ފުލުހުންގެ ގާނޫނުގެ މަގުސަދަކީ ބަދަލު ހިފުން: ޑރ. ޖަމީލު

ކުރީގެ ނައިބު ރައީސް، އަދި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލު އަހުމަދު -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ފުލުހުންގެ ގާނޫނަކީ ބަދަލު ހިފުމުގެ މަގުސަދުގައި އުފެއްދި ގާނޫނެއް ކަމަށް ކުރީގެ ނައިބު ރައީސް، އަދި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ޑރ. ޖަމީލު ވިދާޅުވީ، ފުލުހުންގެ ގާނޫނުގެ މަގުސަދަކީ ބަދަލު ހިފުން ކަމަށެވެ. އަދި އެއީ ނާތަހުޒީބު އަމަލެއް ކަމަށް އޭނާ ވިދާޅުވި އެވެ. ޑރ. ޖަމީލު ވިދާޅުވީ ކުރީގެ އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝްއަކީ އެ ގާނޫނުގެ ޝިކާރައެއް ކަމަށެވެ.

އޭނާ ސުވާލު އުފެއްދެވީ ވަޒީފާގެ ބިރުވެރިކަން ނެތް މުޖުތަމައުއެއް ގާއިމް ކުރުމަށް އެމްޑީޕީއިން ވީ ވައުދު ކޮބާތޯ އެވެ.

"އެމްޑީޕީ އިސްނަގައި ހުނަރުވެރި ޒުވާނުންގެ މުސްތަގުބަލު ކަތިލުމަށްފަހު އުފާފާޅުކުރުމަކީ ލަދުވެތި އަމަލެއް. ވައުދުވި މިނިވަން، ވަޒީފާގެ ބިރުވެރިކަން ނެތް މުޖުތަމައު ކޮބާ؟" ޑރ. ޖަމީލު ސުވާލު އުފެއްދެވި އެވެ.

ފައިރޫޝް ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރެއްވި އިރު ފުލުހުންގެ އާ ގާނޫނު ތަސްދީގުކޮށް އެ ގާނޫނަށް އަމަލު ކުރަން ވަނީ ފަށައިފަ އެވެ.

އެ އެ ގާނޫނުގައިވާ ގޮތުން ރައީސް އެކުލަވާލައްވާ ބޯޑަަކަށް ފުލުހުންގެ އިސް އޮފިސަރުންގެ މައްސަލަތައް ބަލައި، ތުހުމަތުވާ އޮފިސަރުން މަގާމުން ވަކިކުރުމުގެ ބާރު ލިބެ އެވެ.

އެ ބޯޑުން ބަލާނީ ލާއިންސާނީ އަމަލުތަކާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވިފައިވާ އޮފިސަރުންގެ މައްސަލަތަކެވެ.

ފައިރޫޝްއަކީ ފެބުރުއަރީ 7، 2012 ގައި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުމަށް މަސައްކަތް ކުރި ބޭފުޅެއް ކަމަށް ވެރިކަން ކުރާ އެމްޑީޕީގެ ބޭފުޅުން ތުހުމަތު ކުރެ އެވެ.

އެ ދުވަހު ނަޝީދު އިސްތިއުފާ ދެއްވަން ކުރިމަތިވި ހަމަނުޖެހުންތަކުގައި ފައިރޫޝް އިސް ދައުރެއް އަދާކުރެއްވި ކަމަށް މިހާރުގެ ކޮމިޝަނަރު ހަމީދުވެސް ވަނީ މީގެ ކުރިން ތުހުމަތުކުރައްވައިފަ އެވެ.

comment ކޮމެންޓް