އީރާނުން 60 ޕަސެންޓް ޔޫރޭނިޔަމް ފައްކާކުރިކަން އައިއޭއީއޭން ކަށަވަރުކޮށްދީފި

އީރާނުގެ ނަތަންޒް ނިއުކްލިޔާ މަރުކަޒުގެ އިންޖިނޭރުންނާއި ޓެކްނީޝަނުން އެތަނުގެ މަސައްކަތުގައި ހަރަކާތްތެރިވަނީ

ވިއެނާ (އެޕްރީލް 18) : އީރާނުން 60 ޕަސެންޓް ޔޫރޭނިޔަމް ފައްކާކުރަން ފަށާފައިވާ ކަމާއި އެމިންވަރަށް މަދު އަދަދެއްގެ ޔުރޭނިޔަމް ފައްކާ ކޮށްފައިވާކަން އިންޓަނޭޝަނަލް އެޓަމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) އިން ކަށަވަރުކޮށްދީފި އެވެ.

އައިއޭއީއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އީރާނުން 60 ޕަސެންޓް ޔޫރޭނިޔަމް ފައްކާކުރަން ފަށާފައި ވަނީ އެކަމަށް ޚާއްސަ މަތިފެންވަރުގެ ޓެކްނޮލޮޖީގެ ސެންޓްރިފިއުޖް މެޝިންތަކެއްކަމަށްވާ އައިއާރު ފޯ، އާއި އައިއާރު ސިކްސް މަރުކާގެ މެޝިންތަކަށް "ހެކްސޯ ފްލޮރައިޑް ޔޫރޭނިޔަމް ގޭސް" އެޅުމަށްފަހުގަ އެވެ. މި މެޝިންތައް ބޭނުންކޮށްގެން 60 ޕަސެންޓް ފައްކާކޮށްފައިވާ ޔޫރޭނިޔަމް މިހާރު އީރާނުގައި ހުރިކަން ނަތަންޒް ނިއުކްލިޔާ ރިއެކްޓަރުން ނެގި ސާމްޕަލްތަކުން ކަށަވަރުވެފައިވާ ކަމަށް ވެސް އައިއޭއީއޭ އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ފަސްދޮޅަސް ޕަސެންޓް ޔޫރޭނިޔަމް ފައްކާކުރުމުގެ ނިންމުން އީރާނުން ނިންމީ އެގައުމުގެ ނަތަންޒް ނިއުކްލިޔާ މަރުކަޒުގެ ޔުރޭނިއަމް ފައްކާކުރާ ބައިގެ ކަރަންޓް ވިއުގައަށް މިދިޔަ ހަފްތާގައި ދިން ޓެރަރިސްޓް ޙަމަލާއަށް ރައްދު ދިނުމުގެ ގޮތުންކަމަށް އީރާނުން ބުނެފައިވެ އެވެ. ނަތަންޒް ނިއުކްލިޔާ މަރުކަޒަށް ދިން ޓެރަރިސްޓް ޙަމަލާގެ ފަހަތުގައި ވަނީ އިސްރާއީލު ކަމަށް އީރާނުން ތުހުމަތުކޮށްފައިވާއިރު ޚުދު އިސްރާއީލުވަނީ އެއީ އީރާނުގެ ނިއުކްލިޔާ ގާބިލްކަން ކުޑަކުރުމަށް ޓަކައި އިސްރާއީލުގެ ޖާސޫސީ އިދާރާއިން ދިން ކާމިޔާބު ޙަމަލާއެއްކަމަށް ސިފަކޮށް އެ ޓެރަރިސްޓް ހަމަލާއަށް ފަޚުރުވެރިވެ ޚަބަރުތައް ފަތުރާފައެވެ.

ނަތަންޒް މަރުކަޒުގައި ޔޫރޭނިޔަމް ފައްކާ ކުރުމަށް ބޭނުންކުރާ އައިއާރު ފޯ މަރުކާގެ ސެންޓްރިފިއުޖް މެޝިންތަކެއް

އިސްރާއީލުގެ މީޑީއާ ބުނާ ގޮތުން މިހަމަލާ އިސްރާއީލުން ދިނީ ސައިބާ އެޓޭކެއްގެ ގޮތުގަ އެވެ. ނަމަވެސް އީރާން ކަށަވަރުކޮށްދިން ގޮތުގައި އެ ހަމަލާދިނީ ނަތަންޒް ނިއުކްލިޔާ މަރުކަޒަށް ތަކެތި ސަޕްލައިކުރާ އީރާނުގެ މުވައްޒަފަކަށް އިސްރާއީލުން ރިޝްވަތު ދީގެން އެމީހާ އިސްރާއީލުގެ ޖާސޫސީ އިދާރާ "މޫސާދު"ގެ އެޖެންޓެއްގެ ގޮތުގައި ބޭނުންކޮށްގެންނެވެ. އެ ހަމަލާދިނީ ނަތަންޒް މަރުކަޒުގެ ކޮންޓޭނަރެއްގައި އެތަނަށް ގޮވާތަކެތި ވައްދައިގެން ކަމަށާ އެކަންކުރުމަށް ފަހު އެމީހާ އީރާނުން ފުރައިގެން ގޮސްފައިވާ ކަމަށް ވެސް އީރާނުން ބުނެފައިވެ އެވެ.

ނިއުކްލިޔާ މަރުކަޒުތަކަށް ހަމަލާދިނުމަކީ އެތަންތަނުން ރޭޑިއޭޝަން ބޭރުވެ އެތައްް ބައެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅޭނެކަމަކަށްވާތީ އެހަމަލާދިން މައްސަލަ އިންޓަނޭޝަނަލް އެޓަމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) އަށް ވެސް އީރާނުން ވަނީ ހުށަހަޅާފަ އެވެ. މިއާއެކު އެމީހާ ހައްޔަރުކުރުމަށް އިންޓަޕޯލް މެދުވެރިކޮށް އަމުރެއް ނެރެފައިވާނެކަމަށް އީރާނުން ބުނެފައިވެ އެވެ.

އީރާނުގެ ނިއުކްލިޔާ މަރުކަޒަށް ދިން ޓެރަރިސްޓް ޙަމަލާގެ މައްސަލާގައި އެމެރިކާ ވެސް ވަނީ އިސްރާއީލު ކުށްވެރިކޮށްފަ އެވެ. އިސްރާއީލުގެ އެފަދަ ހަމަލާތަކުގެ ސަބަބުން އީރާނުގެ ނިއުކްލިޔާ މައްސަލާގައި އެމެރިކާއާއި އީރާނާ ދެމެދު ކުރިޔަށްދާ ވާހަކަތަކަށް ހުރަސްއެޅޭ ކަމަށްބުނެ ވައިޓް ހައުސްގެ ތަރުޖަމާން ވަނީ އިސްރާއީލުގެ އަމަލާމެދު ރައީސް ޖޯބައިޑެން ނުރުހުންވެ ވަޑައިގެން ހުންނެވި ކަމަށް ވިދާޅުވެފަ އެވެ.

އީރާން ވަނީ އިސްރާއީލުގެ ހަމަލާގެ ނާޖާއިޒު ފައިދާ ނަގައިގެން ދަނޑިވަޅު ބަލާފައި ޔޫރޭނިޔަމް ފައްކާކުރާވަރު 60 ޕަސެންޓް މަތިކޮށްފަ އެވެ. އެއީ އިސްރާއީލުގެ ހަމަލާއަށް ދިން ރައްދު ކަމަށް އީރާނުގެ ރައީސް ވަނީ ސިފަކުރައްވާފަ އެވެ. ޔޫރޭނިޔަމް ފައްކާކުރާވަރު 60 ޕަސެންޓް މަތިކުރުމަކީ ނިއުކްލިޔާ ހަތިޔާރު އުފެއްދުމާ ގާތަށް އީރާން ދާ ކަމެއްކަމަށްވާތީ އެމެރިކާ ވަނީ އެކަމާމެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ނަތަންޒް ނިއުކްލިޔާ މަރުކަޒަށް ދިން ހަމަލާގައި އެމަރުކަޒުގެ ޔޫރޭނިޔަމް ފައްކާކުރާ ބައިގެ ކަރަންޓް ވިއުގައަށް ގެއްލުންތަކެއް ލިބުނުކަމަށް އީރާންވަނީ އެއްބަސްވެފަ އެވެ. ނަމަވެސް ޔޫރޭނިޔަމް ފައްކާކުރުމުގެ މަސައްކަތަށް އެކަމުގެ ސަބަބުން ހުރަސް ނޭޅޭކަމަށް ބުނެފައިވެ އެވެ. ނަތަންޒް ނިއުކްލިޔާ މަރުކަޒުގެ ޔޫރޭނިޔަމް ފައްކާކުރާ ބައި ހުންނަނީ ފަރުބަދަތަކެއްގެ އަޑީގައެވެ.

(އަލްޖަޒީރާ + ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް