މަގުމަތީގެ ރައްކާތެރިކަމަށް ހިންގާ ރައްކާ ރޯޑް ޝޯ އިފްތިތާހުކޮށްފި

ރައްކާ ރޯޑް ޝޯ 2020 އިފްތިތާހުކުރުމަށް ބޭއްވި ހާއްސަ އިވެންޓުގެ ތެރެއިން --- ފޮޓޯ : ޕޮލިސް

ދިވެހި ފުލުހުންގެ ހިދުމަތުގެ ޓްރެފިކް މެނޭޖްމެންޓް ޑިޕާޓްމެންޓާއި އެލައިޑް އިންޝިއުރެންސް ކޮމްޕެނީ ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ "ރައްކާ ރޯޑް ޝޯ" އިފްތިތާހުކޮށްފި އެވެ.

ރައްކާ ރޯޑް ޝޯ މިއަދު އިފްތިތާހުކޮށްފައިވަނީ އިސްކަންދަރު ބިލްޑިން ގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ރޯޑް ޝޯ އިފްތިތާހުކުރި ރަސްމިއްޔާތުގައި ވަނީ އެ ރޯޑްޝޯގެ ތެރޭގައި ހިމެނޭ ފުރަތަމަ ހަރަކާތް ކަމަށްވާ "ރައްކާ ރޯޑް ސޭފްޓީ ރަން"ގައި ބައިވެރިވުމުގެ ފުރުސަތުވެސް ހުޅުވާލާފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޓްރެފިކް މެނޭޖްމެންޓް ޑިޕާޓްމެންޓްގެ ހެޑް ހުސައިން ސަމީރު ވާހަކަދައްކަވަނީ --- ފޮޓޯ : ޕޮލިސް

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓްރެފިކް މެނޭޖްމެންޓް ޑިޕާޓްމެންޓްގެ ހެޑް ހުސައިން ސަމީރު ވިދާޅުވީ މަގުމަތީގެ ރައްކާތެރިކަމާ ގުޅޭގޮތުން އެލައިޑް އާއި ފުލުހުން ގުޅިގެން ކުރިއަށް ގެންދާ ރައްކާ ރޯޑް ޝޯ އަކީ 2014 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ހަރަކާތެއް ކަމަށެވެ.

މީގެކުރީން ކޮންމެ އަހަރަކު ބާއްވަމުން އައި އެ އިވެންޓު ވަނީ ފާއިތުވި ދެ އަހަރު ކުރިއަށް ގެންދެވޭގޮތް ނުވެފައެވެ. އެހެންނަމަވެސް މިއަހަރު ރައްކާ ރޯޑް ޝޯގެ ދަށުން މަގުމަތީގެ ރައްކާތެރިކަމަށް ހޭލުންތެރިކުރުމަށް މާލެއާއި އަތޮޅުތެރޭގައި ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް ސަމީރު ވިދާޅުވިއެވެ.

ރައްކާ ރޯޑް ޝޯގެ ދަށުން ކުރިއަށްދާ ރައްކާ ރޯޑް ސޭފްޓީ ރަންގައި ބައިވެރިވުމުގެ ފުރުސަތު މި ހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުވާލާފައި އޮންނާނެއެވެ. އެ ރަންގައި ބައިވެރިވުމަށް ހާއްސަ ވެބްސައިޓެއް ވަނީ އާންމުކޮށްފައެވެ. އަދި އެ ރަން ގައި ހިލޭ ބައިވެރިވެވޭނެ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ރަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ އަށްވަނަ ދުވަހުގެ 1600 އިން ފެށިގެން ކަމަށެވެ. އެ ހާއްސަ ދުވުން އަންނަ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އެ ރަން ކުރިއަށްދާނީ ފާއިތުވި ދެ އަހަރުތެރޭގައި ހިނގާފައިވާ މަގުމަތީގެ އެކްސިޑެންޓުގެ އަދަދު ކަމަށްވާ 5،665 ހިމެނޭގޮތަށް ދުވުމުގައި ބައިވެރިވާ ދުވުންތެރިން ދުވާ ކިލޯ މީޓަރުން އެ އަދަދު އުނިކުރެވޭ ގޮތަށް ކަމަށް ފުލުހުން ބުނެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެލައިޑް އިންޝުއަރެންސްގެ ޖެނެރަލް މެނޭޖަރު އަހުމަދު ސާގިބު ވާހަކަދައްކަވަނީ --- ފޮޓޯ : ޕޮލިސް

އެ ރަސްމިއްޔާތުގައި އެލައިޑް އިންޝުއަރެންސްގެ ޖެނެރަލް މެނޭޖަރު އަހުމަދު ސާގިބު ވިދާޅުވީ މަގުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތަކަށް އާންމު ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ފުލުހުންނާއި އެކުންފުނި ގުޅިގެން ކުރިއަށް ގެންދާ ހާއްސަ ހަރަކާތަކީ ވަރަށް މުހިއްމު ކެމްޕެއިނެއް ކަމަށެވެ.

އެލައިޑުން އަބަދުވެސް، އިޖުތިމާއީ ގޮތުން ކުރެވޭނެ ކަންކަން ބަލަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް