ރިސޯޓު މުވައްޒަފުން ބަންދުން ފިލުވުމަށް ގޮވާލާ މަޖިލީހަށް މައްސަލައެއް

ހުސައިން މުހައްމަދު ލަތީފު -- ފައިލް ފޮޓޯ/ މަޖިލިސް

ކޮވިޑް19އާ ގުޅިގެން ރިސޯޓު މުވައްޒަފުންނަށް އާއިލާ ގާތަށް ނުދެވި ގިނަ ދުވަސްތާތީ އާއި އެ މުވައްޒަފުންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް ގޮވަލައި، ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.

މިއަދުގެ ޖަލްސާގައި އެ މައްސަލަ މަޖިލީހަށް ހުށަހެޅީ، އިދިކޮޅު މައި ޕާޓީ ޕީޕީއެމްއަށް ނިސްބަތްވާ ފަރެސްމާތޮޑާ ދާއިރާ މެމްބަރު ހުސައިން މުހައްމަދު ލަތީފު އަހުމަދެވެ.

އޭނާ ހުށަހެޅި މައްސަލައިގައި ބުނީ، ރިސޯޓު މުވައްޒަފުންނަށް ގިނަ ދުވަސްތަކެއް ވަންދެން ރަށަށް ނުދެވުމަކީ، އެ މުވައްޒަފުންނާއި އެ އާއިލާތަކަށް ވަރަށް ބޮޑު ހިތްދަތިކަމެއް ކުރިމަތިވެފައިވާ ކަމެއް ކަމަށެވެ. އެގޮތުން ގިނަ މުވައްޒަފުން ކޮވިޑާ ގުޅިގެން ރަށު ބަންދުގައި ތިބޭތާ އަހަރެއްހާ ދުވަސްވެފައިވާ ކަމަށް އެ މައްސަލައިގައި މެމްބަރު ހުސައިން ފާހަގަ ކުރެއްވި އެވެ.

ބައެއް ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރަށާއި ކިތަންމެ ކައިރި ރިސޯޓެއްގައި މަސައްކަތް ކުރަން ޖެހުނަސް އާއިލާ ކައިިރިއަށް ދެވުމުގެ ފުރުސަތު ނެތްކަމަވެެސް ހުސައިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެ މުވައްޒަފުންނަށް އޮތް އެންމެ ބޮޑު ދައްޗަކީ، އާއިލާގާތައް ދާން ބޭނުންނަމަ، 10 ދުވަހުގެ ކަރަންޓީންގެ މުއްދަތު ފުރިމަހަ ކުރަން ޖެހުމެވެ. ބައެއް ރިސޯޓުތަކުން ކަރަންޓީންގެ 10 ދުވަސް ގުނަނީ ނޯޕޭ ނުވަތަ މުސާރަ ނުހިނގާ މުއްދަތެއްގެ ގޮތުގައި ކަމަސް ހުސައިން ވިދާޅުވި އެވެ.

"ކޮންމެ ހަފްތާއަކު އޮފް ނަގަން މުހުބޫރުވާއިރު، އޮޑްޑޭ އެއްކޮށް ލިބޭނެ ގޮތެއް ނެތުމާއި ބައެއް ރަށްރަށުގައި ކަރަންޓީނުވާނެ ތަނެއް ނެތުމާއި ނުވަތަ ކުއްޔަށް ތަންތަން ހިފައިގެން ކަރަންޓީން ވާން ޖެހުމާއި މުވައްޒަފުން ޑޮކްޓަރަށް ދަކްނ ދާނެވެސް ބޮޑު ތަކުލީފުތަކެއް އުފުލަން ޖެހޭ ފަދަ ގޮތަަކަށް ކަންކަން،" ތަރުތީބުވެފައިވުމަކީ އެ މުވައްޒަފުންގެ ކަންބޮޑުވުމެއް ކަމަށް ހުސައިން ވިދާޅުވި އެވެ.

ރިސޯޓު މުވައްޒަފުންނަށް ރަށްރަށަށް ދާއިރު ކަރަންޓިވުން މަޖުބޫރު އިރު، ފަތުރުވެރިންނަށް ފަތުރުވެރިންނަށް ކަރަންޓީން ވާން ނުޖެހި، އެ ފަތުރުވެރިން މާސްކު ނާޅާ ރަށުގައި މިނިވަންކަމާއެކު އުޅެމުންދާ ކަމަށް ހުސައިން ވިދާޅުވި އެވެ. އެކަމުގެ ސަބަބުން ރަށުގައި ކޮވިޑް19 ފެތުރުމުގެ ފުރުސަތު އޮންނާނެ ކަން ހުސައިން ފާހަގަކޮށް އެކަމުގެ ކަންބޮޑުވުން ފާޅު ކުރެއްވި އެވެ. އޭގެ އިތުރުމުން ރިސޯޓުތަކުގައިވެސް ފަތުރުވެރިން މާސްކު ނޭޅުމާއި ރިސޯޓުތަކުގައި ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށް ނުދިޔުމަކީ މުވައްޒަފުންގެ ކަންބޮވުމެއްކަމަށް ހުސައިން ވިދާޅުވި އެވެ.

"ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކޮށް ކަމާ ބެހޭ އިދާރާތަކުން މިކަން ފުރިހަމައަށް ބަލާ މޮނީޓާކޮށް، އެ މުުވައްޒަފުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ސަރުކާރަށް ގޮވާލައި، މި މައްސަލަ ހުށަހަޅަމެވެ،" ހުސައިން ވިދާޅުވި އެވެ.

މުވައްޒަފުންނަށް ދިމާވެފައި މައްަސަލަތަކަށް ކަމާ ގުޅުންހުރި އިދާރާތަކަށް އެމުވައްޒަފުން ޝަކުވާ ހުށަހެލޫމުންވެސް އެކަމަށް ހައްލެއް އައިސްފައި ނުވާ ކަމަށްވެސް ހުސައިން ވިދާޅުވި އެވެ.

comment ކޮމެންޓް