ދީނުން ފިލާވަޅެއް: މޫސާގެފާނާއި ހާރޫންގެފާނުގެ ގުޅުން

ހާރޫނުގެފާނާއި މޫސާގެފާނަކީ މާތްﷲގެ ގެ ދެ ނަބިއްޔުން އަދި ރަސޫލުންނެވެ. އަދި ދެ އަޚުންވެސް މެއެވެ. މިއަދުގެ ދީނުން ފިލާވަޅެއްގައި ޑރ. އިބްރަހިމް ޒަކަރިއްޔާ މޫސާ ކިޔައިދެއްވަނީ އެ ދެބޭކަލުން ގެ ދެމެދުގައި ހިނގައިދިޔަ އިބްރަތުން ފުރިގެންވީ ކުރު ހާދިސާއެކެވެ.

މާތްﷲ އެދެބޭކަލުންނަށް ފިރިއައުނުގެ ގާތަށް ހާޒިރުވުމަށް އެންގެވިއެވެ. އެއާއެކު އެ ދެބޭކަލުންގެ ދެމެދުގައި އޮތް މަތިވެރި ލޯތްބާއި ކުލުނު ހާމަވެގެންދިއައެވެ. މޫސާގެފާނު ވިދާޅުވިކަމަށްވެއެވެ، "ތިމަންކަލޭގެފާނުގެ އަޚު ހާރޫނުއަކީ ދޫފުޅު ފަރިތަ އަދި މާ ފަސާޚާތްތެރި އަދި ބަލާޣާތްތެރިކަމާއިއެކު ބަސްފުޅު ވިދާޅުވާ ބޭކަލެއްކަމުން ފިރުއައުނުގެ ގާތަށް ދިއުމަށް ތިމަން ކަލޭގެފާނުގެ އަޚު ޚާރޫނަށް ތިމަންކަލޭގެފާނު އިސްކަން ދެއްވަމެވެ،".

މި ކުޑަ ކުޑަ ހާދިސާއަށް ނަޒަރު ހިންގާލުމުން އަހަރެމެންގެ ދިރިއުޅުމުގައި މި ހާދިސާގެ ބޭނުން ހިފިދާނެ ކިތަންމެ ގޮތެއް އަދި ހާލަތެއް އެނގިގެން ދެއެވެ.

އަޚުވަންތަކަމުގެ ގުޅުމަކީ ކިތަންމެހާވެސް މާތް ގުޅުމަކަށްވާއިރު އެ ގުޅުމަށް ދޭންޖެހޭ އަހަންމިއްޔަތާއި، އަދާކުރަންޖެހޭ އިހުތިރާމާއި ބަހައްޓަންޖެހޭ ލޯބި މޫސާގެފާނާއި ހާރޫނުގެފާނާއި ދެމެދުގައިވާ މި ގުޅުމުން ވަރަށް ފުރިހަމައަށް ހާމަވެގެންދެއެވެ.

މިއަދު އަހަރެމެންގެ އާއިލާތަކުގައި ކިތަންމެ ކުޑަ މައްސަލައެއްގައި އެއްބަނޑު އެއްބަފާ އަޚުންނާއި އަދި އުޚްތުންވެސް އެކަކު އަނެކަކާއި ވާހަކަ ނުދައްކާ، މޫނު ކެނޑިފައިވާއިރު އެއީ މާތްﷲ ނަހީކުރައްވާފައިވާކަމެއްކަން ހަނދާން ކުރަންޖެހެއެވެ.

"ހާރޫނުގެފާނުގެ ކިބައިގައި ހުރި ފަސާހާތްތެރިކަމާއި ގާބިލްކަމަށް މޫސާގެފާނު އިއުތިރާފު ވެވަޑައިގަތީ. މިއީ ވަރަށް ރީތި އަދަބެއް. ތިމާއަށްވުރެ އިލްމުގެ ގޮތުންނާއި ހުނަރުގެ ގޮތުން ގާބިލު މީހެއް ކަމުގައިވާނަމަ އެމީހަކަށް އިސްކަން ދިނުމަކީ އަހަރެމެންގެ ދީނުގައިވެސް އަންގަވާފައިވާ ވަރަށް ރީތި އަޚުލާގީ ސިފައެއް،" ޑރ. ޒަކަރިއްޔާ ވިދާޅުވިއެވެ.

މޫސާގެފާނުގެ ހިތްޕުޅުގައި އެއްވެސްކަހަލަ ބޮޑާކަމެއް ނުވަތަ ކިބުރުވެރިކަމެއް އެކަލޭގެފާނުގެ އަޚު ހާރޫނާއި މެދު ނެތްއިރު އުމުރުގެ ގޮތުން ހަގު އަޚެއްކަމުގައިވިޔަސް ހާރޫނުގެފާނަށް ނުހަނު އިހުތިރާމާއި ގަދަރު ބެހެއްޓެވިކަން މި ހާދިސާއިން އެނގިގެންދެއެވެ.

"މޫސާގެފާނު އެފަދައިން ހާރޫނުގެފާނަށް އިސްކަންދެއްވުމުން އެއްވެސް ހާލެއްގައި އެކަލޭގެފާނުގެ ގަދަރާއި އިއްޒަތް ދަށްވެގެނެއް ނުދޭ. ނުވަތަ މަގާމަށް އުނިކަމެއްވެސް ނާދޭ. އޭގެ ބަދަލުގައި އެކަން ވެގެންދިޔައީ ތާރީހުގައިވެސް ހިނގައިދިޔަ ވަރަށް ވަރުގަދަ އިބްރަތުން ފުރިގެންވާ މިސާލެއްގެ ގޮތުގައި،" ޑރ. ޒަކަރިއްޔާ ވިދާޅުވިއެވެ.

comment ކޮމެންޓް