ރައީސް ނަޝީދަށް ދިން ހަމަލާ ކުށްވެރިކޮށް، އަވަސް ތަހުގީގެއް ހިންގަން އިދިކޮޅުން ގޮވާލައިފި

އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން --- ފައިލް ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކާރުކޮޅު ކައރިން އެއްޗެއް ގޮއްވާލާފައިވާތީ އެކަން ކުށްވެރިކޮށް، އަވަސް ތަހުގީގެއް ހިންގުމަށް އިދިކޮޅި ކޯލިޝަނުން ގޮވާލައިފި އެވެ.

މިރޭ މަޖިލިސް ރައީސް ދިރިއުޅުއްވާ ގ. ކެނެރީގޭ ބޭރުގައި އެއްޗެސް ގޮއްވާލާފައި ވަނީ އެމަނިކުފާނު ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށެވެ. އަދި އެ ގޮވުމުގެ ސަބަބުން އެމަނިކުފާނަށް އަނިޔާވެ، އޭޑީކޭ ހޮސްޕިޓަލުގައި ގެންދަވަނީ ފަރުވާ ހޯއްދަވަމުންނެވެ. އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށް މައުލޫމާތު ލިބެ އެވެ.

އިދިކޮޅު ކޯލިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މަޖިލިސް ރައީސްގެ ގެކޮޅު ކައިރިން ކާރުކޮޅަށް އެމަނިކުފާނު އަރާވަޑައިގަންނަވަނިކޮށް އެ ސަރަހައްދުގައި ކާރުކޮޅު ކައިރިން އެއްޗެއް ގޮވާ އެމަނިކުފާނަށް އަނިޔާ ލިބިވަޑައިގެންނެވި ހަބަރު އެ ކޯލިޝަންގެ ފަރާތުން އެހީ ކުއްލި ހައިރާން ކަމާއި އަސަރާއެކު ކަމަށެވެ.

އަދި އެމަނިކުފާނަށް ލިބިވަޑައިގެންނެވި އަނިޔާއަށް އަވަސް ޝިފާއެއް ދެއްވުން އެދި ދުއާ ކުރާ ކަމަށެވެ.

"ރައީސް ނަޝީދުގެ ގެކޮޅު ކައިރިން އެމަނިކުފާނު ކާރަށް އަރާވަޑައިގަންނަވަނިކޮށް އެމަނިކުފާނަށް އަމާޒުކޮށް ދީފައިވާ ހަމަލާގެ ހަގީގަތް ހޯދުމަށް އަވަސް ތަހުގީގެއް ހިންގުމަށް ދައުލަތުގެ ކަމާ ބެހޭ މުއައްސަސާ ތަކަށް ގޮވާލަމެވެ." ބަޔާނުގައިވެ އެވެ.

ހަމައެއާއެކު ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި، އެ ކޯލިޝަންގެ ލީޑަޝިޕާއި، ކައުންސިލާއި ސްޓިއަރިންގ ކޮމިޓީތަކާއި އާންމު މެންބަރުންގެ ފަރާތުން ހަމްދަރުދީ ފާޅުކޮށް، އެމަނިކުފާނަށް އަމާޒުކޮށް ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ވެސް ބުނެފައިވެ އެވެ.

އެ އަމަލު ރާވާ ހިންގުމުގައި ބައިވެރިވެފައިވާ ހުރިހާ ފަރާތްތައް ހޯދާ ގާނޫނުގެ ކުރިމައްޗަށް ގެނެސް ގާނޫނުން ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށްވެސް އިދިކޮޅު ކޯލިޝަނުން ވަނީ ގޮވާލައިފަ އެވެ.

comment ކޮމެންޓް