އަދުރޭއަށް ސިޔާސީ ބިރުދައްކައިގެން ފަހަތަކަށް ނުޖެއްސޭނެ: އިދިކޮޅު

ސެޕްޓެމްބަރ 12، 2020: ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެންގުމާ ހިލާފަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މާލޭގައި ފެށި ސައިކަލު ބުރު ފުލުހުން ރޫޅާލުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ސިޔާސީ ގޮތުން ބިރުދައްކައިގެން ފަހަތަށް ނުޖެއްސޭނެ ކަމަށް އެ ކޯލިޝަން ބުނެފި އެވެ.

ނޮވެމްބަރު 28، 2019ގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަށް ހުކުމް ކުރި ދުވަހު ކްރިމިނަލް ކޯޓުގެ ބޭރުގައި އޮތް އެއްވުމުގެ ތެރޭގައި ހަޑިހުތުރު ބަހުން ވާހަކަދެއްކެވުމާއި ގުޅިގެން، އަދުރޭގެ މައްޗަށް ހަޑި ހުތުރު އެއްޗެއް ކިޔުމާއި ހަޑިހުތުރު ބަސް ބޭނުންކުރުމުގެ ދައުވާ ވަނީ އުފުލައިފަ އެވެ.

އެ ދައުވާގެ ފުރަތަމަ އަޑުއެހުން މި މަހުގެ 31 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފަ އެވެ.

އެމައްސަލައިގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ އެ ކޯލިޝަނުގެ ލީޑަޝިޕްގައި ހިމެނިވަޑައިގަންވާ ބޭފުޅުންނާއި ކޯލިޝަނަށް ނިސްބަތްވެވަޑައިގަންވާ ބޭފުޅުންނާ ގުޅޭ ގޮތުން ތަފާތު ވައްތަރުގެ މައްސަލަތައް އުފައްދާ ދައުވާ ކުރުމަށް ކޯޓުތަކަށް ހުށަހަޅަމުން ގެންދަނީ ސަރުކާރު ބަލިކަށިވެ ރައްޔިތުންގެ ތާއީދު ގެއްލި ރައްޔިތުންގެ ނަފްރަތު އިތުރުވެ ހަދާނެ ނަހަދާނެ ގޮތެއް ނޭނގޭ ހިސާބަށް ކަންކަން ދިއުމުން ކަމަށެވެ.

އަދި އެ ކޯލިޝަންގެ ވެރިންނާއި އާންމު މެންބަރުންނަށް ތަފާތު ދައުވާތައްކޮށް ހުކުމް ކުރުމުގެ މަސައްކަތްތައް ސަރުކާރުން ކުރިއަށް ގެންދަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެ ކޯލިޝަނަށް ލިބިގެންދާނެ ބޮޑު ކާމިޔާބީ ތަސައްވުރު ކުރެވޭތީ އެ މިކޯލިޝަން ބަލިކަށިކޮށް ބައިބައިކުރުމުގެ މަގްސަދުގައި ކަމަށް ވެސް ބުނެފައިވެ އެވެ.

"މިކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުއްރަޙީމް އަބްދުﷲ އަކީ ސިޔާސީ ގޮތުން ދައްކާހާ ބިރަކަށް ފަހަތަށް ޖެހިވަޑައިގަންނަވާނެ ބޭފުޅެއް ނޫނެވެ. މަތި މައްޗަށް ދައުވާ ކުރެއްވިނަމަވެސް އެމަނިކުފާނުގެ ސިޔާސީ މަސައްކަތް ހުއްޓަވާ ނުލައްވައި ކުރިއަށް ވަޑައިގަންނަވާނީ ސާބިތުކަމާއެކު އެވެ." ބަޔާނުގައިވެ އެވެ.

ހަމަ އެއާއެކު އެ ކޯލިޝަނަށް ނިސްބަތްވާ އެއްވެސް ބޭފުޅަކީ ސަރުކާރުން ދައްކާ ބިރަކަށް ފަސް ޖެހޭނެ ބައެއް ނޫންކަމަށް ވެސް ބުނެފައިވެ އެވެ.

އެ ކޯލިޝަނުން އެންމެ އިސްކަމެއް ދީގެން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށާއި އަދި ކުރިއަށް ހުރި އިންތިހާބުތައް ކާމިޔާބު ކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގައި އެ ކޯލިޝަން ނުކުންނާނީ ކުރިއަށްވުރެވެސް ވަރުގަދަކޮށް ކަމަށާއި އަދި ރައްޔިތުންގެ ތާއީދު އެ ކޯލިޝަނަށާއި ރައީސް ޔާމީނާށް އޮތް މިންވަރު ސަރުކާރަށް ދައްކާނީ ވޯޓު ފޮށިން ކަމަށް އިދިކޮޅުން ބުންޏެވެ.

"ތިފަދަ ތާކުން ތާކު ނުޖެހޭ ކަންކަން ކޮށްގެން މިކޯލިޝަން ބަލި ކުރެވިދާނެކަމަށް ހީކުރުމަކީ ވަރަށް ބޮޑު ކުށްހީއެކެވެ. އަދި މިފުރުސަތުގައިވެސް އެފަދަ ތާކުން ތާކު ނުޖެހޭ ފިނޑި ކަންކަން ކުރުން ހުއްޓާލުމަށާއި، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށާއި، ކޯޓުތަކަށާއި ޖުޑިޝަރީއަށް އަތްބާނައިގެން ކޯޓުތަކަށް ފޯރުވަމުން ގެންދާ ސިޔާސީ ނުފޫޒުން ކޯޓުތައް މިނިވަންކޮށް އަދި ކައުންސިލްތަކުގެ އިންތިހާބު އަވަސްކުރުމަށްވެސް ގޮވާލަމެވެ." ބަޔާނުގައިވެ އެވެ.

comment ކޮމެންޓް