ބްރިޓިޝް އެއާވޭސް ހިންގާ ކުންފުންޏަށް 8.5 ބިލިއަން ޑޮލަރުގެ ގެއްލުން

ބްރިޓިޝް އެއާވޭސްގެ ފްލައިޓެއް ވީއައިއޭއަށް ލޭންޑް ކުރަނީ --- ފޮޓޯ ވީއައިއޭ

ބްރިޓިޝް އެއާވޭސް ހިންގާ ކުންފުނި، ދަ އިންޓަނެޝަނަލް އެއާލައިންސް ގްރޫޕް (އައިއޭޖީ) އަށް މިދިޔަ 2020 ވަނަ އަހަރު 8.5 ބިލިއަން ޑޮލަރުގެ ގެއްލުންވި ކަމަށް ރިޕޯޓު ކޮށްފި އެވެ.

ކޮވިޑް19 ބަލިމަޑުކަމުގެ ސަބަބުން 2020 ވަނަ އަހަރަކީ ވައިގެ ދަތުރުފަތުރުގެ ދާއިރާ އަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވި އަހަރެކެވެ. އައިއޭޖީ ގެ ދަށުން ބްރިޓިޝް އެެއާވޭސްގެ އިތުރަށް އަޔަލޭންޑުގެ އެއާ ލިންގަސް، ސްޕެއިންގެ އައިބީރިއާ އަދި އައިއޭޖީ ކާގޯ އާއި ލެވެލް އެއާލައިންސް ހިންގައެވެ.

އައިއޭޖީ އިން 2020 ވަނަ އަހަރުގެ ހިސާބުތައް އާންމުކޮށްފައި ވަނީ އެ ގްރޫޕުގެ ދަށުން ހިންގާ ހުރިހާ އެއާލައިންތކުގެ ހިސާބު އެއްކޮށްލައިގެންވެ. މިދިޔަ އަހަކީ ކޮމާޝަލް ދަތުރުތަކަށް ދަތި އަހަރެއް ނަމަވެސް، އެ ގްރޫޕުން ވަނީ ކާގޯ ދަތުރުތައް އިތުރުކޮށް ކުންފުނީގެ ގެއްލުން ކުޑަ ކުރަން ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.

އައިއޭޖީގެ ސީއީއޯ ލުއިސް ގަޔޭޭގޯ ވިދާޅުވީ ކުންފުނީގެ މާލީ ހިސާބުތަކުން ފެންނަނީ ކޮވިޑް19ގެ ސަބަބުން އޭވިއޭޝަން އިންޑަސްޓްރީ އަށް ކުރިމަތިވި ގޮންޖެހުންތައް ކަމަށެވެ. ހާއްސަކޮށް ޕަސެންޖާ ފްލައިޓުތައް ހުއްޓާލަން ޖެހުމުގެ ސަބަބުން ބޮޑު ގެއްލުމެއް ކުރިމަތިވި ކަމަށާއި އެކަން ފޫބެއްދުމަށް ކާގޯ ދަތުރުތައް އިތުރުކުރި އިރު މިދިޔަ އަހަރު 4،000 އަށް ވުރެ ގިނަ ކާގޯ ދަތުރު ބޭއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

ގެއްލުން ކުޑަކޮށް، ހިންގުމުގެ ހަރަދު ކުޑަކުރުމަށް އައިއޭޖީގެ ދަށުން ހިންގާ އެއާލައިންތަކުގެ ފްލީޓު ކުޑަކުރުމުގެ މަސައްކަތް ވެސް ވަނީކޮށްފަ އެވެ. މިހާރުވެސް އެ މަސައްކަތް ކުރިއަށްދާއިރު، 2019 ވަނަ އަހަރާއި އަޅާބަލާއިރު މިދިޔަ އަހަރު ނިމުނުއިރު އެ ގްރޫޕުގެ ދަށުން ހިންގާ އެއާލައިންތަކުގެ ފްލީޓު ވަނީ 11 ޕަސެންޓް ކުޑަކޮށްފައިވާކަމަށް އެ ގްރޫޕުން ބުނެފައިވެ އެވެ.

comment ކޮމެންޓް