މާލޭގައި އަޅާ ފުރަތަމަ މަލްޓި ސްޓޯރީ ޕާކިން އިމާރާތް ހީނާމާގޭ ބިމުގައި އަޅަނީ

ހިނާމާ ޕާކިންގައި މިދިޔަ ސަރުކާރުން ހެތި ޕާކިން ސިސްޓަމް: މި ސަރުކާރުގެ އަމާޒު ހުރީ މަލްޓި ސްޓޯރީ ޕާކިން ބިލްޑިންގ ތަކެއް އަޅަން --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

މާލޭގެ ހަތް ސަރަހައްދެއްގައި މަލްޓި ސްޓޯރީ ޕާކިން ބިލްޑިންގުތައް އެޅުމަށް ހިންގާ މަޝްރޫއުގެ ދަށުން ހީނާމާގޭ ޕާކިން ބިމުގައި އިމާރާތެއް އެޅުމުގެ މަސައްކަތް މިއަހަރު ތެރޭ ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީއިން ބުނެފި އެވެ.

އެއްގަމުގެ ދަތުރުފަތުރުގެ ގާނޫނަށް ހުށަހަޅާފައިވާ ދެ އިސްލާހަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ ވިދާޅުވީ، ޕްލޭނިން މިނިސްޓްރީ އިން އިކޮނަމިކް މިނިސްޓްރީއާ މަޝްވަރާ ކޮށްގެން މާލޭގެ ދެ ސަރަހައްދެއްގައި މަލްޓި ސްޓޯރީ ޕާކިން ބިލްޑިންގު ތަކެއް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑަށް މައުލޫމާތު ލިބިފައި އިން ގޮތުން ވެއްޖިއްޔާ މި އަހަރުގެ ތެރޭގައި ހީނާމާގޭގައި ފުރަތަމަ ތަނެއްގެ ގޮތުގައި ހަތަރު ބުރީގެ ޕާކިން ބިލްޑިންގ އެއް އެޅުމުގެ މަސައްކަތް ފެށިގެން ދާނެ. އެ ޕްރޮޖެކްޓް ކުރިއަށް އެބަދޭ. އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މާލޭގެ ހަތް ސަރަހައްދެއްގައި މަލްޓި ސްޓޯރީ ޕާކިން ބިލްޑިންގ ތަކެއް އެޅިގެން ދާނެ،" ޝިމާޒް ވިދާޅުވި އެވެ.

މާލޭގެ ތޮއްޖހުން އޮތް ގޮތުން ގޭގޭގައި ގަރާޖުތައް ހަނދާފައި ހުރި ނަމަވެސް ވެހިކަލްތައް ގަރާޖަށް ވެއްދުމަކީ ދަތި އުނދަގޫ ކަމެއްކަން އެ ބައްދަލުވުމުގައި ސިޓީ ކައުންސިލްގެ ފަރާތުން ބައިވެރިވެވަޑައިގަތް އަހްމަދު ސަމީރު ފާހަގަކުރެއްވި އެވެ. ސަބަބެއް ކަމަށް ސަމީރު ވިދާޅުވީ، ދޮރުމަތީގައި ސައިކަލްތައް ބަހައްޓައި ގަރާޖު ދޮރު ބައްދާލުމެވެ. ނަތީޖާއެއްގެ ގޮތުން ކާރު އޮންނަނީ މަގުމަތީގައި ކަމަށް ވެސް ސަމީރު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މާލޭގައި ވެހިކަލް ތޮއް ޖެހުމުގެ ހައްލަކަށް އޮތީ ވެހިކަލް ކޮންޓްރޯލް ކުރުމާއި އެތެރެކުރުމުގެ ކުރިން ގަރާޖު ހަމަޖެއްސުމާއި އަދި ޕާކިން ބިލްޑިންގ ތަކެއް ހެދުމާއި އެއްކޮށް މޭލޭގެ މަގުމަތިން ވެސް ޒޯނުތައް ލިބުމުން،" ސަމީރު ވިދާޅުވި އެވެ.

މާލޭގައި ޕާކިންގެ މައްސަލައަށް ހައްލު ކުރުމަށް ނިމިގެން ދިޔަ ސަރުކާރުން ޕާކިން ސިސްޓަމްތަކެއްވެސް ބެހެއްޓި އެވެ. ނަމަވެސް އެ ސިސްޓަމްތަކުގެ ބޭނުމެއް ނުކޮށް މި ސަރުކާރުން ވަނީ އެ ސިސްޓަމްތައް ނަގާފަ އެވެ. އަދި ސިސްޓަމްތައް ހުރިތަނުގައި ޕާކު ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފަ އެވެ.

މާލެ އަށް ދިމާވެފައިވާ ޕާކިން މައްސަލައަށް ހައްލު ހޯދުމަށް ކުރާ މަސައްކަތަށް 2021 އަންނައިރު ހައްލު ލިބޭނެކަމަށް ޓްރާންސްޕޯޓު މިނިސްޓްރީ އިން މީގެ ކުރިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް