އޮޅުން ނުފިލި ދެ ސޮފްހާގެ ފަތުވާ!

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަތުވާ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން. (ފޮޓޯ/ފަތުވާމަޖިލިސް)

"ޒިނޭކޮށްގެން ލިބޭ ދަރިން ނިސްބަތްވާ ފިރިހެނަކު ހޯދުމަށް ޑީއެންއޭ ޓެސްޓު ހެދުމަކީ ހުއްދަ ނޫން ހަރާމް ކަމެކެވެ." މި ޖުމްލައަކީ ރާއްޖޭގައި ދީނާއި މުޖުތަމައުއާ ގުޅިފައިވާ އެހާމެ ހައްސާސް ބަހުސްއެއްގެ އެންމެ ފުރަތަމަ ޖުމްލަ އެވެ. މިއީ ދިވެހިރާއްޖޭގައި ދިނީ ލަފާދޭ އެންމެ މަތީ މަޖިލީސްކަމުގައިވާ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ސުޕްރީމް ކައުންސިލް ފޯ ފަތުވާއިން 2018 ވަނަ އަހަރު ނެރުނު ފަތުވާއެއްގައިވާ ގޮތެވެ.

ޑީއެންއޭ އަކީ ބާރު ދެރަ ގަރީނާއެއް ނޫނެވެ. ހެއްކަކަށް ނުވިޔަސް، ގަރީނާއެއްގެ ގޮތުގައި ބަލައިގަނެވޭނެ އެއްޗަކަށް ވެސް ނުވަނީ އެވެ. ސީދާ "ހަރާމް" ކަމެއް ކަމަށް ކަނޑައެޅީ އެވެ. ކައުންސިލްއިން މިގޮތަށް ނިންމިއިރު، އެ ނިންމުމަށް ވާސިލުވެފައިވާ ގޮތެއް، ސަބަބެއް ނުވަތަ ދީނީ ގޮތުން އޮންނަ ހިކުމަތެއްވެސް ހިމަނާފައެއް ނުވެ އެވެ. މައްސަލައަކީ އިސްލާމްދީނުގައި ހައްދަކާއި ގުޅިލާމެހިފައިވާ މައްސަަލައަކަށްވާހިނދު، ފަތުވާ ކައުންސިލްއިން ނެރުނު ދެ ސަފްހާގެ ފަތުވާއަކުން ފެނުނީ އެތައް ބާގަނޑުތަކެކެވެ. ފެންމަތިވީ އެތައް އެތައް ސުވާލުތަކެކެވެ.

ފޮރެންސިކް ސައިންސްގެ ދާއިރާއިން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޓެކްނޮލޮޖީގެ އެއް އީޖާދުކަމުގައިވާ ޑީއެންއޭ ޓެސްތުތަކަކީ 99 އިންސައްތަ ސައްހަކަމެއް ހުންނަ ތަހުލީލެއްކަމަށް ސައިންސުން ސާބިތުކޮށްދެ އެވެ. ބަލިދެނެގަތުމަށާއި ކުށްކުރާ މީހުން ހޯދުމަށް ކަހަލަ އެތައް ކަމަކަށް އިތުބާރާ އެކު ޑީއެންއޭ ބޭނުންކުރެ އެވެ.

ވުމާއެކު ނަސަބު ކަށަވަރުކުރަން ޑީއެންއޭއަށް ނުބެލެންވީ ކީއްވެ ހެއްޔެވެ؟ އަދި ކައުންސިލްއިން އެއީ ކަނޑައެޅިގެން ހަރާމްކަމެއްގެ ގޮތުގައި ނިންމަންވީ ކީއްވެ ހެއްޔެވެ؟ ދުނިޔޭގެ އެހެން އިސްލާމީ ގައުމުތަކެކޭ އެއްގޮތަށް ޑީއެންއޭ ހެއްކެތް ގޮތަށް ބަލައިނުގަތަސް ގަރީނާއެއް ގޮތަށް ބަލައިނުގަނެވެންވީ ކީއްވެ ހެއްޔެވެ؟ ނަސަބު ކަށަވަރުކުރަން އޮންނަނީ އެންމެ ގޮތެއްް ހެއްޔެވެ؟ އަދި އެއާ ގުޅިފައިވާ ޒިނޭގެ ތުހުމަތެެއް ފެންމަތިވާ ހާލަތުގައި ދެން ވާންވީ ކިހިނެތް ހެއްޔެވެ؟ އަދި ފަތުވާ ކައުންސިލްއިން ނެރުނު މި ފަތުވާއަކީ ބަލައިގަނެވޭ ރަނގަޅަށް ދިރާސާކޮށްގެން ނެރެވިފައިވާ ފަތުވާއެއް ހެއްޔެވެ؟

މިއީ އެންމެ ދެ ސޮފްހާގެ ފަތުވާއިން ފެންމަތިވި އެތައް ސުވާލެކެވެ.

ކައުންސިލްގެ މި ނިންމުމަކީ، ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިންގެ މެދުގައިވެސް ހިޔާލު ތަފާތުވުންތަކެއް އުފެދުނު ކަމެކެވެ. ބައެއް އިލްމުވެރިން ފަތުވާ ކައުންސިލްގެ ނިންމުމަށް ތާއީދު ނުކުރައްވައި ޑީއެންއޭ އަކި ގަރީނާއެއް ގޮތަށް ބޭނުންކުރެވޭނެ އެއްޗެއްކަމަށްވެސް ވިދާޅުވެފަ އެބަ ހުއްޓެވެ. ގާނޫނީ ދާއިރާގެ ބައެއް ބޭފުޅުންވެސް ވަނީ މިކަމާއި މެދު ސުވާލުއުފައްދާފަ އެވެ.

މި މައްސަލައިގައި ހެއްކެއްގެ ގޮތުގައި ޑީއެންއޭއަށް ބަރޯސާ ވުމަކީ ޝަރުއީގޮތުން އެހާ ބުރަދަން ހުރި ކަމެއް ނޫންކަމަށް ގިނަ އިލްމުވެރިން ދެކިވަޑައިގަންނަވާ ސަބަބަކީ ޑީއެންއޭގައި 99 އިންސައްތަ ކަށަވަރުކަމެއް ހުއްޓަސް އޭގެން ބޭރުން އެހެން ކަންކަމާ ހުރެ "ޝުބުހަ" ނުވަތަ ޝައްކު އުފެދޭތީވެ އެވެ. ދީނީ އިލްމުވެރިން ވިދާޅުވާ ގޮތުގައި ޒިނޭއާ ގުޅިފައިވާ މައްސަލައެއްގައި އެފަދަ ޝައްކެއް އޮތުމަކީ ސާބިތުކުރަން އޮންނަ ގޮތާއި ދުރުގޮތެވެ. އެންމެ އިންސައްތައެއްވިޔަސް އެކަން އޮންނަނީ އެގޮތަށެވެ. އޭގެ އިތުރުން ޑީއެންއޭއަށްވުރެ މާ ވަރުގަދަ އަދި "މާ އިތުބާރު ހިފޭ" ކަމެއް ދަރި ސާބިތުކުރުމަށް ދީނުގައި އޮންނާތީވެ އެއީވެސް އިތުރު ސަބަބެކެވެ.

"(ދަރި ސާބިތުކުރަން އޮންނަ ގޮތަކީ) އެއީ ލިއާނު ކުރުން. މާނައަކީ ގިނަ ބަޔަކު އެއްވެ ތިބި ތަނެއްގައި އެންމެން ކުރިމަތީގައި، ފިރިހެން މީހާ ޖެހޭނީ ހަތަރު ފަހަރު މާތްﷲ ގަންދީ ހުވާކުރަން އަހަރެން މި ހަދަނީ ތެދޭ، އެއީ އަހަރެންގެ ދަރިއެއް ނޫނޭ. ދެން ފަސްވަނަ ފަހަރު މާތްﷲ ގަންދީ ހުވާކުރަމުން ބުނާނީ އަހަރެން މިހަދަނީ ދޮގުކަމުގައިވާނަމަ އަހަރެންގެ މައްޗަށް ލައުނަތްލައްވާށިއޭ، މިހެން. އެޔަށް ފަހު އަންހެންމީހާވެސް ހަމަ އެފަދައިން ހަތަރު ފަހަރު މާތްﷲ ގަންދީ ހުވާކުރާނީ އޭނާ އެހަދަނީ ދޮގޭ ބުނެފަ، ދެން ފަސް ވަނަ ފަހަރު ހުވާ ކުރާނީ އަހަރެން މިހަދަނީ ދޮގުކަމުގައިވާނަމަ މާތްﷲގެ ކޯފާ ހައްގުވެގެންވެއޭ، މިހެން. އެހިސާބުން އެ ދެ މީހުންގެ ކައިވެނި ހަރާމްވާނެ. އެހެންވީމަ މިއީ ވަކި ކުޑަ ކަމެއް ނޫން." ޑރ. އިޔާޒް ވިދާޅުވި އެވެ.

މިގޮތަށް ދޮގު ހުވާކުރާ ބައެއް ފަހަރު މާތްﷲ ގެ އަޒާބު ވަގުތުންވެސް އެމީހަކަށް ލިބިފައިވާކަމަށް ޑރ. އިޔާޒް ފާހަގަކުރެއްވި އެވެ. ލިއާނުކޮށްފި ހާލަތެއްގައި ދަރިފުޅު ދެން ލެއްވިގެންދާނީ މަންމައަށް ކަމަށް ޑރ. އިޔާޒް ވިދާޅުވި އެވެ. އަދި އެ ހާލަތުގައި ކުއްޖާވެގެންދާނީ ޝަރުއީގޮތުން ބައްޕަ ނެތް ކުއްޖެއްކަމުގައި ވިދާޅުވަމުން ލިއާނު ކުރުމަށްފަހުގައި އަންހެންމީހާ ޒިނޭ ކުރިކަމަށް ބެލެވިދާނެކަމަށް ޑރ. އިޔާޒް ވިދާޅުވި އެވެ. އެހެންނަމަވެސް އެކަން ސާބިތުކުރެވޭނީ ހަމައެކަނި އަންހެން މީހާގެ އިއުތިރާފުން ނުވަތަ ހަތަރު ފިރިހެނުންގެ ހެކިބަހުންނެވެ. އެކަން ސާބިތުކުރަން އިތުރު އެއްޗެއް ހެއްކަކަށް ބޭނުންނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބައެއްފަހަރު އެބަ ހުރި ޒިނޭ ނުކޮށްވެސް ދަރިމައިވެފަ. އެގޮތުން ބައެއްފަހަރު ފިރިހެނާގެ ދަރިފަނި ހޭކިފައި ހުންނަ ޖަންގިޔާފަދަ އަންނައުނު ލުމުންވެސް އެބަ ހުރޭ ދަރިމައިވެފަ. އެހެންވީމާ ލިއާނުކުރިޔަސް ސީދާ އަންހެނާ ޒިނޭ ކުރިކަމަށް ސާބިތުކުރެވޭނީ ޝަރުއީގޮތުން އެކަން އޮންނަ ގޮތަށް. އަދި އެއީ ވަރަށް ހަރުކަށި މިންގަނޑެއްގެ ދަށުން ޒިނޭ ސާބިތުކުރެވޭނީވެސް." ޑރ. އިޔާޒް ވިދާޅުވި އެވެ.

ޑރ. އިޔާޒް މިހެން ވިދާޅުވިނަމަވެސް ފާހަގަކޮށްލަންޖެހޭ ކަމަކީ ފަހުގެ ދިރާސާތަކުގެ އަލީގައި ދަރިފަންޏަކީ ހަށިގަނޑުން ބޭރުގައި އެހާ ގިނަ ވަގުތު ދިރިއޮންނަ އެއްޗެއް ނޫންކަން ދައްކުވައިދީފައިވާކަމެވެ.

އިތުރަށް ވާހަކަދައްކަވަމުން ޑރ. އިޔާޒް ވިދާޅުވިގޮތުގައި ގިނަ ފިގުހު އެކަޑެމީތަކުންވެސް ޑީއެންއޭއަށް ބަރޯސާވުމަށް އެއްބަސްނުވަނީ ޑީއެންއޭއަކީ ހެއްކާއި އެއް ފެންވަރަށް ބަލައިގަންނަ އެއްޗެެއްކަމުގައި ނުވާތީވެ އެވެ. އެހެންނަމަވެސް އެއީ ގަރީނާ އެއް ކަމުގައިވާތީވެ، އެއީ ހެއްކަށްވުރެ ދަށް ފެންވަރުގައި ބަލައިގަނެވޭ އެއްޗެއްކަމުގައިވާތީވެ އެވެ.

ގިނަ އިލްމުވެރިން ފަހުގެ ސައިންސްގެ އީޖާދުތަކާއި ދިރާސާތައް ގަބޫފުޅު ނުކުރައްވާކަމަށާއި އަދި ޑީއެންއޭގެ މައްސަލައަކީ މިފަދަ އެއް މިސާލުކަމަށް ބުނާ ވާހަކަތަކަށް ޑރ. އިޔާޒް ވިދާޅުވީ އެއީ ހަގީގަތެއް ނޫންކަމަށެވެ. އަދި ޑީއެންއޭ އަށް ބަރޯސާނުވާން އޮންނަނީ ފަހަރެއްގައި ޑީއެންއޭގައި އެހެން މީހަކާ އެއްގޮތްކަމެއް ހުރުމާއި، އަދި އެ ތަހުލީލުކުރާ ލެބޯޓަރީއިން ގޯސްކޮށް ތަހުލީލުކުރުން ފަދަ ސަބަބުތަކަށް ބިނާކޮށްކަަމަށް ޑރ. އިޔާޒް ވިދާޅުވި އެވެ. އެހިސާބުން 99 އިންސައްތަ ޔަގީންކަން އޮތަސް، ޝުބުހައެއް އުފެދޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.

(ވ-ކ) ހޯމް މިނިސްޓަރު އިމްރަން އަބްދުﷲ، ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް، ޝޭޙް އަލީ ޒައިދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފާހަގަކޮށްލަންޖެހޭ ކަމަކީ ޑރ. އިޔާޒްގެ ވާހަކަފުޅުގައި އެއްވެސް އިރެއްގައި ޑީއެންއޭ ޓެސްޓުކުރުމަކީ ނަސަބު ކަށަވަރުކުރަން ހަރާމްކަމެއްކަމަށް ވިދާޅުވެފައިނުވާކަމެވެ. އެހެންނަމަވެސް ގަރީނާއެއްގެ ގޮތުގައި ޑީއެންއޭ ބޭނުންކުރެވިދާނޭކަމެވެ. ފަތުވާ ކައުންސިލްގެ ނިންމުމުގައި ސީދާ ހަރާމްކަމެއްކަމަށް ކަނޑައަޅާފައިވީ ނަމަވެސް އެއީ ގަރީނާއެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއްކަމަށް ޑރ. އިޔާޒް ވަނީ ވިދާޅުވެފަ އެވެ.

ޑީއެންއޭ އަކީ ހަރާމްކަމެއް ނޫންކަމަށް އަދި އެއީ ގަރީނާއެއްގެ ގޮތުގައި ބަލައިގެނެވެންޖެހޭ އެއްޗެއްކަމަށް ވަކާލާތުކުރައްވާ އިލްމުވެރިންގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ބޭފުޅަކީ ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ދީނީ އިލްމުވެރިޔާ މައުމޫން އަބްދުލް ގައްޔޫމް އެވެ.

މި މައްސަލައާ ގުޅިގެން ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވަނީ ކަމެއް ކުރުމަށް ވަކި ގޮތެއް ޝަރުއުގައި އަންގަވާފައި އޮތުމުން އެއީ ހަމައެކަނި އެކަން ކުރަން އޮންނަ ގޮތް ނޫންކަމަށް ވިދާޅުވެފަ އެވެ.


"ކަމެއް ދެނެގަނެވޭނެ ގޮތް ޝަރްޢުގައި އަންގަވާފައި އޮތުމަކީ އެނޫން ގޮތްގޮތުން އެކަން ދެނެގަތުން މަނާކުރާކަމެއްނޫން. އިރު ހިނގާ ގޮތް ބަލައިގެން ނަމާދުގެ ވަގުތުތައް ދެނެގަންނާނެ ގޮތް ސުންނަތުން އެނގެން އޮތް ނަމަވެސް މިހާރު ނަމާދު ވަގުތު ބަލަނީ ފަލަކީ ހިސާބުން،" މައުމޫން ވިދާޅުވެފައިވެ އެވެ.

"އެހެންކަމުގައިވާނަމަ ދަރިލެއްވުމުގައި ޑީއެންއޭ ސީކުއެންސް ގަރީނާއެއްގެ ގޮތުގައި ނުބެލެންވީ ސަބަބެއްނެތް. ފިންގަޕްރިންޓް ފަދަ ސައެންޓިފިކް ދަލީލުތައް ވެސް ޤަރީނާގެ ގޮތުގައި ޝަރީޢަތުން ބަލައިގަނޭ."

ރައީސް މައުމޫންގެ ވާހަކަފުޅުން އެނގޭކަމަކީވެސް ޑީއެންއޭ އަކީ ގަރީނާއެއްގެ ގޮތުގައި ބަލައިގަންނަން އެކަށީގެންވާ އެއްޗެއްކަމެވެ. އަދި ކަމެއް ކުރުމަށް އޮންނަނީ ހަމައެކަނި އެންމެ މަގެއް ނޫންކަމަށާއި އަދި ޓެކްނޮލޮޖީއާއިއެކު އިތުރު ގޮތްތައްވެސް ހޯދުމަކީ ދީނުގައި އޮންނަ އުސޫލެއްކަމެވެ.

ހަމަ މި ރާގަށް ވާހަކަދެއްކެވި އެހެން ދީނީ އިލްމުވެރިއެއްކަމުގައިވާ ޑރ. އަބްދުލް ގަފޫރު އަބްދުލް ރަހީމްވެސް ވަނީ ހައްގާއި ހިސާބަށް ވާސިލުވުމަށް އޮންނަނީ އެންމެ މަގެއް ނޫންކަން ފޭސްބުކްގައި މި މައުލޫއާއި ގުޅޭގޮތުން ލިޔުއްވި ޕޯސްޓެއްގައި ފާހަގަކުރައްވާފަ އެވެ. އަދި އެއީ އިސްލާމްދީނުގައިވެސް ކުރާ ކަމެއްގެ ގޮތުގައި ޑރ. އަބްދުލް ގަފޫރު ވަނީ ފާހަގަކުރައްވާފަ އެވެ.

"ޚާއްސަ ގޮތެއްގައި ގިޔާފަތު (ފައިތިލައިގެ އެއްގޮތްކަން ބަލައި ބައްޕަ ކަނޑައަޅުން) އަންގައި ދެނީ، ޒިނޭގެ މައްސަލަތަކުގައި ވެސް، ހެކީގެ ގޮތުގައި އެހެނިހެން ގަރީނާތައް ބޭނުންކުރުމުގެ ފުރުސަތު އޮތް ކަމެވެ،" ޑރ. އަބްދުލް ގަފޫރު ލިޔުއްވި އެވެ.

"އަސަރީ (ޓްރޭސް އެވިޑަންސްގެ) ގަރީނާތަކާއި އަދި ޑީއެންއޭ ފަދަ ގަރީނާތަކެވެ. ސަބަބަކީ ހެއްކާއި ގަރީނާގެ ބޭނުމަކީ ހައްގާއި ހަމައަށް ވާސިލު ވުމެވެ. ވަކި ގޮތަކަށް ހެކީގެ މައްސަލަ ނަންގަނެވިފައި އޮތުމަކީ ހައްގާ ހަމައަށް ވާސިލުވެވޭނީ ހަމައެކަނި އެ މަގުން ކަމުގައި ބަޔާންކުރުމެއް ނޫނެވެ."

ޒިނޭގެ މައްސަލަތައް ނުވަތަ ބޮޑު ހައްދެއް ކަނޑައެޅިފައިވާ މައްސަލައެއް މިގޮތަށް ސާބިތުކުރެވޭނަމަ ނަސަބު ކަށަވަރުކުރުމަށްވެސް ގަރީނާއެއްގެ ގޮތުގައި ޑީއެންއޭ ބޭނުންނުކުރެވެންވީ ސަބަބެއް ނެތްކަމަށް އޭނާ ދެކިލައްވަ އެވެ.

އިތުރަށް މި މައުލޫއަށް ވާހަކަދެއްކި އިލްމުވެރިންވެސް ދެކެވަޑައިގަންނަވާ ގޮތުގައި ފަތުވާ ކައުންސިލްއިން އެފަދަ ގޮތަކަށް ފަތުވާއެއް ކަނޑައަޅައި ނެރެން ޖެހޭނީ ވަރަށް ބޮޑަށް އެ ނިންމުމުގެ ފަހަތުގައިވާ ސަބަބުތައް އާންމުންނަށް ސާފުކޮށްދިނުމަށްފަހު އެވެ.

އެގޮތަށް ނިންމުން ހަމަނުޖެހޭކަން ދޭހަވާ އަނެއް ސަބަބަކީ ގިނަ އިލްމުވެރިން އެއީ ސީދާ ހަރާމްކަމެއްކަމަށް ކަނޑައެޅުމުގެ ބަދަލުގައި ޑީއެންއޭ އަކީ ގަރީނާއެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއްކަމަށް ދެކިލައްވާތީ އެވެ. އެނޫންގޮތަކަށް ނަމަ ޒަމާނީ ޓެކްނޮލޮޖީގެ ބާރުހުރި އީޖާދުތަކަށް އެ ދެވެނީ ބީރު ކަންފަތެކެވެ.

އާންމު އާއިލާއެއް ހަވީރު ގަޑީގައި ޖުމްހޫރީ މައިދާނުގައި. -- (ސަން ފޮޓޯ/ފަޔާޒް މޫސާ)

ހަގީގަތުގައި ގިނަ އިލްމުވެރިން ބުރަ ވެއްލައްވާ ގޮތަކީ ޑީއެންއޭ އަކީ ހެއްކެއް ގޮތުގައި ބޭނުން ނުކުރެވޭ އެއްޗެއްކަމަށެވެ. ސަބަބަކީ މާތްﷲ މީގެ 14 ގަރުނު ކުރިން ބާވައިލެއްވި އެކަލާނގެ ކަލާމްފުޅުގައި ނަސަބު ކަށަވަރުކުރަން ވަކިގޮތެއް ކަނޑައަޅުއްވާފައި އޮތީމަ އެވެ. އޭގެ މައްޗަށް އިތުރު އެއްޗެއް ގެނައުމަކީ ޝަރުއީ ގޮތުން ބަލައިގަނެވޭނެ އެއްޗެއް ނޫންކަމެވެ. ސަބަބަކީ މީހެއްގެ ހެކިބަހަކީ ދީނީގޮތުން މާ ބުރަދަން ހުރި އެއްޗަކަށްވާތީ އެވެ. އެހެންނަމަވެސް ގަރީނާއެއްގެ ގޮތުގައި ނޫނީ ސާފުކޮށް ބުނާނަމަ ހެއްކަށް ބާރުދޭ އެއްޗެއްގެ ގޮތުގައި ބޭނުންކުރެވިދާނެ ކަމެވެ. މިއީ ދުނިޔޭގެ އެހެން އިސްލާމި ގައުމުތަކުގައިވެސް ކުރާ ކަމެކެވެ. އޭގެ ތެރޭގައި މެދުއިރުމަތީގެ ގިނަ ގައުމުތަކެއްވެސް ހިމެނެ އެވެ.

ޒިނޭ އާއި ނަސަބު ކަށަވަރުކުރުމަކީ ގުޅިފައިވާކަމެއް ކަމުގައިވާހިނދު މިފަދަ މައްސަލަތައް ސާބިތުކުރަން ގަރީނާއެއްގެ ގޮތުގައި ޑީއެންއޭ ބޭނުންކުރެވިދާނެކަމަށް ގިނަ އިލްމުވެރިން އެއްބަސްވެ އެވެ. އަދި ދީނުގައި ކަނޑައާޅާފައި އޮންނަ ގޮތް ނޫން އިތުރު ހެއްކެއް ނުގެނެވުނު ނަމަވެސް މިފަދަ އީޖާދުތަކަކީ ގަރީނާއެއްގެ ގޮތުގައި ހެއްކަށް ބާރުދޭ އެއްޗެއްގެ ގޮތުގައި ބޭނުންކުރަން ދީނީ ގޮތުން ރަނގަޅު އެއްޗެއްކަމަށް އަދި ހަރާމްކަމެއް ނޫންކަމަށް ދެކިލައްވާ އިލްމުވެރިން ރާއްޖޭގައި މަދެއް ނޫނެވެ.

ފަތުވާ ކައުންސިލުން މިފަދަ ހައްސާސް މައްސަލަތަކުތައި ޒިންމާދާރުކަމެއް ނެތި ނެރޭ މިފަދަ ދެ ސަފްހާގެ ފަތުވާއަކުން ފަރުވާ ލިބުމުގެ ބަދަލުގައި އާންމުންގެ ތެރޭގައި ބޮޑެތި މައްސަލަތަކެއް ކުރިމަތިވާނެތީ، ގިނަ އިލްމުވެރިން ދެކިލައްވާ ގޮތުގައި އެފަދަ މަޖިލީހަކުން ކުރުން އެކަށީގެންވާ ކަމެއްނޫނެވެ. އެފަދަ ފަތުވާއެއްގެ ސަބަބުން ނުރައްކާތެރި އެތައް ކަމެއް މުޖުތަމައުއަށް ކުރިމަތިވެ ބައިބައިވުން އުފެދި ފިތުނަފަސާދައަށް ގައުމު ވެއްޓިދާނެކަމަށްވެސް އިލްމުވެރިން ދެކިލައްވަ އެވެ. ފަތުވާއެއް ނެރޭނަމަ އެއީ ބޭރުގެ އިލްމުވެރިން ލިޔުއްވައި ޝާއިއު ކުރައްވާފައިވާ ފަތުވާތައް ހަމައެކަނި ތަރުޖަމާކޮށް ދިވެހި ބަހުން ނެރުއްވުމުގެ ބަދަލުގައި ފުރިހަމަ އަދި ދިރާސާކޮށް، ވަގުތާއި ތަނާއި ހާލަތަށް ރިއާޔަތްކޮށް، އާންމުންނަށް އެ މައްސަލަ އޮޅުންފިލުވާދެވޭފަދަ ފަތުވާއަކަށް ވާންޖެހޭކަމަށް އިލްމުވެރިން ވިދާޅުވެ އެވެ.

މި ކަމާ ގުޅިގެން ފަތުވާ ކައުންސިލްގެ ބަހެއް ހޯދަން މަސައްކަތް ކުރި ނަމަވެސް ކާމިޔާބެއް ނުވި އެވެ. އެކަމަކު އާންމުންގެ މެދުގައި ދީނީ ކަމެއްގައި ބޮޑު ބަހުސެއް ހިނގާ ނަމަ، ފަތުވާ މަޖިލީހުން އެކަމެއް އޮޅުން ފިލުވައިދިނުން އެއީ ނަމެއް ކަމެއް ހެއްޔެވެ؟

comment ކޮމެންޓް