ރިޒާ ކުންފުނީގެ ހިއުމަން ޓްރެފިކިން މައްސަލަ ޕީޖީއަށް ފޮނުވައިފި

ބޮޑުފިނޮޅުގައި ތިބި ބިދޭސީން -- ފޮޓޯ/ ނަވާނަވައި

ބ. ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތާ ހަވާލުވެފައިވާ އާރުއައިއެކްސް(ރިޒް) ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ތުހުމަތު ކުރެވޭ ހިއުމަން ޓްރެފިކިން މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ އުފުލުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ޕީޖީއަށް ފޮނުވީ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހު ކަމަށެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ އެކުންފުނީގެ މައްސަލަ ޕީޖީއަށް ހުށަހަޅާފައި ވަނީ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު ކަމަށާއި، ދައުވާ ކުރުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށެވެ.

އަދި އެ މައްސަލައިގައި މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ހިމެނޭ ގޮތަށް، ތިން މީހަކަށް ދައުވާކޮށްދޭން އެދިފައިވާ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.

ބޮޑުފިނޮޅުގެ ކޮންޓްރެކްޓު މަސައްކަތްތަކެއް ކުރާ އާރްއައިއެކްސް ކުންފުނީގެ މުވައްޒަފުންނަށް މުސާރަ ނުދީގެން އެރަށުގައި މަސައްކަތްކުރާ ބިދޭސީންތަކެއް ވަނީ މިދިޔަ ޖުލައި މަހު ބޮޑު ހަމަނުޖެހުމެއް ހިންގައިފަ އެވެ.

އެ ހަމަނުޖެހުންތަކުގައި ކޮންޓްރެކްޓަރުގެ މުވައްޒަފުން ދިވެހިންތަކެއް ރަހީނުކޮށް، ރަށުގައި ހުރި ތަންތަނަށާއި، ހެވީ މެޝިނަރީތަކަށާއި، ވޯޓާ ޕައިޕްލައިން ތަކަށާއި، އެހެނިހެން ތަކެއްޗަށް ބޮޑެތި ގެއްލުންތައް ވަނީ ދީފައެވެ. އެ ހަމަނުޖެހުމުގައި ބައިވެރިވި 19 ބިދޭސީއަކު ހައްޔަރުކުރުމަށްފަހު ފަހުން ވަނީ ދޫކޮށްލައިފަ އެވެ. އަދި އެމީހުން ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފަ އެވެ.

ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުންދާ މީހުންގެ ހަތަރު މަސް ދުވަހުގެ މުސާރަ ކޮވިޑް19 އާ ގުޅިގެން ނުދެވި ވާ ކަމަށް އެތަނުގައި މަސައްކަތް ކުރަމުންދާ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު، މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ވަނީ އެއްބަސްވެވަޑައިިގެންފަ އެވެ.

އާރްއައިއެކްސް އިން ބުނީ މުވައްޒަފުންނަށް މުސާރަ ނުދެވި ވަނީ ޑިވެލޮޕަރު، ސީލް މޯލްޑިވްސް އާއެކު ވެފައިވާ އެއްބަސްވުމުގައި ބުނާގޮތަށް އެކުންފުންޏަށް ލިބެންޖެހޭ ފައިސާ ލިބިފައި ނުވާތީ ކަމަށެވެ.

ނަމަވެސް އެ ވާހަކަތައް ދޮގުކޮށް ސީލް މޯލްޑިވްސްގެ ގާނޫނީ ޓީމް، އެޑްވޮކަސީ ޗެމްބާސް އިން ނެރުނު ބަޔާނުގައި ބުނީ ކޮންޓްރެކްޓަރުގެ މުވައްޒަފުންނަށް މުސާރަ ދިނުމަކީ ކޮންޓްރެކްޓަރުގެ ޒިންމާއެއް ކަމަށެވެ. އަދި ކޮންޓްރެކްޓްގެ ދަށުން 7,000 ރުފިޔާގެ ރޭޓުން ޑިވެލޮޕަރުގެ ފަރާތުން ކޮންޓްރެކްޓަރަށް ފައިސާ ދައްކަންޖެހޭނެކަމަށް އެއްބަސްވުމުގައި ބުނާއިރު، 21 މިލިއަނަށްވުރެ ގިނަ ރުފިޔާ މިހާރުވެސް ކޮންޓްރެކްޓަރަށް ޑިވެލޮޕަރުގެ ފަރާތުން ދީފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

އެ ހަމަނުޖެހުމާ ގުޅިގެން ފުލުހުން ކުރިއަށް ގެންދިޔަ ތަހުގީގުގެ ތެރެއިން އާރުއައިއެކްސްގެ މައްޗަށް، ބިދޭސީންނަށް މަޖުބޫރުކޮށް އެކްސްޕްލޮއިޓޭޝަންގެ އަމަލުތައް ހިންގައި މީހުން ޓްރެފިކް ކުރުމަށް މަގުފަހިވާ ގޮތަށް އަމަލުކޮށް ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން އެކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފީއާއި ފައިސާ ނުދައްކާ މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުން ތަހުގީގުކުރަން ފެށި އެވެ.

އެ ރިސޯޓް ތަރައްގީ ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާ ހަވާލުވެ، މީހުން ޓްރެފިކް ކުރުން ކަމަށް ތުހުމަތުކުރެވޭ ގޮތަށް ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސިންނަށް އޮޅުވާލައި، މަކަރާއި ހީލަތުން ރާއްޖެ އެތެރެކޮށްފައިވާކަމަށް އެ ކުންފުނީގެ މައްޗަށް ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން، ޓްރެފިކް ކުރެވިފައިވާ ކަމަށް ބެލެވޭ ބިދޭސީ މަސައްކަތްތެރިން ރާއްޖޭގެ ރަށްތަކުން ހޯދައި، އެ ބިދޭސީންނާ ހަވާލުވެ، އެކުންފުނީގެ ބެލުމުގެ ދަށުން ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ގެންގޮސް، ބިދޭސީ މަސައްކަތްތެރިންގެ ނިކަމެތިކަމާއި މަޖުބޫރީ ހާލަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ގާނޫނާ ހިލާފު މަޖުބޫރުކުރުވުމެއް ކުރިމަތިކުރުވައިގެން މަސައްކަތްތެރިންނަށް ދޭންޖެހޭ މުސާރައާއި އުޖޫރަނުދީ ގިނަ ދުވަސްތަކެއްވަންދެން މަސައްކަތްކުރުވާފައިވާކަން އެ ކުންފުނީގެ މައްޗަށް ތުހުމަތު ކުރެވޭ ކަމަށެވެ.

އަދި އެ މަސައްކަތްތެރީންގެ ތެރެއިން މުސާރައާއި އިނާޔަތް ހޯދަން އަޑުއުފުލާ މީހުންނަށް ބިރުދައްކައި ވަޒީފާއިން ވަކިކޮށް އަނބުރާ މާލެ ސަރަހައްދަށް ފޮނުވާފައިވާކަމަށްވެސް ތުހުމަތު ކުރެވޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.

comment ކޮމެންޓް