އެމްޑީޕީ މެމްބަރުން މި ކިޔަނީ އަޅެ ކީކޭތަ؟

މަޖިލިސް: ޖޭއެސްސީ އިން އާންމުގެ ތެރެއިން ހޮވާ މެމްބަރަކަށް އަލުން ހުޅުވާލަން މަޖިލީހުން ވަނީ ނިންމާފައި --- ފޮޓޯ/ މަޖިލިސް

"މި ދަނޑިވަޅަކީ އަޅުގަނޑު ދެކޭ ގޮތުގައި ހޯމް މިނިސްޓްރީއަށް ވަރަށް ބޮޑު ބަދަލެއް ގެންނަން ޖެހޭ ވަގުތެއް ކަމުގައި އަޅުގަނޑު ދެކެން. އެހެންވީމާ ވީހާވެސް އަވަހަށް ހޯމް މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި އިމްރާން އަބްދުﷲ ބޭރުކޮށް، އަޅުގަނޑުމެންނަށް ވީހާވެސް އަވަހަށް ރަނގަޅު ހޯމް މިނިސްޓަރެއް ހޯދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އަޅުގަނޑު ދެކެން،" މިއީ މިދިޔަ މޭ މަހުގެ 18 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވި ވާހަކައެކެވެ.

ނަމަވެސް ހޯމް މިނިސްޓަރު އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ އިދިކޮޅުން މަޖިލީހަށް ވެއްދުމާއެކު އެމްޑީޕީ މެމްބަރުންގެ ރާގު މުޅިން ބަދަލުވި އެވެ. އިމްރާނުގެ އިތުބާރާ ގުޅިގެން އެމްޑީޕީ މެމްބަރުންގެ ފަރާތުން ފެނިގެން ދިޔައީ ވަރަށް ހެއްވާ ކަމެކެވެ.

އިމްރާންގެ އިތުބާރު ނެތް ކަމަށް ހުށަހެޅީ ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާ އާއި ފުރައްސާރަކުރި މައްސަލައިގައި އިމްރާން ދެއްކެވި ވާހަކަތަކާއި ގުޅިގެންނާއި، މަޖިލީހުގައި އިތުރުފުޅު ހައްދަވާފައިވާ ކަމަށް ތުހުމަތުކޮށެވެ.

ޑިސެމްބަރު 15، 2019: ކުރޮސްރޯޑުގައި ބޭއްވި "ވިއަވަތި ރާއްޖެ" ކައުންސިލަރުންގެ ކޮންފަރެންސްގެ ތެރެއިން: ހޯމް މިނިސްޓަރު އިމްރާން އަބްބްދުﷲ --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

އެ މައްސަލައިގައި މިނިސްޓަރު އިމްރާންގެ ދިފާއުގައި އެމްޑީޕީން ދިފާއަށް އެތުރުލީ ވަރަށް ރަނގަޅަށެވެ. ޖިންސީ ގޯނާ މައްސަލައިގައި އިމްރާން ދެއްކެވި ވާހަކައަކީ ކުޑައިމީސް ބަހަކަށް ވާނަމަ، އެކަމަށްޓަކައި ހުދު އެމްޑީޕީ މެމްބަރުން މައާފަށް އެދިވަޑައިގަތެވެ. އަދި މިނިސްޓަރަށް ފުރިހަމަ އިތުބާރު އޮތް ކަމަށް ވިދާޅުވި އެވެ.

އިމްރާން ވަކިކުރަން ޖެހޭކަމަށް ކުރިން ވިދާޅުވި މެމްބަރު ހަލީމް ހޯމަ ދުވަހުގެ ޖަލްސާގައި ވިދާޅުވީ، މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ ސަލަފު ޖަމިއްޔާއިން އަޑީގައި އޮވެ، ހަރުކަށި ފިކުރާ ދެކޮޅަށް ކުރާ މަސައްކަތް ހުއްޓުވަން ކަމަށެވެ. އެ ނޫން ބޭނުމެއްގައި އެ މައްސަލަ ހުށަހެޅި ނަމަ އިމްރާންގެ އިތުބާރު ނެތް ކަމަށް ވޯޓު ދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އެންމެފަހުން ވޯޓު ދެއްވީ ވެސް އިތުބާރު އޮތް ކަމަށެވެ.

އިމްރާންގެ އިތުބާރު ނެތް ކަމަށް އިދިކޮޅުން ހުށަހެޅި މައްސަލަތަކަށް އެމްޑީޕީ މެމްބަރުން ވާހަކައެއް ނުދައްކަވަ އެވެ. އެމައްސަލަތަކުގައި އިމްރާން ކަން ކުރެއްވީ އިތުބާރު ގެއްލޭ ފަދަ ގޮތަކަށްކަން ނުވަތަ ނޫންކަންވެސް ވިދާޅެއް ނުވެ އެވެ. އާންމު އުސޫލުން ހަރުކަށި ފިކުރުގެ ވާހަކަ ދެއްކުމަށްފަހު އެންމެ ފަހުން ނިންމީ އިމްރާންގެ އިތުބާރު އެބަ އޮތް ކަމަށެވެ.

ގަލޮޅު އުތުރު ދާއިރާގެ މައިކުން އަންހެނުންގެ ދިފާއުގައި ވާހަކަ ދައްކަވާނެ ކަމަށް ހަރު އަޑުން ވިދާޅުވި، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވެސް ހޯމަ ދުވަހުގެ ބަހުސްގައި އެ މައިކު ބޭނުމެއް ނުކުރައްވަ އެވެ. ވޯޓު ވަގުތު ޖެހުމުން "ނޯ" ޖައްސަވާލައްވާފައި ނިންމަވާލެއްވީ އެވެ. އިމްރާނަށް އިތުބާރު އެބަ އޮތް ކަމަށް ވިދާޅުވީ އެވެ.

ސަފާރީ ކޭސްގައި ކަން ހިނގާދިޔަ ގޮތާމެދު ނުރުހުން ފާޅުކޮށް އެންމެ ހަރު އަޑުން ވަކާލާތު ކުރެއްވި، އަދި ހަމައެކަނި ސޯޝަލް މީޑިއާގައި ވާހަކަދައްކަވާ ބޭފުޅެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމް ހޯމަ ދުވަހު ތަޅުމުން ނުވެސް ފެނެ އެވެ.

ކުޑަކުދިންގެ އަދުލުގެ ބިލު މަޖިލީހަށް ހުށަހެޅުއްވި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް -- ފޮޓޯ/ މަޖިލިސް

މިނިސްޓަރުގެ އިތުބާރު ނެތް ކަމަށް ވިދާޅުވީ ހަމައެކަނި އެމްޑީީޕީ މެމްބަރަކީ ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް އެވެ.

އެ މެމްބަރު ވިދާޅުވީ އޭނާ ތަމްސީލުކުރައްވާ ދާއިރާގެ ރަށްތަކުގައި ހުރި މައްސަލަތަކުގެ ވާހަކަ އެތައް ފަހަރެއްގެ މަތިން މިނިސްޓަރަށް ދެންނެވި ނަމަވެސް، އެ ޝަކުވާތައް އަޑުއައްސަވާފައި ނުވާކަމަށެވެ. އަދި ކަންކަން ރަނގަޅުކުރަން އިމްރާން މަސައްކަތް ނުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

އިމްރާނަށް އިތުބާރު ނެތް ނަމަވެސް، ޕާޓީ އިސްކުރައްވައި މައްސަލައިގައި ވޯޓެއް ނުދެއްވަ އެވެ. ސިޔާސީ ބޭނުމަށް، އިމްރާނަށާއި ސަރުކާރަށް އިތުބާރު އޮތް ކަމަށް ވިދާޅުވާން ބޭނުންނުވީ ކަމަށް ވެދާނެ އެވެ.

ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް -- ފޮޓޯ/ މަޖިލިސް

އެ މެމްބަރުގެ އިތުރުން އެމްޑީޕީއަށް ނިސްބަތްވާ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު، ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވެސް ވޯޓު ނުދެއްވަ އެވެ.

އެމްޑީޕީގެ އެހެން މެމްބަރުން ވިދާޅުވަމުން ގެންދެވީ، މިނިސްޓަރު އިމްރާންގެ ގާބިލުކަމުގެ ވާހަކަ އެވެ. ކުރައްވާ މަސައްކަތް ހަރުދަނާ ވާހަކަ އެވެ.

ނަމަވެސް އެމްޑީޕީ މެމްބަރުން ދައްކާ ވާހަކަ ފުުށުއަރަން ފެށީ ޖަލްސާއަށް ދެން ހުށަހެޅި މައްސަލައާއެކު އެވެ. ވައްކަންކުރުމާއި ފޭރުން އިތުރުވެ، ވައްކަން ކުރުމަށް މީހުން ރަހީނުކުރަމުން ދާތީ، އެކަމަށް އަވަސް ފިޔަވަޅު އެޅުމަށް ގޮވާލައި ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ހުށަހެޅުއްވި މައްސަލައާއެކު އެމްޑީޕީ މެމްބަރުން ގަބޫލުކުރަނީ ކޮން ގޮތެއްތޯ ސުވާލުއުފެދެން ފެށި އެވެ.

އެ މައްސަލަ ހުށަހަޅުއްވައި ދެއްވަމުން ނިހާދު ވިދާޅުވީ ވައްކަން އާންމުވެ، އަނދެގެން އޮންނަ ކަނޑިކި ހެނދުނު އިރުއަރާއިރު އޮންނާނެ ކަމާމެދު ޝައްކު އުފެދޭ ހިސާބަށް ގައުމުގެ ހާލަތު ގޮސްފައިވާ ކަމަށެވެ. ލޯ ކުރިމަތީގައި ވައްކަން ކޮށްގެން ދާއިރުވެސް، ހެކި ނެތް ކަމަށް ބުނެ އެމީހުން ހައްޔަރުނުކުރެވި، ސުވާލު ނުކުރެވި އަނެއްކާވެސް މުޖުތަމައުއަށް ދޫވެގެން ދިއުން އާންމުވެފައިވާ ކަމަށެވެ. ނިހާދު ވިދާޅުވީ ވައްކަން ކުރަނީ އެކަން ކުރަން ލައިސެންސެއް ލިބިގެން ކަން ކުރާ އުސޫލުންކަމަށެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުން ބޮޑު ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިފައިވާ ކަމަށެވެ.

ފޭދޫ ދާއިރާގެ މެމްބަރު ނިހާދު -- ފޮޓޯ/ މަޖިލިސް

ވައްކަމާއި އެހެނިހެން ކުށްތައް އިންތިހާއަށް އިތުރުވެފައި ވަނީ މަސްތުވާތަކެތި އާންމުވެފައިވާތީ ކަމަށް މެމްބަރުން ވިދާޅުވި އެވެ. މަސްތުވާތަކެތީގެ މައްސަލައިގައި މެމްބަރުން ވިދާޅުވީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި މީހުން ރީހެބިލިޓޭޓް ކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުވެފައި ނެތް ކަމަށެވެ. އަދި ސެންޓަރަކަށް ވައްދާއިރަށް ފިލާ ކަމަށާއި އެކަން ވެސް ހައްލު ނުކުރެވޭ ކަމަށެވެ.

"ޕޮލިސް ކޮމިޝަނަރަށް ގުޅަނީ، ފުލުހުންނަށް ގުޅަނީ. ހޯމް މިނިސްޓަރަށް ގުޅަނީ. ކަމާބެހޭ މުއައްސަސާތަކަށް ގުޅަނީ. ހައްލެއް ނުލިބޭ. މުޅި ގައުމު މިއޮތީ އެލާޓުގައި،" މެމްބަރު ނިހާދު ވިދާޅުވި އެވެ. މީގެ އިތުރުން ސަރުކާރުން ގިނަ އަދަދެއްގެ ޑްރަގު އަތުލައިގަންނަމުން ދިޔަ ނަމަވެސް އެޔާ ދެކޮޅު މައްސަލައަށް ހައްލެއް ނުލިބޭކަމަށް ވިދާޅުވިއެވެ.

މި މައްސަލައިގައި މެމްބަރު ޝަހީމް، އޭނާ ތަމްސީލުކުރައްވާ ދާއިރާގެ ފަސް ރަށުގެ މައްސަލަތަކާ ބެހޭގޮތުން ހޯމް މިނިސްޓަރާ މަޝްވަރާކުރަން ކުރި މަސައްކަުން ނަތީޖާއެއް ހާސިލުނުވާ ކަމަށާއި މިނިސްޓަރު އިމްރާނަކީ އަޑުވެސް އައްސަވާ ބޭފުޅެއް ނޫން ކަމަށް ވިދާޅުވިއެވެ. އަދި ށ. ފޭދޫގައި ރޯމާ ދުވާލު ވަޅި ހިފައިގެން ގޭގެއަށް ވަޅި ހިފައިގެން ވަދެ ބިރުދެއްކުން ފަދަ ކަންކަން ކުރާތީ އެ ރަށުގައި ފުލުހުން ތިބޭގޮތް ހަދައިދޭން އެދި އާދޭސްކުރުމުން އެ އާދޭސްވެސް މިނިސްޓަރަށް ނީވޭކަމަށް ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުމެން ލަދުގަނޭ މެމްބަރެއްގެ ގޮތުގައި މިތާ ހުންނަން. މި ސަރުކާރަށް ތާއީދުކޮށްގެން އަޅުގަނޑުމެން ވާހަކަދައްކަން،" މެމްބަރު ވިދާޅުވި އެވެ.

ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ސުވާލުއުފެއްދެވީ މަސްތުވާތަކެއްޗާއި، މާރާމާރީއާއި ވައްކަމުގެ މައްސަލަތައް ހައްލުކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ނުކޮށް ތިބޭތީ އެވެ.

ޖޫން 2، 2020: 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 2 ވަނަ ޖަލްސާ -- ފޮޓޯ/ މަޖިލިސް

މެމްބަރު އެންމެ ބޮޑަށް ފާހަގަކުރެއްވީ މަސްދޯންޏެއް ހައިޖެކްކުރި މައްސަލައިގައި ކަން ހިނގާދިޔަގޮތެވެ. އެ މައްސަލައިގައި އިންސާފު ލިބުން ލަސްވާ ކަމެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އިންސާފު ލިބޭނެ ކަމަށް ގަބޫލުކުރެވޭ ހިސާބަށް ވެސް މަސައްކަތް ނުދާ ކަމުގެ ޝަކުވާ އެވެ.

"އަޅުގަނޑުމެން މި ސަރުކާރު އައީ އަމާން ޖީލެއް، އަމާން ވެށްޓެއް ހޯދައިދޭން ރައްޔިތުންނަށް ވައުދުވެފަ. އަޅުގަނޑުމެން މިކަން ކުރަން އެބަޖެހޭ. މި މަޖިލީހުން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަން ޖެހޭ،" މެމްބަރު ވިދާޅުވި އެވެ.

ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ވެސް ވިދާޅުވާ މަސްތުވާތަކެއްޗާއި ގުޅުންހުރި ކުށްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާރަށް ފެތުރެމުން އަންނަ ކަމަށެވެ. އަދި އާބާދީ ބޮޑެތި ހިސާބުތަކުގައި ކޮންޓްރޯލް ނުކުރެވޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށެވެ.

އީސަ ވަނީ އަތޮޅުތެރޭގައި ފުލުހުން ތަރުތީބުވެފައިވާ ގޮތާ މެދު ވެސް ސުވާލު އުފައްދަވައިފަ އެވެ. އަދި ތަކުރާރުކޮށް ކުށް ކުރާ މީހުން ހުއްޓުވަން ފުލުހުން ނުކުޅެދިފައިވާކަން ސާބިތުކޮށްދިނުމަށް ގިނަ މިސާލުތަކެއް ވެސް ޖެއްސެވި އެވެ. އަދި ފުލުހުންނަށް ކަންކަން ނުކުރެވިގެން އުޅެނީ ބަޖެޓު ނެތިގެން ކަމަށް ވާނަމަ، ކެނދިކުޅުދޫއަށް ކަނޑައަޅާފައި އޮތް މުޅި ބަޖެޓު ފުލުހުންނަށް ދީގެން ވެސް މައްސަލަތައް ހައްލުކޮށްދިނުމަށް އާދޭސް ދެންނެވި އެވެ.

މެއި 30، 2020: 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 1 ވަނަ ޖަލްސާ -- ފޮޓޯ/ މަޖިލިސް

"އެ ބޭފުޅުން ވިދާޅުވިހާ ގާނޫނެއް ހަދައިގެން އަޅުގަނޑުމެން މިތިބީ. ކޮން ގާނޫނެއް، ކޮން ގާނޫނީ ބާރުވެރިކަމެއް ތިބޭފުޅުންނަށް އަޅުގަނޑުމެން ނުދީގެންތޯ އަޅުގަނޑުމެންގެ ދާއިރާގެ ރައްޔިތުން އެމީހުންގެ ދަރިންނަށް ކޮން އިރަކުތޯ ހަކުރު ބޯން ފަށަނީ؟ އެ ސުވާލުގެ ބިރުވެރިކަމުގައި ރޭގަނޑު ނުނިދާ އެތިބީ. އަޅުގަނޑު ބޭނުން މި ކަންކަން ސާފުކުރަން. އަޅުގަނޑު ބޭނުން މި މަޖިލިސް މެދުވެރިކޮށް ކޮމިޝަނަރ އޮފް ޕޮލިސް އާއި ހޯމް މިނިސްޓަރު ލައްވައި މިކަންތައްތައް އަޅުގަނޑުމެންނަށް ސާފުކޮށްދިނުން،" މެމްބަރު ވިދާޅުވި އެވެ.

ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ ވިދާޅުވީ ކުށްކުރުމާއި އިޖުތިމާއީ މައްސަލަތައް އެތައް ގުނައެއް އިތުރުވެގެން ގޮސްފައި ވަނީ ފުލުހުންނާއި ހޯމް މިނިސްޓްރީ އާއި އެހެނިހެން މުއައްސަސާތައް ހަރުދަނާ ނޫންވީމަ އެވެ.

މެއި 30، 2020: 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 1 ވަނަ ޖަލްސާ -- ފޮޓޯ/ މަޖިލިސް

"އެމްޑީޕީގެ މެމްބަރުންނަށް ގަބޫލުކުރެވޭ ފަހަކަށް އައިސް ވަރަށް ބޮޑަށް މާލެ އާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވައްކަމާއި، ޓެކުމާއި، ފޭރުމާއި، ހިޔާނާތާއި، މަސްތުވާތަކެތި ބޭނުންކުރުމާއި އެކި ބާވަތްތަކުގެ ކުށްތައް ކުރަމުންދާކަމާއި، އެކުށްތަކަށް އަދި އިންސާފެއް ނުލިބޭކަމާއި، އަދި އެކަންތައްތައް ރަނގަޅަށް ނުބެލޭކަން،" ރިޒާ ވިދާޅުވި އެވެ.

މި ހުރިހާ ޝަކުވާއަކާއި ކަންބޮޑުވުމެއް ގޮސް މި ގުޅެނީ ފުލުހުންގެ އެންމެ އިސް މީހެއްގެ ގޮތުގައި ހުންނެވި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއެވެ. އެ މައްސަލައަށް ބަހުސްކުރެއްވުމުގެ ކުޑައިރުކޮޅެއް ކުރިން އެމްޑީޕީ މެމްބަރުން ވަނީ އިމްރާނަށް ތައުރީފު ކުރައްވައިފަ އެވެ. ކުރައްވާ މަސައްކަތަށް އަތްތިލަބަޑި ޖައްސަވައިފަ އެވެ. އިތުބާރު އޮތް ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް ގާނޫނުތައް ހަދައިދީގެން ވެސް ހައްލު ނުކުރެވި، އެއްވެސް ސަމާލުކަމެއް ނުދެވި ހުރި ބޮޑެތި މައްސަލަތަކެއް ވެސް ފާހަގަކުރެއްވީ ހަމަ އެމްޑީޕީ މެމްބަރުންނެވެ. ކުށްކުރުން އިތުރުވާކަމާއި، އެކަންކަން ނުބެލޭ ކަމަށް ވެސް ވިދާޅުވީ ހަމަ އެމްޑީޕީ މެމްބަރުންނެވެ.

ކުށްކުރުން އިންތިހާއަށް އިތުރުވެ، ލައިގެން އޮންނަ ކަނޑިކި ވަގަށް ނަގާފާނެ ކަމަށް ލޮލުފިޔައެއް ޖަހަން ނުކެރޭ ހިސާބަށް ކަންކަން މިދަނީ ކޮން މިނިސްޓަރީއެއްގެ ޒިންމާއިން ކައްސާލައިގެން ހެއްޔެވެ؟ އެކަންކަން ހަމައަކަށް އަޅުވަން އެންމެ އިސް މީހެއްގެ ގޮތުގައި ހުންނެވީ ކޮން ބޭފުޅެއް ހެއްޔެވެ؟ އެހެންކަމުން އެމްޑީޕީ މެމްބަރުން ވިދާޅުވާން މި އުޅުއްވަނީ ކީކޭ ހެއްޔެވެ؟

އެމްޑީޕީން ދެ ފަހަރު ދެގޮތަށް ވާހަކަދައްކަނީ ރައްޔިތުންނަށް ކޮން ކަމެއް އޮޅުވާލަންތޯ އިދިކޮޅުން ވެސް ސުވާލު އުފެއްދި އެވެ. އަދި އެމްޑީޕީގެ ވަރުގަދަ މެޖޯރިޓީއަށް މަޖުބޫރީ ހާލަތެއް އޮތީތޯ ވެސް ސުވާލު އުފެއްދި އެވެ.

"ކީކޭތޯ މި ކިޔަނީ؟ ކޮބައިތޯ، ކޮން މަޖުބޫރު ކަމެއްތޯ އެ ބޭފުޅުންނަށް އޮތީ، މިއަދުގެ ހޯމް މިނިސްޓަރުގެ އިތުބާރު އޮތް ކަމަށް، އެގޮތަށް ވޯޓު ދެއްވަން ނުވަތަ އެގޮތަށް ގަބޫލުކުރައްވަނީ؟ އަޅުގަނޑުމެން އެބަޖެހޭ، ރައްޔިތުން އެބަޖެހޭ މިކަން ތަހުގީގުކުރަން،" ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވި އެވެ.

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް -- ފޮޓޯ/ މަޖިލިސް

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ އެ މައްސަލަ މަޖިލީހަށް ވެއްދީ، އެމްޑީޕީގެ ބައެއް މެމްބަރުން ވެސް ތާއީދުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވުމުންނެވެ.

"އެހެން ނަމަވެސް، އަޅުގަނޑުމެންނަށް މިއަދު ފާހަގަ ކުރެވިގެން މި ދިޔައީ އަޅުގަނޑުމެން ހީކުރި ގޮތާ ތަންކޮޅެއް ތަފާތު ގޮތަކަށް،" މެމްބަރު ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވީ އިދިކޮޅުން އެ މައްސަލަ މަޖިލީހަށް ވެއްދީ ގައުމަށް ހެޔޮ އެދޭތީ ކަމަށެވެ. ނަމަވެސް އެމްޑީޕީން އިމްރާނަށް ތާއީދު އޮތް ކަމަށް ވިދާޅުވާތީ ކަންބޮޑުވާ ކަމަށެވެ.

"ކޮންމެވެސް ސަބަބަކާހުރެ، ވަކިނުވެވޭވަރުގެ ގުޅުމެއް އޮވެގެން ކަމަށް ވިޔަސް، ކޮންމެވެސް ސަބަބަކާ ހުރެ އެމްޑީޕީއަށް މިއަދް ޝައިޚް އިމްރާން ވަކިކުރެވެން ނެތުނީމަ ބެހެއްޓެވި ކަމުގައި ވިޔަސް ވެސް އަދި މި މަޖިލީހުން ޝައިޚް އިމްރާން ވަކިކުރާނެ ދުވަސް ފެންނާނެ،" މެމްބަރު ވިދާޅުވި އެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު -- ފޮޓޯ/ މަޖިލިސް

މި ސަރުކާރަށް ދެ އަހަރު ވެގެން ދިޔައިރު، މިނިސްޓަރުން ވަނީ ބަދަލުވެފައެވެ. އަދި މިހާރުވެސް ކޮމިޔުނިކޭޝަން ސައިންސް އެންޑް ޓެކްނޮލަޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލްގެ އިތުބާރު ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަރިހުގައި ދަންނަވަން އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުން ވަނީ ފާސްކޮށްފަ އެވެ.

މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީ ޕީޖީ ގުރޫޕަށް ހުށަހެޅީ ޓެލެކޮމިއުނޭޝަން ގާނޫނުގައި ބުނާ ކޮމިއުނިކޭޝަންސް އޮތޯރިޓީ އިން ހަދަންޖެހޭ އެއްވެސް ގަވައިދެއް، މަގާމުގައި ދެ އަހަރު ވީއިރުވެސް ހައްދަވާފައި ނުވާ ކަމަށް ބުނެއެވެ.

އަދި އެ ގަވައިދުތަައް ހެދުމަށް މިނިސްޓަރާއި މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގައި ތިބި ފަރާތްތަކާއި މުވައްޒަފުން ކުރި މަސައްކަތަށް ސީދާ މިނިސްޓަރު ހުރަސް އަޅުއްވާފައިވާކަން ސާފުވާ ކަމަށް އެމައްސަލާގައި ބުނެފައިވެ އެވެ.

ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ވާހަކަ ދައްކަވަނީ--- ސަން ފޮޓޯ: ފަޔާޒު މޫސާ

މިފަދަ ސަބަބުތަކެއް ދައްކައި މަލީހުގެ މައްސަލަ އެމްޑީޕީން ކުރިއަށް ގެންދަން ނިންމީ ސަރުކާރު ހިންގަން ވީ ގޮތް ރައްޔިތުންގެ މަޖިލީހަށް ނޭނގޭނެ ކަމަށާއި އަދި ބަރުލަމާނީ ނިޒާމެއް ނުގެނެވޭނެ ކަމަށް ބުނެ މިނިސްޓަރު މަލީހް މަޖިލީހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި ދަނޑިވަޅެއްގަ އެވެ. އެހެންކަމުން މަލީހު ވަކިކުރަން އުޅެނީ ކޮންމެހެން މަސައްކަތް ނުކުރައްވާތީ ކަމަށް ގަބޫލުކުރަން ގިނަ ބަޔަކު ދެކޮޅެވެ. މަސައްކަތް ނުކޮށްގެން މިނިސްޓަރު ވަކިކުރާނެ ނަމަ، މަލީހު މަގާމުން ވަކި ކުރާނެތީ މިހާރު އެތައް ދުވަހެއް ވެއްޖެ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ނަމަވެސް އިމްރާންގެ މެންޑޭޓުގެ ދަށަށް ދާ ގިނަ ކަންކަމެއް ނުކުރެވުމުގެ ސަބަބުން ގައުމުގެ އިޖުތިމާއީ ފޭރާން ވީދި، ގައުމު ބޮޑު ނާމާންކަމެއްގެ ތެރެއަށް ވެއްޓިފައިވާ ކަމަށް ވެސް ވިދާޅުވީ އެމްޑީޕީ މެމްބަރުންނެވެ. އެ ހުރިހާ ފެއިލްވުމަކާ އެކުވެސް އިމްރާނަށް އިތުބާރު އޮތް ކަމަށް ވެސް ނިންމީ އެމްޑީޕީ މެމްބަރުންނެވެ. އެހެންކަމުން މިނިސްޓަރުން ވަކި ކުރުމުގައި އެމްޑީޕީގެ އިހްލާސްތެރިކަން އޮތް މިންވަރާ މެދު ރައްޔިތުން އަންނަނީ ސުވާލު އުފައްދަމުންނެވެ.

comment ކޮމެންޓް