މިނީސޯގެ ވަގުތީ ފިހާރައެއް މާލޭގައި ހުޅުވައިފި

މާލޭގައި ހުޅުވި މިނީސޯގެ ޕޮޕްއަޕް ސްޓޯރު-- ފޮޓޯ/މިނީސޯ މޯލްޑިވްސް ފޭސްބުކް

ޖަޕާނުގެ މަޝްހޫރު ޑިޒައިނާ ބްރޭންޑު މިނީސޯގެ 'ޕޮޕްއަޕް' ފިހާރައެއް މާލޭގައި ހުޅުވައިފި އެވެ.

މަޖީދީމަގު ނަލަހިޔާ ރެސިޑެންސް ކައިރީގައި މި މަހުގެ ނިޔަލަށް ހުޅުވި މި ފިހާރައަކީ 'ހެލްތު އެންޑް ބިއުޓީ ކެއާ' ރޭންޖުގެ އުފެއްދުންތަކަށް ހާއްސަ ފިހާރައެކެވެ.

މިނީސޯ ޕޮޕްއަޕް ސްޓޯރުން ވިއްކާ ބައެއް އުފެއްދުންތައް-- ފޮޓޯ/މިނީސޯ މޯލްޑިވްސް ފޭސްބުކް

އެގޮތުން އެތަނުން ވިއްކާ ތަކެތީގެ ތެރޭގައި ލޯޝަން، ސެންޓު، ޝަވާ ޖެލް އަދި ކޮސްމެޓިކްސް ހިމެނެ އެވެ.

މިނީސޯގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ މިއީ ޕޮޕްއަޕް ފިހާރައެއް ނަމަވެސް، ހެލްތު އެންޑް ބިއުޓީ ކެއާ ރޭންޖަށް ހާއްސަ ފިހާރައެއް އަންނަ މަހު ހުޅުވާނެ ކަމަށެވެ.

މިނީސޯ ޕޮޕްއަޕް ސްޓޯރުން ވިއްކާ ބައެއް އުފެއްދުންތައް-- ފޮޓޯ/މިނީސޯ މޯލްޑިވްސް ފޭސްބުކް

މިނީސޯގެ ފުރަތަމަ ފިހާރަ ރާއްޖޭގައި ހުޅުވީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. އެ ފިހާރަ ހުންނަނީ ކަލާފާނު ސްކޫލާ އިންވެގެން ހުންނަ ކަންމަތީގަ އެވެ. އަދި މިނީސޯގެ އިތުރު ފިހާރައެއް އޮގަސްޓް މަހު ހުޅުމާލޭގައި ހުންނަ ސޮނީ ހާޑްވެއާގެ ފިހާރައިގައި ވެސް ވަނީ ހުޅުވާފަ އެވެ.

މިނީސޯއަކީ ޖަޕާނުގެ ޑިޒައިނަރު މިޔާކޭ ޖުންޔާ އާއި ޗައިނާގެ ޒުވާން ވިޔަފާރިވެރިޔާ ޔޭ ގޯފޫ ގުޅިގެން އުފެއްދި ކުންފުންޏެކެވެ. މިނީސޯގެ އުފެއްދުންތައް ދަމަހައްޓަމުން އައިސްފައިވަނީ މޮޅު ޑިޒައިނަކާއި ގިނަ ދުވަހު ހިފަހައްޓާ ގޮތަށެވެ.

މިނީސޯ ހުޅުވި ފަހުން ޗައިނާ މާކެޓަށް ވިޔަފާރި ފުޅާކޮށްފައި ވަނީ 2013 ވަނަ އަހަރުގަ އެވެ. މިދިޔަ އަހަރު ނިމުނުއިރު ދުނިޔޭގެ އެކި ގައުމުތަކުގައި މިނީސޯގެ 3900 ފިހާރަ ވަނީ ހުޅުވާފަ އެވެ. އެގައުމުތަކުގެ ތެރޭގައި އެމެރިކާ، ކެނެޑާ، ރަޝިއާ، ޔޫއޭއީ އަދި ސިންގަޕޫރު ހިމެނެ އެވެ.

comment ކޮމެންޓް