އިސްލާމީ މަރުކަޒުގައި ވެސް ވެކްސިން ދޭން ފަށައިފި

މޭ 7، 2020: އިސްލާމީ މަރުކަޒު — ސަން ފޮޓޯ/ ފަޔާޒު މޫސާ

އިސްލާމީ މަރުކަޒުގައި ވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުންނަށް ކޮވިޑް ވެކްސިން ދެވޭނެ އިންތިޒާމް ހަމަޖައްސައި، ވެކްސިން ދޭން ފަށައިފި އެވެ.

އެޗްޕީއޭ އިން ބުނީ މިއަދުން ފެށިގެން އުމުރުން 55 އަހަރުގެ މަތީގެ އެންމެން 45 އާއި 55 އަހަރާ ދެމެދު އުމުރުފުރައިގެ މީހުންގެ ތެރެއިން ދިގު މުއްދަތަކަށް ބޭސް ބޭނުންކުރާ މީހުންނަށް ހަވީރު 5:00 ޖަހަންދެން ކަމަށެވެ.

އެޗްޕީއޭ އާއި އޭޑީކޭ އިން ގުޅިގެން އިއްޔެ ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ވެކްސިން ދެވޭނެ އިންތިޒާމް ހަމަޖައްސައިފަ އެވެ. މަޖިލީހުގައި ވެކްސިން ޖެހުން ކުރިއަށް ދާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ހަވީރު 6:00 އަށެވެ.

މަޖިލީހުގައި ވެސް ވެކްސިން ދެނީ އެކި ކަހަލަ ބަލިތައް ހުންނަ މީހުންނަށެވެ.

ރާއްޖޭގައި ކޮވިޑް-19 ވެކްސިން ޖަހަން ފަށާފައި ވަނީ މި މަހުގެ އެއްވަނަ ދުވަހު އެވެ. އިއްޔެއާ ހަމައަށް 20،161 މީހަކު ވަނީ ވެކްސިން ޖަހާފަ އެވެ. އޭގެ ތެރެއިން 16،703 މީހުންނަކީ މާލެ ސިޓީން ވެކްސިން ޖެހި މީހުންނެވެ. އަތޮޅު ތެރެއިން ވެކްސިން ޖަހާފައިވަނީ، 3،458 މީހުންނެވެ.

އަތޮޅުތެރޭގައި 38 ސެންޓަރަކުން ވެކްސިން ޖަހާއިރު މާލެ ސަރަހައްދުގައި ވެކްސިން ޖަހާ ހަތް ސެންޓަރު ވަނީ ގާއިމް ކޮށްފަ އެވެ.

ރާއްޖޭގައި މިހާތަނަށް ޖަހަމުން ދަނީ އިންޑިއާއިން ހަދިޔާ ކުރި އޮކްސްފޯޑް-އެސްޓްރާޒެކެނާ ކޮވިޝީލްޑް ވެކްސިނެވެ. އިންޑިއާއިން ހަދިޔާކޮށްފައި ވަނީ ކޮވިޝީލްޑް ވެކްސިންގެ 100،000 ޑޯޒް އެވެ. ކޮންމެ މީހަކަށް އޭގެ ދެ ޑޯޒް ދޭން ޖެހޭނެތީ އޭގެއިން ވެކްސިން ޖެހޭނީ 50،000 މީހުންނަށެވެ.

ޗައިނާއިންވެސް ވަނީ ރާއްޖެއަށް ވެކްސިން ހަދިޔާ ކުރަން ނިންމާފަ އެވެ. އެގައުމުން ހަދިޔާ ކުރަން ނިންމާފައި ވަނީ ސައިނޯފާމް ވެކްސިންގެ 100،000 ޑޯޒް އެވެ. އެ ވެކްސިންތަކުގެ އިތުރުން ސަރުކާރުން ވަނީ 700،000 ޑޯޒް ގަތުމަށް އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް ހަދާފަ އެވެ.

އިއްޔެ އިތުރު 5000 ޑޯޒް ގެނެސްފައި ވާއިރު، މި މަސް ނިމުމުގެ ކުރިން އިތުރު އެއް ލައްކަ ޑޯޒް ލިބޭނެ ކަމަށް ސަރުކާރުން އިއްޔެ ވަނީ ބުނެފަ އެވެ.

comment ކޮމެންޓް