ދިހަހާސް ސިފައިން ނެރެ ވޮޝިންޓަންގެ ގްރީން ޒޯން "ހަނގުރާމައިގެ ސަރަހައްދަކަށް"

އެމެރިކާގެ ގްރީން ޒޯންގައި ސިފައިންގެ އުޅަނދުތައް

ވޮޝިންޓަން (ޖަނަވަރީ 15) : އެމެރިކާގެ އިންތިހާބީ ރައީސް ޖޯ ބައިޑެން ރައީސްކަމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތަށް ޚާއްސަކޮށްގެން ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ޓަކައި ވެރިރަށް ވޮޝިންޓަނަށް 10 ހާސް ސިފައިން ނެރެފައިވާކަމަށް އެމެރިކާގެ ދިފާއި ވުޒާރާ ޕެންޓަގަން އިން ބުނެފިއެވެ.

ޕެންޓަގަން އިން ބުނީ މި 10 ހާސް ސިފައިންނަކީ އެމެރިކާ ސިފައިންގެ ލަޝްކަރުތަކުގެ ބައެއްގެ ގޮތުގައި ހިމެނޭ ނެޝަނަލް ގާޑުންނަށް ނިސްބަތްވާ ސިފައިން ކަމަށެވެ. މި 10 ހާސް ސިފައިން ރުކުރުވާލާފައިވާ ތަންތަނުގެ ތެރޭގައި ކޮންގްރެސްގެ އިމާރާތްކަމަށްވާ "ކެޕިޓޯލް" އާއި ސްޕްރީމް ކޯޓާއި ވައިޓް ހައުސްއާއި އެތަނުގެ ވަށައިގެންވާ ސަރަހައްދުތައް ހިމެނެއެވެ.

ކޮންގްރެސް އިމާރާތުގެ ސަރަހަައްދުގައި ކަށިނަރުހޖަހައި ބަންދުކޮށްފައި

ކޮންގްރެސްގެ އިމާރާތުގެ ތެރެއަށްވެސްވަނީ އެތަށް ސަތޭކަ ސިފައިން ވައްދާފައެވެ. އެމީހުން ނިދައި އަދި ކައިބޮއިހަދައި ފާޚާނާ ކުރަނީވެސް އެ އިމާރާތުގެ ތެރޭގައެވެ.

ބައިޑެން ހުވާކުރުމުގެ ރަސްމިއްޔާތަށް ޓްރަމްޕްގެ ސަޕޯޓަރުން ހަމަލާދީފާނެ

މިއީ މިޖަނަވަރީ މަހުގެ ހަވަނަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަޕޯޓަރުން ކޮންގްރެސްގެ އިމާރާތަށް ގަދަބާރުން ވަދެގަނެ އެތަނަށް ހަމަލާދީ ލޫޓުވައި ތަކެއްޗަށް ގެއްލުންދިނުމުގެ ގޮތުން ހިންގި ހަރުކަށި އަމަލުތަކަށްފަހު ޓްރަމްޕްގެ ސަޕޯޓަރުން ބައިޑެން ހުވާ ކުރުމުގެ ރަސްމިއްޔާތަށް އަމާޒުކޮށްވެސް މިފަދަ ޙަމަލާތަކެއްދީ ހަމަނުޖެހުންތަކެއް ހިންގަފާނެ ކަމުގެ ޖާސޫސީ މައުލޫމާތު ލިބިގެން އަޅަމުންގެންދާ ފިޔަވަޅުތަކެއްކަމަށް ވެއެވެ.

ޓްރަމްޕްގެ ސަޕޯޓަރުން ކޮންގްރެސްގެ އިމާރާތަށް އަަރައިގަނެ ހިންގި ހަމަނުޖެހުންތަކުގައި ފަސް މީހުން މަރުވެފައިވާއިރު އޭގެތެރޭގައި ފުލުހަކުވެސް ހިމެނެއެވެ. ޓްރަމްޕްގެ ސަޕޯޓަރުން ކޮންގްރެސްގެ އިމާރާތަށް ވަދެގަތް ވަގުތު އެއިމާރާތް ގޮއްވާލުމަށްޓަކައި އެތަނުގެ ވަށައިގެން ބޮމާއި ގޮވާތަކެތި ހަރުކުރުމަށާއި ކޮންގްރެސްގައި ހިމެނޭ ޓްރަމްޕާ އިދިކޮޅު މެންބަރުންގެ ބަޔަކު އަވަހާރަކޮށްލުމަށްވެސް ޓްރަމްޕްގެ ސަޕޯޓަރުން ރޭވިކަމަށް އެމެރިކާގެ ފެޑްރަލް ފުލުހުން ކަމަށްވާ އެފްބީއައިން ވަނީ ބުނެފައެވެ.

ވޮޝިންޓަންގައި މިހާރުވަނީ ކުއްލި ހާލަތު އިއުލާނުކޮށް ކާފިއު ހިންގާފައި

ބައިޑެން ހުވާކުރުމުގެ ރަސްމިއްޔާތަށް ހުރަސްއެޅުމަށް ޓްރަމްޕްގެ ސަޕޯޓަރުން ވޮޝިންޓަންގެ ގްރީން ޒޯނަށް ވަދެގެންފާނެތީ ވޮޝިންޓަންގެ ބޮޑު ބައެއްގައި މިހާރުވަނީ ކުއްލި ހާލަތު އިއުލާނުކޮށް ކާފިއު ހިންގާފައެވެ. ހުވައިކުރެއްވުމުގެ ރަސްމިއްޔާތާ ހިސާބަށް ދާއިރު ވޮޝިންޓަންގެ ކަންކޮޅުތަކުގައި ހަރަކާތްތެރިވާ ނެޝަނަލް ގާޑުންގެ ސިފައިންގެ އަދަދު 20 ހާހަށް މަތިކުރާނެކަމަށްވެސް އެމެރިކާގެ ދިފާއީ ވުޒާރާއިން ބުނެފައިވެއެވެ.

ކޮންންރެސްގެ އިމާރާތުގެ ތެރޭގައި ސިފައިން

ބައިޑެން ހުވާކުރައްވާނީ މިމަހުގެ 20 ވާ ބުދަ ދުވަހުގެ މެންދުރު ވޮޝިންޓަންގެ ގަޑިން 12 ޖަހާއިރުއެވެ. އެއީ ދިވެހިރާއްޖޭގެ ގަޑިން ބުދަ ދުވަހުގެރޭ 10 ޖަހާއިރެވެ. ވޮޝިންޓަންގައި ތިއްބަވާ މުރާސިލުން ބުނާގޮތުން ވޮޝިންޓަންގެ މެދުތެރޭގައިވާ ވައިޓް ހައުސްއާއި ކޮންގްރެސްގެ އިމާރާތްކަމަށްވާ "ކެޕިޓޯލް" ހިމެނޭ ސަރަހައްދު މިހާރު ހީވަނީ ހަނގުރާމައިގެ މައިދާނެއް ހެންނެވެ. އެސަރަހައްދުގައިވަނީ ހަނގުރާމައިގެ ޙަމަލާތަކުން ސަލާމަތްވުމަށް ޖަހާބާވަތުގެ ބެރިކޭޑްތައްޖަހައި ނަރުދަލާއި ކަށިނަރު ދަމައި އެއްކޮށް ބަންދުކޮށް ވެހިކަލްތަކަށް އެ ސަރަހައްދަށް ނުވަދެވޭނެ ގޮތް ހަދައިފައެވެ.

ވޮޝިންޓަންގެ ގްރީންޒޯން މިހާރު ފެންނަނީ އިރާގާއި އަފްޣާނިސްތާން ގޮތަށް

މިގޮތުން ވޮޝިންޓަންގައިވާ ވައިޓް ހައުސްއާއި ކޮންގްރެސްގެ އިމާރާތް ހިމެނޭ ސަރަހައްދު މިހާރު ސިފަވަނީ އިރާގުގެ ވެރިރަށް ބަޣްދާދާއި އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ މުހިއްމު އިމާރާތްތައް ހުންނަ ގްރީން ޒޯން ތަކާ ދާދި އެއްގޮތަކަށެވެ. ބަރުހަތިޔާރުގެ އުޅަނދުތަކާއެކު އެސަރަހައްދުގައި އެމެރިކާގެ ނެޝަނަލް ގާޑުންގެ ސިފައިންގެ އެތަށް ހާސްބަޔަކު ގެންދަނީ ހަރަކާތްތެރި ވަމުންނެވެ.

ކޮންގްރެސްގެ އިމާރާތަށް ސިފައިން ވަންނަނީ

އެމެރިކާގެ ރައީސް އާއި ރައީސްގެ ޓީމުގެ މެންބަރުންނާއި ވައިޓް ހައުސްގެ އަމަނާބެހޭ ކަންކަން ބަލަހައްޓާ ޚާއްސަ ފުލުހުން ކަމަށްވާ "ސީކްރެޓް ސާވިސް" ބުނާގޮތުން ބައިޑެން ހުވާކުރުމުގެ ރަސްމިއްޔާތު އޮންނަ ދުވަހު ވައިޓް ހައުސްއާއި، ކެޕިޓޯލް ގެ އިތުރުން ލިންކަން މެމޯރިއަލްއާއި، ވޮޝިންޓަން މޮނިއުމެންޓް ހިމެނޭ ނެޝަނަލް މޯލް ސަހަރައްދު އެއްކޮށް ބަންދުކޮށްލާނެއެވެ. މިއީ ރައީސް ހުވާކުރުމުގެ ރަސްމިއްޔާތު ބެލުމަށް ދާ އެމެރިކާގެ އާންމު ރައްޔިތުން އެއްވާތަނެވެ. އެރަސްމިއްޔާތުު ބެލުމަށް އާންމުގޮތެއްގައި މިތަނަށް ލައްކައެއްހާ މީހުން އެއްވެއެވެ.

ޓްރަމްޕްގެ ސަޕޯޓަރުން އަތުބޮމާއި ޑްރޯން އަދި ބަޑިން ދީފާނެ ހަމަލާތަކެއްގެ ބިރު

ނަމަވެސް އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ސަޕޯޓްކުރާ ހަރުކަށި ޖަމާއަތްތަކުން ހިންގަފާނެ ހަމަނުޖެހުންތަކާއި އެމީހުން އަތުބޮމާއި ޑްރޯން އަދި ބަޑިން ދީފާނެ ހަމަލާތަކެއްގެ ބިރު އޮތުމުން އެމެރިކާގެ 240 އަހަރުވީ ޑިމޮކްރަސީ ގައި މިއީ ރައީސް ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވާ ސަރަހައްދު ހަނގުރާމައިގެ މައިދާނަކަށް ބަދަލުވެގެންދާ ފުރަތަމަ ފަހަރެވެ.

ސަލާމަތީ މިފިޔަވަޅުތަކާއެކުވެސް ޓްރަމްޕަށް ސަޕޯޓްކުރާ ދޮންނަސްލުގެ ހައްދުފަހަނަޅާގައިވާ ޖަމާއަތްތަކުގެ މީހުން ހަތިޔާރާއި، އަތުބޮން ފަދަ ތަކެއްޗާއެކު ވޮޝިންޓަނަށް ވަދެގެންފާނެކަމުގެ ބިރު އެބައޮތް ކަމަށް އެފްބީއައި ބުނެއެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް