މެކްސިކޯގެ ރައީސަށް ކޮވިޑް ޖެހިއްޖެ

މެކްސިކޯގެ ރައީސް އަންދްރޭސް މެނުއެލް ލޮޕޭޒް އޮބްރަޑޯއަށް ވަނީ ކޮވިޑް-19 ޖެހިފަ -- ފޮޓޯ: މެކްސިކަން ޕްރެޒިޑެންސީ

މެކްސިކޯ ސިޓީ (ޖެނުއަރީ 25): މެކްސިކޯގެ ރައީސް އަންދްރޭސް މެނުއެލް ލޮޕޭޒް އޮބްރަޑޯއަށް ކޮވިޑް-19 ޖެހިއްޖެ އެވެ.

ކޮވިޑް ޖެހިފައިވާކަން ޓުވިޓާ މެދުވެރިކޮށް އިއުލާން ކުރައްވަމުން އޮބްރަޑޯ ވިދާޅުވީ އޭނާގެ ފަރާތުން ބަލީގެ ސީރިއަސް އަލާމާތްތަކެއް ނުފެންނަ ކަމަށެވެ. އަދި އޭނާއަށް މިހާރު ފަރުވާ ދެމުންދާ ކަމަށެވެ.

"އަޅުގަނޑަށް ކޮވިޑް-19 ޖެހިއްޖެ. ބަލީގެ އަލާމާތްތައް ސީރިއަސް އެއް ނޫން. ނަމަވެސް އަޅުގަނޑަށް ފަރުވާ ދެމުން ދަނީ،" އޮބްރަޑޯ ވިދާޅުވި އެވެ.

އޮބްރަޑޯ ވިދާޅުވި ގޮތުގައި އޭނާ އެކަހެރިވެވަޑައިގެން ހުންނެވި ނަމަވެސް މަސައްކަތްތައް ކުރައްވަމުން ގެންދަވާނެ އެވެ. ނަމަވެސް އޭނާ އާއްމުކޮށް ބާއްވަވާ ނޫސް ކޮންފަރެންސުތަކުން ދެން ފެނިގެން ދާނީ އިންޓީރިއާ މިނިސްޓަރު އޮލްގާ ސަންޗޭޒް އެވެ.

މެކްސިކޯގެ ސަރުކާރުން ކޮވިޑް ބަލިމަޑުކަމާ ކުރިމަތިލި ގޮތާ ގުޅިގެން އޮބްރެޑޯއަށް ފާޑު ކިޔުންތައް އަމާޒުވެފައިވެ އެވެ. އެގޮތުން ބަލި ފުރަތަމަ ފެތުރުނު އިރު ގައުމު ފުރަބަންދު ކުރުން ލަސް ކުރުމާއި ބަލި ފެތުރެމުން ދިޔަ އިރުވެސް ރެލީތައް ބާއްވާ، ރައީސަށް ތާއިދު ކުރާ މީހުންނާ ބައްދަލުކޮށް، ސަލާން ކުރައްވާފައި ވާތީ ގިނަ ބަޔަކު ނުރުހުން ފާޅު ކުރި އެވެ. އަދި އޮބްރެޑޯ އާއްމު ގޮތެއްގައި ބޭރުގައި އުޅުއްވީ މާސްކެއް ނާޅުއްވަ އެވެ.

މެކްސިކޯގައި މިހާރު ދަނީ ކޮވިޑްގެ ދެވަނަ ރާޅެއް ފެތުރެމުންނެވެ. އަދި އެގައުމަކީ ބަލީގެ ސަބަބުން ހަތަރު ވަނައަށް އެންމެ ގިނަ އަދަދަކަށް މީހުން މަރުވެފައިވާ ގައުމެވެ. އެގައުމުގައި މިހާތަނަށް 1.75 މިލިއަން މީހުންނަށް ބަލި ޖެހި، 149،000 މީހުން ވަނީ މަރުވެފަ އެވެ.

މިދިޔަ މަހުގެ 24ގައި މެކްސިކޯ އިން ވަނީ އެމެރިކާގެ ފައިޒާ އާއި ޖަރުމަނުގެ ބަޔޯއެންޓެކްއިން އުފެއްދި ކޮވިޑް ވެކްސިން އެގައުމުގައި ދޭން ފަށައިފަ އެވެ. އަދި އެގައުމުގެ ސަރުކާރުން ވަނީ މިހާތަނަށް ވެކްސިންގެ 630،000 ޑޯޒް ދީފައިވާ ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން މެކްސިކޯ އިން ވަނީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން ބޭނުން ކުރަން ވެސް ހުއްދަ ދީފަ އެވެ. އަދި އެގައުމުން ދަނީ ރަޝިއާއިން އުފެއްދި ސްޕަޓްނިކް ފަހެއް ކޮވިޑް ވެކްސިން ހޯދުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

comment ކޮމެންޓް