ކިނޮޅަހުގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމުގެ މަޝްރޫއު ކުރިއަށް

ކިނޮޅަހުގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމުގެ މަޝްރޫއު--

ރ.ކިނޮޅަހުގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ އަމަލީ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށް އެމްޑަބްލިއުއެސްސީއިން ބުނެފި އެވެ.

އެމްޑަބްލިއުއެސްސީއިން ބުނީ މި މަޝްރޫއުގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގެ 40 ޕަސެންޓު މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

ކިނޮޅަހުގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމުގެ މަޝްރޫއު--

ނަރުދަމާ ނިޒާމު ގާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު ކިނޮޅަހަށް ގެންގޮސްފައިވާ ކަމަށާއި ފެން އުފެއްދުމަށްޓަކައި ބޭނުންވާ ބޯހޯލް ތޮރުފުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެކުންފުނިން ބުނެ އެވެ.

މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތުގައި ހިމެނެނީ؛

  • 10.98 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމުކުރުން
  • އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުން
  • ފެން އުފެއްދުމަށްޓަކައި ދެ އާރްއޯ ޕްލާންޓް ބެހެއްޓުން
  • ފެން ރައްކާކުރުމަށްޓަކައި 190 ކިއުބިކް މީޓަރުގެ 2 ތާންގީ އަދި 380 ކިއުބިކް މީޓަރުގެ 1 ތާންގި ބެހެއްޓުން
  • ގެތަކުގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދިނުން

މި މަޝްރޫޢުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގައި ހިމެނެނީ؛

  • 7.69 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ގާއިމްކުރުން
  • 870 މީޓަރގެ ޕަމްޕިން ލައިން އެޅުން
  • ތިން ޕަމްޕިން ސްޓޭޝަނާއި އެއް ސީ އައުޓް ފޯލް ގާއިމްކުރުން
  • ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދިނުން

މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށްދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ކިނޮޅަހުގެ ފެނާއި ނަރުދަމާގެ މަޝްރޫއުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ މުއްދަތަކީ 22 މަސް ދުވަހެވެ. މި މަޝްރޫއުއަށް ޖުމްލަ 36 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެމްޑަބްލިއުއެސްސީއިން ލަފާކުރެ އެވެ.

comment ކޮމެންޓް