ފިންސެން ފައިލްތަކުގެ ތަހުގީގަކީ ކޮބާ؟

ލީކުވި ފިންސެން ފައިލްތައް ފުރަތަމަ ޝާއިއު ކުރީ އައިސީއައިޖޭ އާއި ބަޒްފީޑު ނޫހުން -- ފޮޓޯ: އައިސީއައިޖޭ

އިންޓަނޭޝަނަލް ކޮންޒޯޓިއަމް އޮފް އިންވެސްޓިގޭޓީވް ޖާނަލިސްޓްސް (އައިސީއައިޖޭ)އިން 2016 ވަނަ އަހަރު ލީކުކޮށްލި ޕެނަމާ ޕޭޕާސް އިން ވަނީ މުއްސަނދިން އެތައް މިލިއަން ޑޮލަރުން ޓެކުހަށް މަކަރު ހަދާ ގޮތްތައް ފަޅާ އަރުވާލާފަ އެވެ. އަދި މިފަހަރު އައިސީއައިޖޭއިން ލީކުކޮށްލި ފިންސެން ފައިލްތަކުން، ދުނިޔޭގެ އެންމެ ބޮޑެތި ބޭންކުތަކުގެ ތެރޭގައި ހިމެނޭ ބައެއް ބޭންކުތަކުން ކަޅު ފައިސާ ދައުރުކުރުމަށް ފުރުސަތު ދީފައިވާކަން މިވަނީ ހާމަކޮށްފަ އެވެ.

ފިންސެން އަކީ ކޮބާ؟

އެމެރިކާގެ ފައިނޭންޝަލް ކްރައިމްސް އެންފޯސްމެންޓް ނެޓްވޯކް ނުވަތަ ފިންސެންއަކީ ފައިސާގެ މުއާމަލާތްތަކާ ބެހޭ މައުލޫމާތު ހޯދާ، އެގައުމާއި އެހެން ގައުމުތަކުގައިވެސް މަނީ ލޯންޑަރިންއާއި ޓެރަރިޒަމްއަށް ހަރަދުކުރުމާއި ފައިސާއާ ގުޅުން ހުރި އެހެން ކުށްތައް ހުއްޓުވުމަށް މަސައްކަތް ކުރާ އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމެންޓުގެ ބިއުރޯއެކެވެ. އަދި އެމެރިކާ ޑޮލަރުން ޝައްކު ކުރެވޭ ފަދަ މުއާމަލާތެއް ކޮށްފި ނަމަ، އެކަން ހިނގީ އެގައުމުން ބޭރުގައި ކަމަށްވީ ނަމަވެސް ފިންސެންއަށް އެ މައްސަލަ އަންގަން ޖެހޭނެ އެވެ.

ފިންސެން ފައިލްތަކަކީ ކޮބާ؟

ފިންސެން ފައިލްތަކަކީ 2000 އާއި 2017 ވަނަ އަހަރާ ދޭތެރޭ ދުނިޔޭގެ ބައެއް ބޭންކުތަކުން ފިންސެންއަށް ފޮނުވި ލިޔެކިޔުންތަކުގެ ތެރެއިން ލީކުވެފައިވާ 2،500އަށް ވުރެ ގިނަ ލިޔެކިޔުންތަކެކެވެ.

އައިސީއައިޖޭއާއި ބަޒްފީޑް ނޫހުން އެންމެ ފުރަތަމަ ޝާއިއު ކުރި އެ ލިޔެކިޔުންތަކުގައި ދުނިޔޭގެ ބޭންކުތަކުން ފިންސެންއަށް ފޮނުވާފައިވާ ސަސްޕިޝަސް އެކްޓިވިޓީ ރިޕޯޓު (އެސްއޭއާރު)ތަކެއް ހިމެނެ އެވެ. އެ ރިޕޯޓުތަކަކީ ބޭންކެއްގެ ހިދުމަތް ބޭނުން ކުރާ ބަޔެއްގެ ފަރާތުން ޝައްކު ކުރެވޭ ފަދަ މުއާމަލާތެއް ފެނިއްޖެ ނަމަ، އެ ބޭންކުތަކުން ފާޅު ކުރާ ކަންބޮޑުވުންތަކެވެ.

އެސްއޭއާރަކީ ޝައްކު ކުރެވޭ މީހަކު ނުވަތަ ބަޔަކު ކުށް ކުރާކަމުގެ ހެއްކެއް ނޫނެވެ. އަދި އެސްއޭއާރު ހުށަހެޅުމަށް ފަހު އެ ފަރާތަކަށް ހިދުމަތް ދިނުން ހުއްޓާލަން ފިންސެންއިން މަޖުބޫރެއް ނުކުރެ އެވެ. ނަމަވެސް ބޭންކެއްގެ ކްލަޔަންޓެއް ކުށް ކުރާކަން އެ ބޭންކަކަށް އެނގިއްޖެ ނަމަ، އެ ކްލަޔަންޓުގެ ފައިސާ ދައުރު ކުރުން ހުއްޓުވުމަކީ ބޭންކުގެ މައްޗަށް ގާނޫނުން ލާޒިމު ކުރާ ކަމެކެވެ.

ފިންސެން ފައިލްތަކުގެ ތަހުގީގުން އެނގުނު ކަންތައްތަކަކީ ކޮބާ؟

ފިންސެން ފައިލްތަކުން އެނގުނު ގޮތުގައި 18 އަހަރުގެ މުއްދަތެއް ތެރޭ ބޭންކުތަކުން ވަނީ ޝައްކު އުފެދޭ ފަދަ ދެ ޓްރިލިއަން ޑޮލަރުގެ ފައިސާ ދައުރުކޮށްފަ އެވެ. އޭގެ ތެރެއިން 1.2 ޓްރިލިއަން ޑޮލަރު ޕްރޮސެސްކޮށްފައި ވަނީ ޖަރުމަނުގެ ޑޮއިޗޭ ބޭންކުންނެވެ. އަދި ބާކީ ފައިސާގެ ބޮޑު ބައެއް ޕްރޮސެސް ކުރީ ޖޭޕީ މޯގަންއާއި ސްޓޭންޑާޑް ޗާޓާޑް ބޭންކާއި ބޭންކް އޮފް ނިއުޔޯކް މެލަންއާއި ބާކްލޭސް ބޭންކުންނެވެ.

އައިސީއައިޖޭގެ އެޑިޓަރެއް ކަމަށްވާ ފާގަސް ޝިއެލް ވިދާޅުވި ގޮތުގައި "ދުނިޔޭގައި ދައުރުވާ ކަޅު ފައިސާއާ ބެހޭ މައުލޫމާތު ބޭންކުތަކަށް އެނގޭ މިންވަރު" އެ ލިޔެކިޔުންތަކުން ވަނީ ހާމަވެފަ އެވެ.

ފިންސެން ފައިލްތަކުގެ ތަހުގީގު މުހިއްމު ވަނީ ކީއްވެ؟

އައިސީއައިޖޭއިން ނެރުނު ރިޕޯޓުގައިވާ ގޮތުން، ގަވާއިދާ ހިލާފަށް ހޯދާފައިވާ ފަައިސާ ދައުރު ކުރުމުން މަސްތުވާތަކެތީގެ ވިޔަފާރިއާއި ކުށްވެރިންގެ ހަރަކާތްތަކަށް ހިތްވަރު ލިބެ އެވެ. އަދި ނުހައްގުން މުއްސަނދިވެފައިވާ މީހުން އިތުރަށް މުއްސަނދިވެ، ޓެކުހަށް މަކަރު ހެދުމަށް ފަސޭހަވެ، ދުނިޔޭގައި މުއްސަނދިންނާއި ފަގީރުންގެ މެދުގައި އޮންނަ ތަފާތުތައް އިތުރުވުމަށް މަގުފަހިވެ އެވެ.

comment ކޮމެންޓް