މެކްސިކޯއަށް އައި ބިންހެލުމެއްގައި 19 ދަރިވަރަކު މަރުވުމުން، ސްކޫލުގެ ވެރިޔާ 31 އަހަރަށް ޖަލަށްލައިފި

މެކްސިކޯއަށް 2017 ވަނަ އަހަރު އައި ބިންހެލުމެއްގައި ސްކޫލު އިމާރާތެއް ވެއްޓި، 19 ކުދިން މަރުވި -- ފޮޓޯ: އޭއެފްޕީ

މެކްސިކޯ ސިޓީ (އޮކްޓޯބަރު 15): މެކްސިކޯއަށް 2017 ވަނަ އަހަރު އައި ބިންހެލުމެއްގައި ސްކޫލެއްގެ 19 ދަރިވަރަކު މަރުވުމުން، އެ ސްކޫލުގެ ވެރިޔާ 31 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.

މެކްސިކޯގެ ކޯޓަކުން އެ ހުކުމް ކުރީ އެގައުމުގެ ވެރިރަށުގައި ހުރި ޕްރައިވެޓް ސްކޫލެއް ކަމަށްވާ ރެބްސަމެން އެލެމެންޓަރީ ސްކޫލުގެ ވެރިޔާ މޮނިކާ ގާސިއާ ވިލެގަސްގެ މައްޗަށެވެ. އަދި ބިންހެލުމުގައި އެ ސްކޫލު ވެއްޓި، 19 ކުދިންނާއި އިތުރު ހަތް މީހަކު މަރުވި ހާދިސާއަށް އޭނާ ޒިންމާވާން ޖެހޭ ކަމަށް ކޯޓުން ނިންމި ފަހުންނެވެ.

އެ މައްސަލައިގެ ތަހުގީގުން ހާމަވި ގޮތުގައި ރެބްސަމެން ސްކޫލުގެ ކްލާސްރޫމްތައް ހުރި އިމާރާތުގެ މަތީގައި ގާސިއާ ވިލެގަސް ގަވާއިދާ ހިލާފަށް 200 ޓަނުގެ އެޕާޓްމެންޓެއް އެޅި އެވެ. އަދި 19 ސެޕްޓެމްބަރު 2017ގައި އައި 7.1 މެގްނިޓިއުޑުގެ ބިންހެލުމުގައި އިމާރާތް ވެއްޓެން މެދުވެރިވި އެއް ސަބަބަކީ އެއީ އެވެ.

ގާސިއާ ވިލެގަސް ވަނީ އެ މައްސަލައިގައި އޭނާގެ ކުށެއް ނެތް ކަމަށާއި މައްސަލަ އިސްތިއުނާފަށް ހުށަހަޅާނެ ކަމަށް ބުނެފަ އެވެ.

އެ ހާދިސާގައި މަރުވި ބައެއް ކުދިންގެ އާއިލާތަކުން ބުނާ ގޮތުގައި ގާސިއާ ވިލެގަސްއަށް 31 އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް ކުރަން ޖެހެ އެވެ. އަދި އޭނާގެ އިތުރުން، ސްކޫލުގައި އެޕާޓްމެންޓު އެޅުމުގައި ބައިވެރިވި އެހެން މީހުންނަށް ވެސް ދައުވާ ކުރަން ޖެހޭ ކަމަށް ބުނެފަ އެވެ.

މެކްސިކޯއަށް ސެޕްޓެމްބަރު 2017ގައި އައި ބިންހެލުމުގައި 360އަށް ވުރެ ގިނަ މީހުން މަރުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް