ސަރަހައްދީ ރާޒުވާ މުބާރާތަކުން ރާއްޖެއަށް ދެ ރަން މެޑަލް

އޭޝިއާގެ މުބާރާތުން ރަން މެޑަލް ހޯދި މަރިޔަމް ލައިސާ އަބްދުލް ރަޝީދު - ޗެސް އެސޯސިއޭޝަން އޮފް މޯލްޑިވްސް

ދެކުނު އޭޝިއާގެ ޗެސް ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި "ސައުތު އޭޝިއަން ޗެސް ފެސްޓިވަލް ފޯ ކެޑޭޓްސް، ޔޫތު އެންޑް ޑިސޭބަލްޑް ޖޫނިއާސް 2020" އިން ރާއްޖޭގެ ދެ ކުޅުންތެރިއަކު ރަން މެޑަލް ހޯދައިފިއެވެ.

ކޮވިޑް-19 ގެ ސަބަބުން ބައިނަލް އަގުވާމީ މުބާރާތްތައް ހުއްޓުމަކަށް އައިސްފައި އޮތް މި ދަނޑިވަޅުގައި މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށް އޮންލައިންކޮށް ކުރިއަށްދިޔަ މި މުބާރާތަކީ ސައުތު އޭޝިއާގެ ގައުމުތައް ކަމުގައިވާ އިންޑިއާ، ބަންގްލަދޭޝް، ސްރީލަންކާ އަދި ނޭޕާލް، ބޫޓާން، ޕާކިސްތާނުގެ އިތުރުން ދިވެހިރާއްޖެއަށް ހުޅުވާލައިންގެން ބޭއްވުނު އިންޓަނޭޝަނަލް ޗެސް ފެޑެރޭޝަނުގައިވެސް ރަޖިސްޓްރީވެގެން ބޭއްވި މުބާރާތެކެވެ.

ސަރަހައްދީ ބޮޑެތި ގައުމުތަކާ ވާދަކޮށްލަން ލިބުނު މި މުބާރާތުގައި ރާއްޖޭގެ އެތުލީޓުން ވާދަކޮށްފައިވަނީ 10 އަހަރުން ދަށް އޯޕަން އަދި އަންހެން ކެޓަގަރީ، 12 އަހަރުން ދަށް އޯޕަން އަދި އަންހެން ކެޓަގަރީ، 14 އަހަރުން ދަށް އޯޕަން އަދި އަންހެން ކެޓަގަރީ، 16 އަހަރުން ދަށް އޯޕަން އަދި އަންހެން ކެޓަގަރީ އަދި 18 އަހަރުން ދަށުގެ އޯޕަން އަދި އަންހެން ކެޓަގަރީގައެވެ.

މި މުބާރާތުގެ އަންހެން ކެޓެގަރީން މަރިޔަމް މިޝްކާ މިގްދާދާއި މަރިޔަމް ލައިސާ އަބްދުލް ރަޝީދު ވަނީ ރަން މެޑަލް ހޯދާފައެވެ. މިއީ ބައިނަލްއަގުވާމީ މުބާރާތެއްގައި ރާޒުވާއިން ރާއްޖޭގެ ކުޅުންތެރިންތަކެއް ހޯދި ފުރަތަމަ ރަން މެޑަލްތަކެވެ.

މި ކުޅުންތެރިން ހޯދި ކާމިޔާބީއަށް މަރުހަބާ ކިޔަމުން ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވީ، މިއީ ރާއްޖޭގެ ޗެސް ކޮމިއުނިޓީއަށް ލިބިގެން ދިޔަ ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ޗެސް އެސޯސިއޭޝަނުގެ ރައީސް ޝިޔާންއާއި، ހިންގާ ކޮމިޓީން ކުރަމުން އަންނަ މަސައްކަތަށް މިނިސްޓަރު ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ޗެސް އެސޯސިއޭޝަން ވުޖޫދައަށް އައިތާ އެތައް އަހަރެއް ފަހުން އެ އެސޯސިއޭޝަންއަށް ބޯހިޔާވަހިކަމެއް ފޯރުކޮށްދީ، ރަނގަޅު ފެންވަރުގެ ޗެސް ކުޅޭ ހޯލުތަކެއް ވަނީ މިދިޔަ އަހަރު ސަރުކާރުން އެ އެސޯސިއޭޝަނާ ހަވާލުކޮށްފަ އެވެ. ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ގާއިމުކޮށްފައިވާ މި ޗެސް ހޯލަކީ ޒަމާނީ ފެންވަރަކަށް ތަރަައްގީކޮށް ބައިނަލް އަގުވާމީ މުބާރާތްތައް ވެސް ބޭއްވޭނެ ތަނެކެވެ.

comment ކޮމެންޓް