ނަޝީދުގެ މޭޑޭ މެސެޖު: މިނިމަމް ވޭޖް ކަނޑައެޅުމުގެ މަސައްކަތް އެމްޑީޕީއިން ހުއްޓާނުލާނެ

އޭޕްރީލް 11، 2021: ލޯކަލް ކައުންސިލް އިންތިހާބު ނަތީޖާއާއި ގުޅިގެން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ނޫސްވެރިނަނަށް މައުލޫމާތު ދިނުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަސައްކަތްތެރިންނަށް ލިބޭ އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ކަނޑައެޅުމުގެ މަސައްކަތް އެމްޑީޕީއިން ހުއްޓާނުލާނެ ކަމަށް އެ ޕާޓީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރަމުންދާ މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާއާއެކު ކުރެއްވި ޓްވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، މަސައްކަތްތެރިންގެ ހައްގުގައި އެމްޑީޕީ އަބަދުވެސް ވަކާލާތު ކުރާނެ ކަމަށެވެ.

އެގޮތުން ފަތުރުވެރިކަމުން ލިބެން ޖެހޭ ސާވިސް ޗާޖު މިހާރު ކަށަވަރު ކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތްވެސް އެ ޕާޓީއިން ހުއްޓާނުލައި ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.

މިނިމަމް ވޭޖް ކަނޑައަޅަން ޖެހޭ ދާއިރާތައް ހިމަނައި 2021 ވަނަ އަހަރު ނިމުމުގެ ކުރިން މިނިމަމް ވޭޖު ތަންފީޒު ކުރަން ޖެހޭގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކުރީ މިދިޔަ އަހަރުގެ ސެޕްޓޭމްބަރު މަހު އެވެ. ސާވިސް ޗާޖާ ބެހޭ އިސްލާހުވެސް ފާސް ކުރީ އެ މަހުގެ ތެރޭގަ އެވެ.

އެންމެ ކުޑަމިނުން ދެވޭ އުޖޫރަ ކަނޑައަޅަން ލަފާދޭނީ ވޭޖް ބޯޑުން ކަމަށް ބިލުގައި ބުނެފައިވެ އެވެ. އަދި އެ ލަފާދޭތާ 30 ދުވަހުގެ ތެރޭގައި އެންމެ ކުޑަމިނުން ދެވޭ އުޖޫރަ ކަނޑައަޅާ މިނިސްޓަރު އަމުރެއް ނެރެން ވާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.

މިނިމަމް ވޭޖް ކަނޑައަޅައި ނެރޭ އަމުރުގައި މުވައްޒަފެއްގެ މުސާރައިން ގަޑިއަކަށް ޖެހޭ ވަރާއި މަސައްކަތުގެ ބަޔަކަށް ޖެހޭ އަދަދާއި އިތުރުގަޑީގައި ލިބޭ މިންވަރު ކަނޑައަޅަން ވާނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.

comment ކޮމެންޓް