ޕެރިސް މުއާހަދާއަށް ރާއްޖެ އިން ކޮންޓްރިބިއުޓް ކުރާ މިންވަރު އިތުރު ކުރުމަށް މަޖިލީހުން ފާސްކޮށްފި

ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް: ޕެރިސް މުއާހަދާއަށް ރާއްޖެ އިން ކޮންޓިރިބިއުޓްކުރާ ވަރު އިތުރު ކުރުމަށް ވަނީ ހުށަހަޅުއްވާފައި --- ފައިލް ފޮޓޯ/ މަޖިލިސް

ދުނިޔެ ހޫނުވާ ދެކޮޅަށް މަސައްކަތް ކުރުމަށް ދުނިޔޭގެ ގައުމުތަކުން އެކުލަވާލި ޕެރިސް މުއާހަދާއަށް ރާއްޖޭގެ ފަރާތުން ކޮންޓްރިބިއުޓް ކުރާ މިންވަރު މުރާޖައާކޮށް މިހާރަށް ވުރެން ހަރުދަނާ ލަނޑުދަނޑިތަކެއް ކަނޑައެޅުމަށް ސަރުކާރަށް ގޮވާލުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ޕެރިސް މުއާހަދާއަކީ ދުނިޔޭގެ ޖައްވުގެ ފިނި ހޫނުމިން، ސިނާއީ އިންގިލާބު (އިންޑަސްޓްރިއަލް ރިވޮލިއުޝަން)ގެ ކުރިން ހުރި މިންވަރާ އަޅައިބަލާއިރު، ދެ ޑިގްރީ ސެލްސިއަސްއަށް މަތި ނުވާނެ މިންވަރެއްގައި ބެހެއްޓުމަށް ގައުމުތަކުގެ މެދުގައި ފިޔަވަޅު އެޅުމަށް ވެފައިވާ މުއާހަދާއެކެވެ.

ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމު މިއަދު މަޖިލީހަށް ހުށަހެޅުއްވި މައްސަލައައިގައި ބުނެފައިވަނީ، ހަރަދު ކުޑަ ތިމާވެއްޓަށް ރައްޓެހި ޖީބަށް ލުއި އަދި އިގްތިސާދީ ގޮތުން ތިމާވެށި ރައްކާތެރިކުރުމަށް ކުރަން ޖެހޭ ހޭދަތަކަށް ބަޖެޓުން ފައިސާ ހޯދުމަށްޓަކައި މިހާރު ކަނޑައަޅާފައިވާ ލަނޑުދަނޑި އަލުން ރިވައިސް ކުރަން ޖެހޭ ކަމަށެވެ.

"ދިވެހިރާއްޖެ އިން ޕެރިސް އެގްރީމެންޓް ދަށުން ކަނޑައަޅާފައިވާ ނެޝަނަލީ ޑިޓާމައިން ކޮންޓްރިބިއުޝަން އަލުން ރިވައިސް ކޮށް މިހާރު ކަނޑައަޅާފައިވާ ލަނޑުދަނޑިއަށްވުރެން ހަރުދަނާ ލަނޑުދަނޑިއެއް ރާއްޖެ އިން ކަނޑައަޅައި އެ އާ ލަނޑުދަނޑިއަށް 2020 އިގެ ޑިސެމްބަރު 31 ގެ ކުރިން ޕެރިސް އެގްރީމެންޓްގެ ދަށުން ހުށަހެޅުމަށާއި ލޯ ކާބަން ތަރައްގީގެ މިސްރާބުން ރާއްޖެ ދަތުރު ކުރުމަށްޓަކައި ރާއްޖޭގެ ރަށްތަކުގައި އުފައްދާ ކަރަންޓު އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ މަސައްކަތް ހަލައިކުރުމަށް ދިވެހި ސަރުކާރަށް ގޮވާލައި އެ މަގުން ރާއްޖެ ގެންދިއުމަށް އަވަސް ޕްލޭނެއް އެކުލަވާލައި އެ ޕްލޭން ތަންފީޒުކުރުމަށް އަޅަން ޖެހޭ އެންމެހައި ފިޔަވަޅު އެޅުމަށާއި އަދި މަސައްކަތްތައް އަވަސް ކުރުމަށް ދިވެހި ސަރުކާރަށް ގޮވާލުން،" ސަލީމް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވެ އެވެ.

ސަލީމުގެ އެ ކުއްލި މައްސަލައަށް އޭނާ ހުށަހެޅި ހުށަހެޅުން ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވި 48 މެންބަރުންގެ އިއްތިފާގުންނެވެ.

މިހާރު 197 ގައުމުން ސޮއިކޮށްފައިވާ ޕެރިސް މުއާހަދާ އެކުލަވާލީ 2015 ވަނަ އަހަރުގަ އެވެ. އެ މުއާހަދާގެ ދަށުން ގައުމުތަކުން ވަނީ ޖައްވަށް ބޭރު ކުރާ ގްރީންހައުސް ގޭސްގެ މިންވަރު މަދު ކުރުމަށް އެއްބަސްވެފަ އެވެ. އަދި އެ މުއާހަދާގައި ވަނީ ދުނިޔޭގެ ޖައްވުގެ ފިނި ހޫނުމިން، ސިނާއީ އިންގިލާބު (އިންޑަސްޓްރިއަލް ރިވޮލިއުޝަން)ގެ ކުރިން ހުރި މިންވަރާ އަޅައިބަލާއިރު، ދެ ޑިގްރީ ސެލްސިއަސްއަށް ވުރެ މަތި ނުވާނެ މިންވަރެއްގައި ބެހެއްޓުމަށް ކަނޑައަޅާފަ އެވެ.

comment ކޮމެންޓް