އާމްދަނީ ހޯދުމަކީވެސް ކުރެވިދާނޭ ކަމެކެވެ.

ކޮންޓެންޓް ކްރިއޭޓާއެއްގެ ގޮތުގައި އަކްޝަމް ދެކޭ ގޮތުގައި ޓިކްޓޮކް އަކީ އަމިއްލަ ނަފްސު "އެކްސްޕްރެސް" ކޮށް އެތައް މިލިއަން ބަޔަކަށް އެމީހެއްގެ އަމިއްލަ ހުނަރުވެރިކަމާއި މަސައްކަތް ދެއްކުމުގެ ފުރުސަތު ފަހިކޮށްދޭ ޕްލެޓްފޯމެކެވެ.

"މީހުން ހުރޭ ހަމަ ހޭޓް ކޮމެންޓްސް ވެސް [ކޮށްފައި]. އެކަމަކު އެއްވެސް މީހަކު އެއް ގޮތެއް ނުވާނެތާ، އެންމެންވެސް ތަފާތު ވާނެ އެހެންވީމަ ކޮންމެ މީހެއްގެވެސް އަމިއްލަ ހިޔާލު ތަފާތުވެދާނެ. އެކަން ވަރަށް އަންޑަސްޓޭންޑް ވޭ. އެއީ އަޅުގަނޑަކީ ފުދޭވަރަކަށް ޕޮޒިޓިވް މީހެއް، އެހެންވެ ވަރަށް ނުނަގަން އެ ނެގެޓިވްކޮށް ނުވަތަ ގޯސްކޮށް. ކަމެއްގައި ކާމިޔާބީ ހޯދަން އުޅޭއިރު އަންޑަސްޓޭންޑް ވާން ޖެހޭނެ އެކަހަލަ މީހުންވެސް އުޅޭނެކަން،"

އަކްޝަމް އަބްދުލް ގާދިރު ނުވަތަ އާންމު ނަމުންނަމަ އައިޝޮޓް އަކީ ބިލިއަނެއްހާ މީހުން ބޭނުންކުރާ ޓިކްޓޮކް ޕްލެޓްފޯމުގައި ވެރިފިކޭޝަން ހޯދި އެންމެ ފުރަތަމަ ދިވެހި ފޮޓޯގްރާފަރު.

"އަޅުގަނޑުގެ ކާމިޔާބީގެ ފަހަތުގައިވެސް އޮތީ އެ ޕޮޒިޓިވް މައިންޑްސެޓް. އަބަދުވެސް ފާޑުކިޔުން ނަގަނީ ފައިދާހުރި ގޮތަށް. އަޅުގަނޑު ކުރާ ކަމެއް ކުރަނީ ވަރަށް ކުރާހިތުން، އެއްވެސްމީހަކަށް ގެއްލުން ދޭކަށް ނޫން. އެހެންވީމަ އޯކޭވާނެ ކަންނޭނގެ،" އަކްޝަމް ބުންޏެވެ.

އަކްޝަމް ބުނިގޮތުގައި ކުރިޔަށް އޮތްތަނުގައިވެސް އޭނާގެ ވީޑިއޯތަކާއި ހުނަރުވެރި މަސައްކަތްތައް ފެނިގެންދާނެ އެވެ.

އަދި ވެރިފިކޭޝަންގެ ކާމިޔާބީއާއެކު ޓިކްޓޮކް ހެދުމަށް ލިބުނު ހިތްވަރުން މިހާރު އޭނާ ހުރީ އިޖުތިމާއީ ހޭލުންތެރިކަމުގެ ދާއިރާއަށް އޭނާގެ ހުނަރުތައް ބޭނުންކޮށް އެ ދާއިރާއިން ކޮންޓެންޓް އުފައްދައި މީހުންނަށް ހިތްވަރު ދިނުމަށް ގަސްދުކޮށްގެންނެވެ.

"މީހުންނަށް ހިތްވަރުދީ، އިންސްޕަޔާކޮށް މުޖުތަމައުގައި ޕޮޒިޓިވިޓީ ފަތުރަން، މިހާރު މި އުފައްދަން އުޅޭ ކޮންޓެންޓުގެ އަމާޒަކީ، މި މަސައްކަތް މި ކުރަނީ،" އަކްޝަމް ބުންޏެވެ.

comment ކޮމެންޓް