އަންނަ އަހަރު ބްރިޓިޝް އެއާވޭސްއިން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފަށަނީ

ބްރިޓިޝް އެއާވޭސްގެ ފްލައިޓެއް ---

އަންނަ އަހަރުން ފެށިގެން ބްރިިޓިޝް އެއާވޭސްއިން މުޅިން އަލަށް ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ކުރުމަށް ނިންމާފައިވާ ކަމަށް, މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) އިން މިއަދު ބުނެފިއެވެ.

ބްރިޓިޝް އެއާވޭސްއިން މިހާރު ވެސް ރާއްޖެއަށް ދަތުރުތައް ކުރެއެވެ. ނަމަވެސް އެއީ ހަމައެކަނި ފިނި މޫސުމާ ދިމާކޮށް އެ އެއާވޭސްއިން ކުރާ ސީޒަނަލް ދަތުރުތައް އެކަންޏެވެ. އެގޮތުން މި އަހަރު ވެސް ބްރިޓިޝް އެއާލައިނުން އަންނަނީ ފިނި މޫސުމާ ދިމާކޮށް ރާއްޖެއަށް ދަތުރުތައް ކުރަމުންނެވެ.

އެމްއޭސީއެލްގެ ކޮމިއުނިކޭޝަންސް މެނޭޖާ ޝަމްއާން ޝާކިރު މިއަދު "ސަން"އަށް ވިދާޅުވީ މިހާރާ ޚިލާފަށް ބްރިޓިޝް އެއާލައިނުން އަންނަ އަހަރުން ފެށިގެން ޝެޑިއުލް ދަތުރުތައް ކުރަން ފަށާނެ ކަމަށެވެ.

މިހާރުވެސް އެ އެއާލައިނުން ހަފުތާއަކު ކޮންމެ ދުވަހަކު ދަތުރުތައް ރާއްޖެއަށް ކުރާ ކަމަށާއި އަންނަ އަހަރުގެ ހޫނު މޫސުމުގައި ދަތުރުތައް ކުރާނެ ގޮތުގެ ޝެޑިއުލް އަދި ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަބަދުވެސް ބްރިޓިޝް އެއާލައިނުން ރާއްޖެއަށް ދަތުރުތައް ކުރޭ. އެކަމު ސީޒަނަލް. ވިންޓާއާ ދިމާކޮށް. އަންނަ އަހަރު ސަމާގަ ވެސް ދަތުރުތައް ކުރާނެ. ހަމަ މުޅި އަހަރުގަ އެއްކޮށް. މިހާރު ސީޒަނަލް ކޮށް ކުރާ ދަތުރުތައް ބަދަލުވަނީމި މުޅި އަހަރު ކުރާނެ ދަތުރުތަކަކަށް،" އޭނާ ވިދާޅުވިއެވެ.

ޝައްމާން ވިދާޅުވި ގޮތުގައި މިހާރު ބްރިޓިޝް އެއާލައިނުން ދަތުރުކުރާ ފްލައިޓް ތަކަކީ 297 މީހުންގެ ޖާގައިގެ ފްލައިޓް ތަކެކެވެ.

ބްރިޓިޝް އެއާލައިން އަކީ އިނގިރޭސި ވިލާތުގެ ގައުމީ އެއާލައިނެވެ.

ދާދިފަހުން އިޓަލީގެ ގައުމީ އެއާލައިން އައިޓީއޭ އެއާވޭސްގެ ދަތުރުތައް ވެސް ރާއްޖެއަށް ވަނީ ފަށައިފައެވެ.

comment ކޮމެންޓް