މެޗުން މޮޅުވުން ނޫން އެހެން އެއްވެސް ވިސްނުމެއް ނެތް: ނިޒާމްބެ

މާޒިޔާގެ ކޯޗް މުހައްމަދު ނިޒާމް -- ފޮޓޯ/ މާޒިޔާ

ދިވެހި ޕްރިމިއަރ ލީގް 2020-21 ގެ ފުރަތަމަ މެޗަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މާދަމާ ހަވީރު ނިކުންނައިރު އެ ޓީމް މެޗުން މޮޅުވުން ނޫން އެހެން އެއްވެސް ވިސްނުމެއް ނެތް ކަމަށް މާޒިޔާގެ ކޯޗް މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

މި ސީޒަންގެ ފުރަތަމަ މެޗުގައި ޔުނައިޓަޑް ވިކްޓްރީއާ ދެކޮޅަށް މިއަދު ހަވީރު މާޒިޔާ ނިކުންނާނީ އެ މުބާރާތުގައި މާޒިޔާ މިދިޔަ އަހަރު ހޯދި އެއްވަނަ މަގާމް ދިފާއު ކުރުމަށެވެ.

އިއްޔެ ހަވީރު ބޭއްވި ޕްރީ މެޗް ޕްރެސް ކޮންފަރެންސްގައި ނޫސްވެރިންނާއި ވާހަކަ ދައްކަމުން ނިޒާމްބެ ބުނީ ކޮންމެ ޓީމަކާވެސް ކުރިމަތިލާނީ އެއީ ވަރަށް ވަރުގަދަ ޓީމެއްގެ ގޮތުގައި ދެކިގެން ކަމަށެވެ.

"މީގައި ކޮންމެ ގޮތެއް ވިއަސް އެންމެ ސީރިއަސްކަން ގެންނަން ޖެހޭ އެއް ސަބަބަކީ މާޒިޔާއިން މެޗުން މޮޅުވުން ނޫން އެހެން އެއްވެސް ވިސްނުމެއް ނީންނާނެ، އެހެންވީމަ އެ ވިސްނުމުގަ މާޒިޔާ ނިކުންނައިރު މާޒިޔާއަށް އެއްވެސް މެޗެއް ފަސޭހައެއް ނުވާނެ. ދެން ހަމަ އޮޕޮޒިޝަނުން އެމީހުނަށް ކުރެވުނު ހުރިހާ ކަމެއް ހަމަ މި އޮޕޮނެންޓްސް ކުރާނެ މާޒިޔާއާ އެއްކޮށް ކުޅޭއިރު، މެޗުން މާޒިޔާ މޮޅުވިޔަ ނުދޭން، އެހެންވީމަ އޭގަ އެންމެ މުހިންމު އެއް ކަމަކީ މާޒިޔާގެ ވިސްނުން، މާޒިޔާގެ ވިސްނުމަކީ މެޗުން މޮޅުވާން ކަމަށް ވާތީ މާޒިޔާ އެ ޕްރެޝަރު ނަގައިން ނިކުންނާނީ މެޗަށް،" ނިޒާމްބެ ބުންޏެވެ.

މީގެ ކުރިން 2016 ވަނަ އަހަރުގެ ސީޒަން އާއި 2019 ވަނަ އަހަރުގެ ސީޒަންގައި މާޒިޔާއިން ވަނީ ދިވެހި ޕްރިމިއާ ލީގުގެ ޓައިޓުލް އުފުލާލާފަ އެވެ. އޭގެ އިތުރުން އެފްއޭ ޗެރިޓީ ޝީލްޑް ޖެހިޖެހިގެން 2015، 2016 އަދި 2017 ވަނަ އަހަރު މާޒިޔާއިން އުފުލާލާފައި ވާއިރު، މި ސީޒަން ފެށުމަށް ކުޅުނު އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާ ވަނީ 3-2 ގެ ނަތީޖާއަކުން މިދިޔަ އަހަރުގެ ލީގުގެ ދެވަނަ ޓީމް، ކްލަބް އީގަލްސް އަތުން ބަލިވެފަ އެވެ.

ނަމަވެސް މާޒިޔާގެ ކޯޗް ނިޒާމްބެ ބުނީ އެކަމާ ދޭތެރޭ ނުވިސްނާނެ ކަމަށާއި، ވިސްނާނީ ކުރިއަށް އޮތް ތަނަށް ކަމަށެވެ.

"މީގަ އަސްލުގާ އެއީ ހަމަ ކުރިންވެސް ބުނިހެން ދަސްކުރަން ރަނގަޅު ފިލާވަޅެއް. ކުޅުންތެރިންނަށްވެސް، ހުދު ކޯޗެއްގެ ގޮތުން، ކޯޗަށްވެސް ހަމަ ވަރަށް ރަނގަޅު ފިލާވަޅެއް ލިބިގެން މިދިޔައީ. އެ މެޗުން އަރައިގަންނާކަށް ނޫން، އޭގެ ބަދަލުގަ ލީގުގެ ފުރަތަމަ މެޗަށް ވާތީވެ ލީގުގެ ސްޓާޓިންގް ރަނގަޅު ކުރުން އެއީ އެންމެ މުހިންމު އެއް ކަމަކީ، އެހެންވީމަ، އެގޮތުން، އެ ވިސްނުން ސިކުނޑިއަށް ގެނެސްގެން ވެދިޔަތަން ދޫކޮށްލާފަ، ހަމަ ސީޒަންގެ ލީގުގެ ފުރަތަމަ މެޗުން މޮޅުވާން މާޒިޔާ ނިކުންނާނީ،" ނިޒާމްބެ ބުންޏެވެ.

އޭގެ އިތުރުން ޔުނައިޓަޑް ވިކްޓްރީއާ ދެކޮޅަށް މާދަމާ ހަވީރު 4:00 ގައި ގައުމީ ފުޓްބޯޅަ ދަނޑުގައި ނިކުންނައިރު، ކްލަބް އީގަލްސްއާ ދެކޮޅަށް ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި އަނިޔާވި އެ ޓީމުގެ ޑިފެންޑަރު ދާދު މާދަމާގެ މެޗުން ނުފެންނާނެ ކަމަށާއި، ނަމަވެސް ސްކޮޑަކީ އެވަރެޖްކޮށް ބަލާނަމަ ވަރަށް ރަނގަޅު ސްކޮޑަކަށް ވުމުން މާދަމާގެ މެޗަށް ތައްޔާރު ކަމަށްވެސް ނިޒާމްބެ ވަނީ ބުނެފަ އެވެ.

comment ކޮމެންޓް