އަމީނިއްޔާއިން ޕޮޒިޓިވްވި ޓީޗަރު އެއްވެސް ދަރިވަރަކާ ކޮންޓެކްޓެއް ނުވޭ: އެޑިއުކޭޝަން

އަމީނިއްޔާ ސްކޫލް: އެ ސްކޫލުގެ ޓީޗަރަކު ވަނީ ޕޮޒިޓިްވެފައި ---

އަމީނިއްޔާ ސުކޫލުން ޕޮޒިޓިވްވި ޓީޗަރު އެއްވެސް ދަރިވަރަކާ ކޮންޓްވެފައި ނުވާ ކަމަށް އެޑިކުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އަމީނިއްޔާ ސްކޫލުގެ ގްރޭޑް ތިނެއްގެ ޓީޗަރެއް ޕޮޒިޓިވްވެގެން އެ ސްކޫލުގެ ގިނަ ޓީޗަރުން 14 ދުވަހަށް ކަރަންޓިންކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ހަބަރު ފަތުރާފަ އެވެ.

އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު މުޖާހިދު "ސަން"އަށް ވިދާޅުވީ، އެ ސްކޫލުގެ ޓީޗަރަކު ޕޮޒިޓިވެގެން މިހާރު ކޮންޓެކްޓް ޓްރޭސިން ހަދަމުންދާ ކަމަށެވެ.

"އަމީނިއްޔާ ސްކޫލްގެ ޓީޗަރަކު ޕޮޒިޓިވްވި. އެހެން ނަމަވެސް އެ ޓީޗަރާއި ކުދިންނާ ދިމާވެފައި ނުވޭ. މިހާރު ކޮންޓެކްޓް ޓްރޭސިން ހަދަމުން ދަނީ،" މުޖާހިދު ވިދާޅުވި އެވެ.

އެކަމާ ގުޅޭ އިތުރު ތަފްސީލެއް މުޖާހިދު ނުދެއްވައެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ އޮފިޝަލަކު ވިދާޅުވީ އެ ޓީޗަރަށް އިތުރު ޓީޗަރުންނާ ދިމާވެފައި ވަނީ ސްކޫލުން ބޭރުގައި ކަމަށެވެ.

"ކްލޯސް ކޮންޓެކްޓުންގެ ގޮތަށް އެ ޓީޗަރާ ދިމާވެފައިވާ ޓީޗަރުން ވަނީ ކަރަންޓީނުކޮށްފައި، ސްކޫލްގައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައި،" އެޗްއީއޯސީގެ އޮފިޝަލް ވިދާޅުވި އެވެ.

އެ ޓީޗަރު ޕޮޒިޓިވްވުމުން މިހާތަނަށް ކިތައް ޓީޗަރުން ކަރަންޓީނުކޮށްފައިވާކަންވެސް އެޑިއުކޭޝަން މިނިސްޓްރީން އަދި ހާމައެއް ނުކުރެއެވެ.

ރާއްޖެއިން ބޭރުން އަންނަ ހުރިހާ ޓީޗަރުންވެސް ކަރަންޓީނުވުމަށްފަހު ޓެސްޓުކޮށް ނެގެޓިވްވުމުން ނޫނީ ސުކޫލަށް ނުނެރުމަށް ސްކޫލްތަކަށް މިނިސްޓްރީން ވަނީ މީގެ ކުރިންއަންގާފަ އެވެ.

comment ކޮމެންޓް