ދީނުން ފިލާވަޅެއް: ޝުއައިބުގެފާނާއި އެކަލޭގެފާނުގެ ދަރިކަނބަލުން

މޫސަަގެފާނުގެ ހަޔާތްޕުޅުގައި އެކި ދުވަސްވަރު ހިނގާފައިވާ ކަންތައްތަކަށް ވިސްނާ ފިކުރުކޮށްލުމުން ދިރިއުޅުމުގެ އެކި މަރުޙަލާތަކުގައި އަހަރެމެންނަށް ފައިދާކުރާނެ ފިލާވަޅު އަދި ޢިބްރަތްތަކެއް ލިބިގެންދެއެވެ.

ފިރުޢައުނާއި އޭނާގެ ލަޝްކަރުގެ ފަރާތުން ލިބެމުންދިޔަ އަނިޔާތަކުގެ ސަބަބުން މޫސާގެފާނަށް މިޞްރު ދޫކޮށް ހިޖްރަކުރައްވަން ޖެހިވަޑައިގަތެވެ.

ހިޖްރަކުރެއްވި ދަތުރުފުޅުގައި ޞަޢޫދީ ޢަރަބިއްޔާގެ މަދްޔަން އޭ ކިޔުނު ސަރަހައްދުގައި ބަކަރި ހުއިހައްޕަން ބަޔަކު ތިބި ތަނެއްގައި ހުރި ފެން ވަޅެއް ކައިރީގައި ވަކިން ތިބި ޒުވާން ދެ އަންހެންކުދިން ފެނިވަޑައިގެންނެވިއެވެ. އަދި ދެ އަންހެންކަނބަލުންނާއި އެކަނބަލުން އެގޮތަށް ތިއްބެވީ ކީއްވެގެންތޯ ސުވާލުކުރެއްވުމުން އެދެކަނބަލުންގެ ގޭގައި މުސްކުޅި ބައްޕާފުޅު ފިޔަވާ އިތުރު ބޭފުޅަކު ނެތްކަމަށާއި އަދި ގޭތެރޭގައިވެސް އަދި ގެއިން ބޭރުގައިވެސް ހުރިހާ މަސައްކަތެއް ކުރުމުގައި އުޅެނީ އެދެއަންހެނުންކަން ސާފުކޮށްދެއްވިއެވެ.

މޫސާގެފާނު ވަޅުން ފެންނެގުމަށް އަދި އެމީހުންގެ ބަކަރިތަކަށް ފެން ދެއްވުމުނއ އެމީހުންނަށް އެހީތެރިވުމުން މޫސާގެފާނަށް ދެއްވާނެ އުޖޫރައަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް އެދެކަނބަލުންގެ ބައްޕާފުޅުގެ އަރިހަށް ގެއަށް ވަޑައިގެންނެވުމަށް ދެންނެވިއެވެ.

މޫސާގެފާނު ޝުޢައިބުގެފާނުގެ އަރިހަށް ވަޑައިގެންނެވުމުން ޝުޢައިބުގެފާނުގެ ދެއަންހެންދަރިކަނބަލުން އެކަނބަލުންގެ ބައްޕާފުޅަށް ދެންނެވީ އެގޭގެ އެކި މަސައްކަތްތައް ކުރެއްވުމަށް މޫސާގެފާނަށް ހަވާލުކުރެއްވުމަށެވެ. އަދި އެކަލޭގެފާނަށް މިމަސައްކަތްތައް ހަވާލުކުރައްވަންވީ އެއީ އަމާނާތްތެރި ކުރަންޖެހޭ މަސައްކަތްކުރުމުގެ ބާރުވެސް ހުންނެވި ޒުވާނަކަށްވާތީކަމަށެވެ.

ޝުޢައިބުގެފާނު މިކަމާ ރުހިވަޑައިގެން އަށްއަހަރު ވަންދެން މަދްޔަންގައި ދިރިއުޅުއްވުމަށް އެދިވަޑައިގަތެވެ. އަދި އެކަމުގެ އުޖޫރައެއްގެ ގޮތުގައި އެކަލޭގެފާނުގެ ކޮންމެވެސް އެއް އަންހެންދަރިކަނބަލަކާ ކައިވެނިކޮށްދެެއްވާނެކަމަށް މޫސާގެފާނަށް ދެންނެވިއެވެ. މިކަމާ މޫސާގެފާނު ރުހިވަޑައިގަތެވެ.

މިވާހަކައިން އަހަރެމެންނަށް ލިބޭ ފިލާވަޅަކީ އަންހެނުން ގެއިން ބޭރުގައި މަސައްކަތްކުރުމަކީ ދީން ހުއްދަކުރާކަމެއްކަމުގައެވެ. އަދި އެއަދާކުރާ ކޮންމެ މަސައްކަތެއްގެ މާހައުލުގައި އަދި މަސައްކަތްކުރުމުގައި ވެސް ފިރިހެނުން އަދި އަންހެނުންވެސް އިއްފަތްތެރިކަމާއި އަބުރުވެރިކަން ދެމެހެއްޓުމަކީ ކޮންމެ މީހަކުވެސް ކުރަންޖެހޭ ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

ޝުޢައިބުގެފާނުގެ އަރިހުގައި މޫސާގެފާނު މަަސައްކަތްކުރުމުގައި ޝަރުތެއް ކަމުގައި ކަނޑައެޅިގެން ދިޔަ މުހިއްމު ސިފަތައް ކަމުގައިވާ، ތެދުވެރިކަމާއި އަމާނާތްތެރިކަން އަދި ވަޒީފާ އަދާކުރުމުގެ ހުނަރު އެމީހެއްގެ ކިބައިގައި ހުރުމަކީ އޭރުވެސް މިހާރުވެސް މަސައްކަތުގެ މާހައުލަށް މީހާ އަހުލުވެރިތޯ ކަނޑައެޅުމުގައި މުހިއްމު ސިފަތަކެކެވެ.

އިސްލާމްދީނުގެ މިފަދަ ކަންތައްތަކާއި މެދު ވިސްނާ ފިކުރުކުރުމުން އެނގިގެންދަނީ އިސްލާމްދީނަކީ ފުރިހަމަ ދީނެއްކަމެވެ.

comment ކޮމެންޓް