ވެރިކަމުގައި ކަން ކުރިނަމަ، ސިޓިން ރޫމްގައި ފުލުހުންގެ ވާހަކަދައްކާކަށް ނުޖެހޭނެ ކަމަށް ވިދާޅުވެ، ހޯމް މިނިސްޓަރު އަލީ އިހުސާން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް މިއަދު ރައްދުދެއްވައިފިއެވެ.
ކޮންމެ ހަފުތާއަކު ސިލްސިލާކޮށް، ބާއްވަވާ ޓައުންހޯލް ޖަލްސާތަކުގެ ތެރެއިން ރޭގެ ޖަލްސާގައި ޔާމީން ވަނީ، ފުލުހުންގެ ނަޒާހާތްތެރިކަމާއި އެ ޚިދުމަތަށް އާންމުން ކުރާ އިތުބާރު އަނބުރާ ގެންނަން ޖެހޭ ކަމަށާއި، ނަމަވެސް މިހާރުގެ ހޯމް މިނިސްޓަރު އިހުސާން އެ މަސައްކަތް ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
އެ ވާހަކައަށް ރައްދުދެއްވައި، މިނިސްޓަރު ކުރެއްވި ޕޯސްޓެއްގައި ވަނީ، ފަސް އަހަރުގެ ވެރިކަމެއްގައި ކަން ކުރެއްވި ނަމަ، މިއަދު އޮންނާނީ ރައްޔިތުން ފުރިހަމައަށް އިތުބާރު ކުރާ ފުލުހުންގެ މުއައްސަސާއެއް ކަމަށެވެ. ވެރި ކަމުގައި ހުންނަވައިގެން އެކަން ކުރެއްވި ނަމަ، ސިޓީންރޫމްގައި ފުލުހުންގެ ވާހަކަ ދައްކަން ނުޖެހޭނެ ކަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ.
އިތުރަށް މިނިސްޓަރު ވިދާޅުވީ، މި ފަސް އަހަރުގެ ނިމޭއިރު، ފުލުހުންގެ މުއައްސަސާ ވާނީ ރައްޔިތުން "ފުރިހަމައަށް" އިތުބާރު ކުރާ އަދި، ޔާމީން ވެސް ފަޚުރުވެރިވެވަޑައިގަންނަވާ މުއައްސަސާ އަކަށް ކަމަށެވެ.

ކުރީ ރައީސް ޔާމީންއާއި ޕީއެންއެފްގެ އިސްވެރިން: މިނިސްޓަރު އިހުސާން ވަނީ ޔާމީނަށް ރައްދުދެއްވާފައި --- ސަން ފޮޓޯ/ މޫސާ ނަދީމް
ފުލުހުންގެ ތެރޭގައި ގިނައީ، ގައުމީ ޚިދުމަތުގެ ރޫހާއި ގައުމު ދެކެ ލޯބިވާ ބޭފުޅުން ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އަދި، ރައީސް މުއިއްޒު ވެރިކަން ކުރައްވަނީ، ފުލުހުންގެ މުއައްސަސާގެ ތެރޭގައި ރަނގަޅު ކުރަން ޖެހޭ ކަންކަން ހުރިކަން ދެނެވަޑައިގެން، އެ ކަންކަން ރަނގަޅު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަމާ އެކީގައި ކަަމަށް އިހުސާން ވިދާޅުވިއެވެ.
މިނިސްޓަރު އެފަދައިން ވާހަކަދެއްކެވިއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށް މިދިޔަ މަހުގެ 13ގައި ފުލުހުން ވަނީ 'އަލިމަގު'ގެ ނަމުގައި ޚާއްސަ އޮޕަރޭޝަނެއް ފަށައިފައެވެ. އެ އޮޕަރޭޝަނުގެ ތެރެއިން އިއްޔެ ވަނީ އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކެއްގެ ބޮޑުންތަކެއް ހައްޔަރުކޮށްފައެވެ.
ފުލުހުންގެ ތަހުގީގު އެމީހަކާ ހިސާބަށް ފޯރުމުން އެކަކަށް ވެސް އިތުރު ރަހުމެއް އިސްތިސްނާއެއް ނޯންނާނެ ކަމަށް ލިޔުއްވައި، އިހުސާން ވަނީ، ހަމައެކަނި އޮންނާނީ ހަރުކަށި ޤާނޫނީ ފިޔަވަޅުކަން ފާހަގަކުރައްވާފައެވެ.
އެ ވާހަކައަށް އިޝާރާތްކުރައްވައި، ޔާމީން ވިދާޅުވީ، މަސްތުވާތަކެތީގެ މުއާމަލާތްކުރާ ބޮޑުންނަށް އޮޕަރޭޝަންތައް އަމާޒުކުރާނެ ކަމަށް އިހުސާން ވިދާޅުވި ނަމަވެސް، މަސްތުވާތަކެތީގެ މުއާމަލާތްކުރާ "ކުޑަ މީހަކު"ވެސް ހަގީގަތުގައި ހައްޔަރުނުކުރެވޭ ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި، ފުލުހުންގެ މުއައްސާސައަށް އާންމުންގެ އެތައް ފާޑުކިޔުމެއް ވަނީ އަމާޒުވެފައެވެ. އެއީ، ސަރުކާރުގެ މަގާމުތަކުގައި ތިބޭ ބޭފުޅުން ތަހުގީގުތަކަށް ނުފޫޒު ފޯރުވާ ކަމަށާއި ތަހުގީގުތަކުގައި ފުލުހުން އިންސާފުވެރިކޮށް އަމަލުނުކުރާ ކަމަށް ބުނެއެވެ.