އެންއައިސީއަށް އައްޔަނު ކުރުމަށް ރައީސް ހުށަހެޅުއްވީ ހިޔާނާތް ފަޅާއަރުވާލި ގާސިމް

ބީއެމްއެލް ފ. ނިލަންދޫ ބްރާންޗްގެ ކުރީގެ މެނޭޖަރު ގާސިމް އަބްދުލް ކަރީމް: އެންއައިސީއަށް އޭނާ އައްޔަނު ކުރުމަށް ރައީސް ވަނީ މަޖިލީހަށް ފޮނުއްވާފައި ----- ސަން ފައިލް ފޮޓޯ: ފަޔާޒު މޫސާ

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ފަޅާއަރުވާލި، ބޭންކް އޮފް މޯލްޑިވްސްގެ ފ. ނިލަންދޫ ބްރާންޗުގެ ކުރީގެ މެނޭޖަރު ގާސިމް އަބްދުލްކަރީމް، ހުސްވެފައިވާ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެންބަރު ކަމަށް، އައްޔަނު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިހްތިޔާރު ކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

ރައީސް ސޯލިހު، މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، ހުސްވެފައިވާ އެންއައިސީގެ މެންބަރު ކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ޅ. ނައިފަރު، ނިކަގަސްދޮށުގެ، ގާސިމް އަބްދުލްކަރީމް އެ މަގާމަށް އައްޔަނު ކުރުމަށް ފޮނުވާ ކަމަށެވެ.

އެ ސިޓީއާ އެކު ރައީސް ވަނީ އެންއައިސީގެ މެންބަރު ކަމަށް ކުރިމަތިލެއްވި އެހެން ފަރާތްތަކުގެ ނަންތައް ވެސް މަޖިލީހަށް ފޮޮނުއްވާފަ އެވެ. އަދި މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތަކަށް ފާސްކޮށްދެއްވުމަށް ވެސް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.

ގާސިމް ވަނީ އެމްއެމްޕީއާރްސީގެ މައްސަލައިގައި "ވިސްލް ބްލޯވިން" އުސޫލާ ހިލާފަށް ބީއެމްއެލްގެ ކަސްޓަމަރެއްގެ މައުލޫމާތު ހާމަކުރުމުގެ ކުށުގައި އަށް މަހާއި 12 ދުވަހަށް ޖަލަށް ލައިފައެވެ.

ހުކުމް ތަންފީޒުކުރުމަށްފަހު، އޭނާ ދޫކޮށްލާފައި ވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.

އެންއައިސީއަށް މެންބަރަކު އައްޔަނު ކުރުމުގެ މައްސަލަ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ވަނީ، މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް، ދިރާސާ ކުރުމަށް ފޮނުވާފަ އެވެ. ކޮމެޓީގެ ރިޕޯޓު މަޖިލީހަށް ފޮނުވުމުން އެ ވަކި ވަކިން ނަންތަކަށް ވޯޓަށް އެހުމަށްފަހު އެންމެ ގިނަ ވޯޓު ލިބޭ ފަރާތްތެއް އެ މަގާމަށް އައްޔަނު ކޮށްދެއްވުމަށް އެދި މަޖިލީހުން ރައިސުލްޖުމްހޫރިއްޔާއަށް ފޮނުވާނެ އެވެ.

މަޖިލީހުން ފާސްކޮށްފައި ފޮނުވާ ފަރާތެއް، ރައީސް އަށް ޖެހިވަޑައިގަންނަވާނީ އެންއައިސީއަށް އައްޔަނު ކުރާށެވެ.

އެންއައިސީގެ އިތރުން ހިއުމަން ރައިޓްސް ކޮމިޝަނުގެ ހުސްވެފައިވާ މެންބަރު ކަމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ތިން ނަމަކަށް އިސްކަން ދެއްވާ ރައީސް ވަނީ މަޖިލީހަށް ފޮނުއްވާފަ އެވެ.

ރައީސް އިސަކަން ދެއްވި ތިން ބޭފުޅުން:

  1. މަރިޔަމް މުނާ، މ. ބާރަނާގެ
  2. އަހްމަދު ސަމީނު، ފިނިވާގެ، އއ. ތޮއްޑޫ
  3. ފާތިމަތި މަހީރާ މުހައްމަދު، ހިޔާވަހި، ޅ. ހިއްނަވަރު

އެ ތިން ނަމާއި އެކު އެ މަގާމަށް ކުރިމަތިލެއްވި އެހެން ފަރާތްތަކުގެ ނަންތައް ވެސް ރައީސް ވަނީ މަޖިލީހަށް ފޮނުއްވާފަ އެވެ. އެ މައްސަލަ ދިރާސާ ކުރުމަށް ފޮނުވާފައިވަނީ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާރ ކޮމެޓީ އަށެވެ.

އެޗްއާރުސީއެމަށް ވެސް މެންބަރަކު އައްޔަނު ކުރާނީ މަޖިލީހުން ފާސްކޮށްފައި ރައީސަށް ފޮނުވުމުންނެވެ.

comment ކޮމެންޓް